ހައިކޯޓުގެ ރައްދެއް ޕީޖީ ޝަމީމަށް

Loading

Facebook
Twitter
WhatsApp

 

 

ކޯޓަކަށް ހުށަހެޅިފައިވާ ކަމަކާ މެދު އާންމުންގެ މެދުގައި ކޮމެންޓު ކުރުމާ ގުޅިގެން ހައި ހައިކޯޓުން  ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ރައްދު ދީފިއެވެ.

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އާއި ގުޅިގެން ޕީޖީ ޝަމީމް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދަށް ނިސްބަތްވާ ގޮތަށް ޓްވީޓް ކުރައްވާފައެވެ.

ކަފާލާތުގެ ދަށުން މީހަކު ދޫކޮށް ނުލުމަށް އިންޑިއާގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއްގައި، އެގޮތަށް ނިންމީ ކުށުގެ ތުހުމަތުކުރެވޭ އެ މީހާއަކީ ކުރިން ފިލާފައިވާ މީހަކަށް ވާތީ ކަމަށް ބުނާ ލިޔުމެއް މިމަހު ތިނެއްގައި ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ އެއްފަހަރު ފިލައިގެން އުޅެފައި ހުރި މީހަކު، އަލުން ފިލުމުގެ ފުރސަތު އޮންނާނެކަން އިންޑިޔާގެ ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

”އެޙާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެޔަތީ، އެމީހާ ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެވެރިން ޤަބޫލުކުރެއެވެ.“ ޝަމީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

 

އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމާއި ގުޅިގެން އެ ކޯޓުން ދަށުކޯޓުގެ ނިންމުން ބާތިލުކޮށް އައްމަޓީ އަލުން ބަންދުކުރަން އަމުރުކޮށް އިއްޔެ ވަނީ ހުކުމެއް ނެރެފައެވެ.

ހައިކޯޓުން އިއްޔެ އިއްވި ހުކުމުގައި ޕީޖީ ޝަމީމް ސޯޝަލް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކަށް  ރައްދު ދީ ބުނެފައިވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ފުރައްސާރައަކަށް ވެދާނެ ގޮތަކަށް ކަންކަން ކުރުމާއި ކޯޓަކަށް ހުށަހެޅިފައިވާ ކަމަކާ މެދު ޕަބްލިކުގައި ކޮމެންޓު ކުރުމަކީ ކޯޓު ހުރުމަތް ކެނޑުންކަމަށެވެ.
”އެފަދައިން ކަންކުރެވޭ ނަމަ، އެކަމުގެ ނޭދެވޭ އަސަރު ޝަރުއީ ނިޒާމަށް ކުރުމުގެ އިހުތިމާލު އޮންނާނެ. އަދި ޝަރުއީ ދާއިރާއާއި ފަނޑިޔާރުންނާ މެދު އޮންނަންޖެހޭ އިތުބާރު ކުޑަވުމުގެ މަގު އިތުރަށް ފަހިވެގެން ހިނގައިދާނެ.“ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވި އެވެ.

އަދި އެފަދަ ކޮމެންޓްތަކަކީ ތަރުހީބު ދެވޭނެ ކަންކަން ނޫން ކަމަށާއި އަދި އެއީ ހުޅުވިގެންވާ ދީމިގްރާތީ މުޖްތަމައަކުން ގަބޫލު ކުރާ އުސޫލަކަށް ވާނެ ކަމަކަށް ވެސް ބަލައި ނުގަނެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

ވަކިވަކި ފަނޑިޔާރުންގެ ޒާތަށް ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، ފުރައްސާރައަކަށް ވެދާނެ ގޮތަކަށް ކަންކަން ކުރުމާއި، މައްސަލައިގެ މައުލޫ ކޯޓުގައި ހިނގަހިނގައި އޮތްވައި، އެ މައުލޫގައި ކޯޓުން ބޭރުގައި ވަކިގޮތަކަށް އާންމުކޮށް ވާހަކަ ދެއްކުންފަދަ ކަންކަމަކީ ގާނޫނު ދައްކާފައިވާ މަގެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވި އެވެ.

 

ޝަމީމް މިމަހުގެ ތިން ވަނަ ދުވަހު ކުރެއްވި ޓްވީޓުގައިވާ ވާހަކަތައް ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވެފައި ވަނީ އެއީ ހުޅުވިގެންވާ ދީމިގްރާތީ މުޖްތަމައުތަކުން ގަބޫލު ކުރާ އުސޫލެއް ކަމަށްވާ ސަބްޖުޑިސީ ރޫލް އާ ކަނޑައެޅިގެން ފުށުއަރާ ގޮތަށް އޮތް ކޮމެންޓެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

”މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ފަނޑިޔާރަކު އަމިއްލަ މިނިވަންކަމާއެކު ގާނޫނުއަސާސީ އާއި ގާނޫނުގެ އިމުގެ ތެރެއިން ނިންމާ ނިންމުންތަކަކީ، ތައައްސުފީ ނިންމުން ތަކެއް ކަމަށް ދެކޭމީހާ އިސްތިއުނާފް ކުރުމުގެ އުސޫލުގެ ބޭރުން ފަނޑިޔާރުން ފަލީހަތް ކުރުމުގެ ބީދައަކުން ވާހަކަ ދައްކައި އެކަން މުޖުތަމައުން ގަބޫލު ކުރުވުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ފާލެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ“ ފަނޑިޔާރު ނިޔާޒުގެ ވިދާޅުވި އެވެ.

 

އަދި މީގެ އިތުރުން މައްސަލައެއް ނިންމުމުގައި ފަނޑިޔާރަކަށް ގޯސް ހެދުން އެކަށީގެންވާ ކަމަށް ވިދާޅުވެ ފަނޑިޔާރު އިއްވެވި ހުކުމުގައި ވިދާޅުވީ، ފަނޑިޔާރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ ހައިކޯޓުގައި އަދި ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ފަނޑިޔާރަކު އޭނާއަށް ލިބިދީފައިވާ އިހްތިޔާރެއް ބޭނުން ކުރުމަކީ ވަކި ފަރާތަށް ޖެހުން ނުވަތަ އަދުލުވެރިނުވުން ކަމުގައި ދެކިގެން ނުވާނެ ކަމަށް ވެސް އެ ކުހުމުގައި ވަނީ ބުނެފަ އެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް