ކުރީގެ ރައީސް އަބްދުއްލާ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންތަކެއް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލައިގައި އިނދިކޮޅުން އަނެއްކާވެސް ފުލުހަށް ގޮސްސިއެވެ.
އޯޑިއޯ މައްސަލައިގައި މިއަދު އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ބައެއް އިސްވެރިން މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވުމަށް ފަހު އެ އިދާރާއިން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހާމަކުރި ގޮތުގައި ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވީ އޯޑިއޯ މައްސަލައިގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ) ވިދާޅުވީ އެބޭފުޅުން ޕޮލިހަށް ވަޑައިގަތީ ތަކުރާރުކޮށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު އާއި ބައްދަލުކުރައްވަން ސިޓީ ފޮނުވައި، އެޔަށް ޖަވާބު ނުލިބުމުން ކަމަށެވެ.
އަދުރޭ ވިދާޅުވީ މީގެ ކުރިން އޯޑިއާތަކާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން އެ އެއްޗެހި ތަހުލީލުކުރަން ރާއްޖެއިން ބޭރަށް ފޮނުވައިފައިވާ ކަމުގެ މައުލޫމާތު ފުލުހުން ދިން ކަމަށެވެ. އަދި 10 ދުވަސް ތެރޭގައި އޭގެ ނަތީޖާ ލިބޭނެ ކަމަށް ބުނި ކަމަށާ ނަމަވެސް އޭގެ ފަހުން އިތުރު 10 ދުވަސް ފާއިތުވެއްޖެ ކަމަށެވެ.
ފުލުހުން މި މައުލޫމާތު ހިއްސާކޮށްފައި ވަނިކޮށް ޖޭއެސްސީ އިން މައްސަލަ ތަހުގީގުކޮށް އެ އޯޑިއޯތަކުގެ އަޑު ދިމާވަނީ އެންމެ ފަނޑިޔާރެއް ކަމަށް ބުނެފައިވާކަން އަދުރޭ ފާހަގަކުރައްވައި އަދުރޭ ވަވީ ޖޭއެސްސީ އަކީ އެފަދަ ތަހުގީގުތައް ހިންގަން ޖެހޭ މުއައްސަސާ ކަމާމެދު ސުވާލު އުފައްދާފަ އެވެ.
އޭނާ ވިދާޅުވީ އެފަދަ ތަހުގީގުތައް ހިންގަން ހޭއެސްސީން ނޫންކަމަށާ އެއީ ފުލުހުންގެ މަސައްކަތެއް ކަމަށެވެ.
މިއަދު އިނދިކޮޅުން ބޭނުންވީ ޕޮލިސް ކޮމިޝަނަރު އާއި ބައްދަލުކުރާށެވެ. ނަމަވެސް އިނދިކޮޅުން ފުލުހަށް ދިޔަ ނަމަވެސް ސީޕީ އާއި ބައްދަލުވާގޮތެއް ނުވެއެވެ. އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ފަރާތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ”އިންޑިއާއައުޓް“ ގެ ނަމުގައި ސިލްސިލާކޮށް ހަރަކާތްތަކެއް ހިންގާތީ، ސީޕީ ހުންނެވީ އެކަމާ ގުޅޭ ގޮތުން އިންޑިއާ އާއި މަޝްވަރާކުރެއްވުމަށް އިންޑިއާގައި ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.