ބަރުލަމާނީ ނިޡާމަކީ ދިވެހިންނަށްހުރި ނުރައްކަލެއް

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ ރަސްކަންމުގެ ދުވަސްވަރު ސަރުކާރު ހިންގީ ބަރުލަމާނީ ނިޡާމުންނެވެ. 1968 ގައި ރައްޔިތުންގެ ވެރިކަމުގެ ނިޡާމު ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުން ބަލައިގަތީ ރިޔާސީ ނިޡާމެވެ. އަދި އޭގެފަހުންވެސް ނިޡާމު ކަނޑައަޅަން ރައްޔިތުންގެ ވޯޓެއް ނެގިއެވެ. އެފަހަރުވެސް ރައްޔިތުން އާނބަސް ބުނީ ރިޔާސީ ނިޡާމަށެވެ. އެމްޑީޕީ އަޑު އުފުލީވެސް ތިންބާރު ވަކިވެފައިވާ ނިޡާމަކަށެވެ. އެއީ ރިޔާސީ ނިޡާާމެވެ. ވެރިކަމުގެ ބާރާއި ޤާނޫނުހަދާ ބާރާއި ޝަރުޢީ ނިޡާމު ވަކިވެފަަަަަަަައިވަނީ ރިއާސީ ނިޡާމުގައެވެ. ނަމަވެސް ބަރުލާމާނީ ނިޡާމުގައި މިދެންނެވި ތިން ބާރުވެސް އެކުވެ ރައްޔިތުންގެ މަޖިލީހުގެ އަތްދަށުވާނެއެެވެ.

ބަރުލަމާނީ ނިޡާމުން ސަރުކާރު ހިންގާ ހުރިހާ ސައުތު އޭސިއާގެ ޤައުމުތަކުން ފެންނަމުންދަނީ އެޤައުމުތަކަށް ހުރިބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. އެ ޤައުމުތަކުގެ ކުރިއެރުމާއި ރައްޔިތުންގެ ފުދުންތެރިކަމަށް ހުރަސްއެޅި ފަޤީރުކަމާއި ހަމަނުޖެހުން ބޮޑުވެ ޚިޔާނާތާއި ވަށްކަމާއި ބައިބައިވުން އިތުރުވެ ތަރައްޤީއަށް ހުރަސްއެޅި އިޤުތިޞާދެއް ނެތި ދަރަނިވެރިވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބޮޑުވަޒީރުގެ ޖީބު ބޮޑުވެ ޚިޔާނާތްތެރިވި ފައިސާތައް ހިފައިގެން ޤައުމު ދޫކޮށް ފިލައިގެން އެހެން ކޮންމެވެސް ޤައުމަކަށް ހިޖުރަކުރާ މަންޒަރެވެ.

ކޮވިޑުގެ ބަލިމަޑުކަމުން އިޤުތިޞާދުގެ ދަތިކަމުން އަރައި ނުގަނެވިގެން އުޅޭއިރު ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ ދަރަނީގެ ނިސްބަތް އިންތިހާއަށް މަތިވެ ރައްޔިތުންގެ ވިޔަފާރިތައް ބަނގުރޫޓުވެ ދިރިއުޅުމުގެ ޙާލާތާމެދު ކަންބޮޑުވެގެން ސަރުކާރާމެދު އަބަދު ރައްޔިތުން ޝަކުވާކުރަމުން ދާއިރު ޤައުމުގެ ޙާލަތާމެދު ވިސްނުމެއް ނެތިއެވެ. އަނެއްކާ ސަރުކާރު ހިންގާނެ ނިޡާމެއް ކަނޑައެޅުމަށް ހަތްދިހަ މިލިއަން ރުފިޔާ މިދަތި ޙާލުގައި ބޭކާރުކޮށްލަންވީއެވެ. ބަރުލާމާނީ ނިޡާމު ބޭނުންވެގެން މިއުޅުއްވަނީ ފެންނަ މަންޒަރުން ޚާއްސަކޮށް އެމީހަކަށް އާދެ! އެމްޑީޕީގެ ރައީސް ނަޝީދު އަދި މިހާރުގެ ގިނަ ސިޔާސީ ބޭފުޅުންނަށް ރައީސްކަމަށް އާދެވޭނެ ފުރުޞަތު ރައްޔިތުންގެ ވޯޓަކުން ނުލިބޭނެކަން ޔަޤީންވެ ކަށަވަރުވުމުންނެވެ.

މިކަން ސާބިތުވަނީ ނަޝީދު ރައީސްކަމުގައި ހުންނެވިއިރު ނިޡާމު ކަމުނުގޮސްގެން ނޫޅުއްވިކަމެވެ. ގިނަ ރައްޔިތުން މިއަދު ޤަބޫލުކުރާ ގޮތުގައި ނަޝީދު ރާއްޖޭގެ ހުންގާނާ ދެން ޙަވާލު ކޮށްފިނަމަ ދިވެހި ޤައުމުން ފެނިގެންދާނީ ނަޝީދަށް ހިތްވަރާއި ޢިއްޒަތާއި ”އެހީތެރިކަންދީ“ އެބަޔަކު ދިވެހިންގެ ތެރޭގައި އަށަގަންނުވަން މަސައްކަތްކުރާ ޔޫރަޕްގެ ”އޭޖެންޓުގެ“ ތަޞައްވަރާއި ފިކުރެވެ. ޤާނޫނުއަސާސީ އަކީ ހިތަށްއަރާއިރަށް ބަދަލުކޮށް ބަންޑާރަ ކަފަ ވަށްދަން ގެންގުޅޭ އަމިއްލަ ބާލީހެއް ނޫންކަން ދަންނަންޖެހެއެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނީ ޤާނޫނުއަސާސީ ދުވާލަކު ދެފަހަރު ބަދަލުކޮށްގެނެއް ނޫނެވެ. ޤައުމެއް ތަރަޤީވާނީ އެ ޤައުމެއްގެ ރައްޔިތުންގެ އަޚުލާޤާއި އެބައިމީހުންގެ ފުދުންތެރިކަން އިތުރުވެ ސަރުކާރަށް އަތްދިއްކުރުން ނިންމިގެންނެވެ. ފަޤީރު ޤައުމުތަކުގައި އަބަދުވެސް ވަށްކަމާއި ޚިޔާނާތާއި ފޭރުމާއި މަގުމަތީގެ އަމާންކަން ގެއްލޭނެއެވެ.

Hong Kong’s legislative assembly descended into chaos

ބަރުލަމާނީ ނިޡާމަކުން ދިވެހި ޤައުމަށް ވާނެ އިތުރު ފައިދާއެއް ނެތްކަން ސާބިތުވަނީ ދެކުނު އޭސިއާގެ ހުރިހާ ޤައުމެއްގައި ވެސް ވެރިކަމުގެ ނިޡާމަކީ ބަރުލަމާނީ ނިޡާމު ކަމަށް ވުމެވެ. ވިސްނަވާށެވެ. މިދެންނެވި އަފްޣާނިސްތާން، ޕާކިސްތާނު، ބަނގުލާދޭސް، އިންޑިއާ، ނޭޕާލް، ބޫޓާން، ސުރީލަންކާ، މި ޤައުމުތަކަކީ ދުނިޔޭގެ ނިސްބަތުންވެސް ފަޤީރުން ގިނަ ޤައުމުތަކެވެ. ތަރައްޤީއަށް ވިސްނާލިއަސް މިއަދުވެސް މިއިން ކޮންމެ ޤައުމެއްގައި އެލެކްޓުރިކް ސަޕްލައިވެެސް ދަމާފައިވަނީ ރައްޔިތުންގެ ބޯމަތިންނެވެ. ދުވާލަކު ތިން ހަތަރު ފަހަރު ކަރަންޓުކެޑި ގެދޮރުގައި ބޭނުންކުރާ އެކިބާވަތުގެ އެލެކްޓުރޯނިކް އަދި އެލެކްޓުރި ސާމާނުތައް އެލެކްޓުރިކު ސޮކުން ހަލާކުވެދެެއެވެ. ވެރިކަންކުރާ ސިޓީތައްވެސް މަގުތައް ފެންނަނީ އަޑިގުޑަންކޮށް ހަލާކުވެފައެވެ.

ނަޖިސް ހިންދަނީ އެބަޔަކު ދިރިއުޅޭ ގެއެއްގެ ބިމުގެ އަޑިއަށެވެ. ފަޤީރު އަވަށްތަަކުގައި އަދި މިއަށްވުރެ ޙާލުބޮޑެވެ. އެކަމަކު ކޮންމެދުވާލަކު މަދުވެގެން ގަނޑިއެއްހާއިރު ކަރަންޓު ކެނޑުނަސް ރިޔާސީ ނިޡާމުން ވެރިކަން ކުރާ ދިވެހިރާއްޖޭގެ ކަރަންޓު ސަޕުލައި ވަނީ ބިމުގެ އަޑީގައި ރައްޔިތުންނަށް ގެއްލުން ނުވާގޮތަށް ރައްޔިތުންގެ ފައިދަށުގައެވެ.

މިފަދަ ޙާލެއްގައި މި ޤައުމުތަކުގެ ރައްޔިތުން ދިރިއުޅެންޖެހެނީ ޤުދުރަތުން އެޤައުމުތަކަށް ދެއްވާފައިވާ މުއްސަދިކަން މަދުވެގެނެއްނޫނެވެ. އަދި މުއްސަދިކަން ނެތިގެނެއްވެސް ނޫނެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ދަށުގައި ބަރުލަމާނީ ނިޡާމު އޮންނާތީ ޕާލަމެންޓުގެ މެންބަރުންގެ ވަށްކަމާއި ޚިޔާނާތާާއި ފަސާދައެވެ. ބަރުލާމާނީ ނިޡާމުގައި މިއަދު އިންޑިއާގެ ޑޮލަރުގެ އަގަކީ 75.00 ރުފިޔާއެވެ. ޕާކިސްތާނުގައި 172.00 ލަންކާގައި 240.00 ބަނގުލާދޭސްގައި 86.00 އެކަމަކު ރިޔާސީ ނިޡާމުގެ ދިވެހި ރާއްޖޭގައި 15.42 ރުފިޔާއެވެ.

A member of Wickremesinghe’s United National party Sri Lanka, Palitha Thewarapperuma, appeared to be carrying a large knife in the fray.

ބަރުލަމާނީ ނިޡާމުގައި ހުރި ބައެއް ނުރައްކަލުގެ ސިފަތައް

މަޖިލީހުގެ މެންބަރުންނަކީ ތަޢުލީމީ އެއްވެސް ފެންވަރެއް ހުންނަންޖެހޭ ބަޔަކަށްނުވުން! މަޖިލީހަށް ހޮވެނީ ފައިސާގެ ނުފޫޒާއި ޢާއިލީ ގުޅުންތެރިކަމުގައި! އަދި ބިޑިކޮޅު ބަހާ މީހަކަށްވުން! މިހާތަނަށް ލިބުނު ތަޖްރިބާއަކީ އިސްލާމުދީނުގެ ޢިލްމުވެރިއަކަށް މަޖިލީހުން ފުރުޞަތު ނުލިބުން! ބަރުލަމާނީގެ ޤައުމުތަކުން ފެންނަމުންދަނީ ކަރަޕްސަނާއި ގިނަގިނައިން ބަޣާވާތްކޮށް ސަރުކާރު ވައްޓާލާތަން! ބަރުލާމާނީ ނިޡާމުގައި ވެސް ކޯލީސަނާ ނުލާ ވެރިކަން ކުރަނީ ވަރަށް މަދު ފަހަރަކު! ބޮޑުވަޒީރަކީ ޕާލަމެންޓުން ކަޑައަޅާ މީޙަކަށް ވުމުން ސީދާ ރައްޔިތުންގެ ރުހުން އެމީހަކަށް އޮންނަން ނުޖެހުން!

އަދި ރައްޔިތުންގެ ގާތަށް ބޮޑުވަޒީރު ވޯޓު ހޯދަން ދާންނުޖެހުން! ބޮޑުވަޒީރުގެ އިތުރުން ޢިއްޒަތް ދެއްވާފައިވާ ރައީސަކު ހުންނަންޖެހުމުން ރައްޔަތުންނަށް ޚަރަދު އިންތިހާއަށް ބޮޑުވުން! މިނިސްޓަރުންނާއި ސުޓޭޓު މިނިސްޓަރުންނަކީ ތަޖުރިބާ އެއް ޙިލްމެއް ޢިލްމެއް ނެތް ޕާލަމެންޓުގެ މެންބަރުން! ދުއިސްއްތަ ވޯޓުން ހޮވޭ މެންބަަރުވެސް ބޮޑުވަޒީރަކަށް ވެވުން! މުސްތަޤުބަލުގައި ދިވެހިރާއްޖޭގައި އެއް ޕާޓީއަކަށް ޕާލަމެންޓުގެ މެޖޯރިޓީ ލިބުމަކީ މުސްތަހިއްލު ކަމަކަށްވުން! އަދި މިހާރު ރާއްޖޭގެ މާޙައުލު އޮތްގޮތުން ޕާޓީ ނިޡާމުގެ ސަބަބުން ޢިލްމީ ޤާބިލު ފަރާތްތަކަށް ފުރުޞަތު ކުޑަވުން! ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއްނެތި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކިތަންމެ ޕާލަމެންޓުގެ މެންބަރުކު ބޮޑުވަޒީރުކަން ކުރައްވާނެ ފުރުޞަތު އޮތުން!

މިއަދުވެސް ޤައުމަށް ލިބޭ އާމުދަނީން ދެކޮޅު ނުޖެހިގެން ދަރަނި މައްޗަށް ދަރަނިވެރިވާއިރު ދިވެހިރާއްޖޭގައި ފަސްލައްކަ އާބާދީ ހަމަނުވާ ޕާލަމެންޓުގައި 88 މެންބަރުން އެބަތިއްބެވިއެވެ. ނަމަވެސް އިންޑިއާގެ 1 ބިލިއަނަށްވުރެ ބޮޑު އާބާދީގައި ތިބެނީ 500 މެންބަރުންނެވެ. ލަންކާގެ 22 މިލިއަން އާބާދީގައި ޕާލަމެންޓުގެ ތިބެނީ 240 މެންބަރުންނެވެ. ސިންގަޕޯރގެ އާބާދީގެ 6 މިލިއަން ތިބޭއިރު ޕާލަމެންޓުގެ ސައިޒަކީ 91 މެންބަރެވެ.

ނިއުޒީލޭންޑު ސިންގަޕޯރ ފަދަ ބައެއް ޤައުމުތަކުގައި ތަރައްޤީވެ އަދި ރިޒާވެއް އޮވެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްވެ ހަމަޖެހޭ ވެރިކަމެއް ކުރަނީ އެޤައުމުތަކުގައި ޕާލަމެންޓު މެންބަރުންގެ ވަށްކަމާއި ޚިޔާނާތް ނެތީމައެވެ. މެންބަރު މެދުވެރިވެގެން ރައްޓެހި މީހާއަށް ޕުރޮޖެކްޓުތައް ނުހޯދާތީއެވެ. މިދިޔަ ކޮވިޑުގެ ބަލިމަޑުކަމުގައިވެސް ސިންގަޕޯރގައި އެޤައުމުގެ ރައްޔިތުންނަަށް ސަރުކާރުން ކޮންމެ މަހަކު 1500 ޑޮލަރ ދިނެވެ. އެކި ޓެކުސްތައް ކުޑަކޮށް ތަންތަނުގެ ކުލި ދަށްކުރިއެވެ.

މިއަދުވެސް އަދި މާޒީގައިވެސް ރާއްޖޭގައި ހިނގާފައިވާ ކޮންމެ ވަށްކަމެއް، ހިނގާފައިވަނީ ޕާލަމެންޓުގެ ބައިވެރިވުމާއި އެކުގައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ފެށުނީވެސް އަދި އެފައިސާތައް ބެހީވެސް ޕާލަމެންޓުގެ މެންބަރުންގެ މެދުގައެވެ. މެލޭސިއާ އަކީވެސް ބަރުލަމާނީ ނިޡާމުގެ ޤައުމެކެވެ. ފެނިގެންދިޔައީ ބޮޑުވަޒީރުގެ ބޮޑު ޚިޔާނާތެވެ. ނިޡާމު ބަދަލުކުރިއަސް ދިވެހިރާއްޖޭގައި ތިބޭނީ ހަމަ އެއްބައެކެވެ. ވަށްކަމާއި ޚިޔާނާތުން ބޮޑެތިވެފައިތިބި ޖީލެކެވެ. ދިވެހި ޤައުމަށް ދިމާވި އެންމެބޮޑު ގެއްލުމަކީ ޚިޔާލު ތަނަވަސް ދުރުވިސްނޭ މުރާލި ހީވާގި ޤައުމުތަކަށް ސަލާން ނުޖަހާ އަމިއްލަ ފުދުންތެރިކަން އިތުރުކޮށް ޤައުމުދެކެ ލޯބިވި ރައީސް އިބްރާހީމު ނާޞިރަށްފަހު ދީނީ ފަނގުޑި އަޅުއްވައިގެން ދީން ހަތިޔާރަކަށް ހައްދަވައިގެން ތަރައްޤީއާއި އިޤުތިޞޯދީ ގޮތުން އެއްވެސް އިތުރު ތަޞަވަރެއް ނެެތި ޑުރަގުގެ ވިޔަފާރި އާންމުކޮށް ޤައުމުގައި ދަރިމައިވުން ހުއްޓުވާ އާބާދީ ކޮންޓުރޯލްކޮށް ތިރީސް އަހަރު ވެރިކަންކުރެއްވި ޢިއްޒަތްތެރިއަކުގެ ހަމައެކަނި ވެރިކަމުގައި ދެމިހުންނެވުމަށް ވިސްނެވި ވިސްނެވުމެވެ.

ވީއިރު މިއުޅެނީއަކީ ނިޡާމުގެ މައްސަލައެއް ނޫނެވެ. ވެރިކަމަށް ދަހިވެތި ޚާއިނުންތަކެއް ދައުލަތުން މިހާރަށްވުރެވެސް ފަހިކޮށް ވައްކަންކޮށް ބައިއަޅާ ދައުލަތް ލޫޓުވާލައިގެންނަމަވެސް އެމީހުންގެ އުފަލާއި އަރާމުދިރިއުޅުން ޙާސިލްކުރުމަށެވެ. ގައުމަށް ހަމަ އެންމެރަނގަޅީ ހުރިހާރައްޔަތުންނަށް ވޯޓްލެވިގެން ހޮވޭ ރައީސުލް ޖުމްހޫރިއްޔާއެކެވެ. އާދެ! ރިޔާސީ ނިޡާމެވެ.

 

Loading

2 Responses

  1. ޒާހިރުގެ މި ލިއުއްވުމަށް ޝުކުރުވެރިވަމެވެ. އެމީހަކަށް ލިބިފައިވާ އިލްމަކާއި ތަޖްރިބާއެއް ބޭނުންކޮށްގެން މި ގައުމަށް އެންމެރަނގަޅުގޮތަކީ ކޮބައިކަން ވިސްނާދެވޭތޯ އަދިވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. ހިތާމައަކީ ވަރަށް ގިނަފަހަރު އަޅުގަނޑުމެން ވިސްނަންފަށަނީ ކަންކުރުމަށްފަހުގައެވެ. މިގޮތަށް ބަރުލަމާނީވެސް އަތުވެދާނެކަމަށް ބިރުހީވެއެވެ.

    1. ގޯހީ ވެރިންނޭ ބުނެ ނިންމާލެވޭކަށް ނެތެވެ. އަސްލު ގޯހީ ރައްޔަތުންނެވެ. އެމީހުންގެ މިނިވަނަކަމާއި ދިރިއުޅުމާއި ދީން ވިއްކަލެވޭހާ ބާރުދެވޭ ރައީސް އަކު ނުވަތަ ރައްޔަތުންގެ ޚާދިމެއް ހޮވާއިރު 500 ރުފިޔާއަށް ނުވަތަ އޭނާގެ ދަރިއަކަށް 5 އަހަރަށް ދައުލަތް ހިންގަދޭން ޙަވާލުކުރެވޭ މީހާއަތުން ހޯދުމަށްޓަކައި ވޯޓްވިއްކާލާއިރު އެމީހެއްގެ ފަރުދީ ޒިންމާ އަދި މާތްﷲއަށްޓަކައި ރިޝްވަތު ހިފުމާއި ދިނުމުގައި ކުޑަވެސް ޖެހިލުމެއް ނުވޭ ނޫންތޯއެވެ. ވީއިރު ދެން ހެޔޮވެރިއަކު އަހަރެމެންގެ ތެރެއިން އަންނާނެ ގޮތެއް ނުވެސްނެއެވެ. ހަމަ ކޮންމެ ބަޔަކުވެސް ކޯލިޝަން ހަދައިގެން އެމީހުންގެ މުހުދާދުތައް ފުށްދައި މަޖަލަގައި އުޅެލުން އެއީ އެޖެންޑާ19 ވެސް މެ ނޫންތޯއެވެ. ރައްޔަތުންނަށް އަބަދު ދޯކާ ލިބެނީ ރައްޔަތުމީހާވެސް ވޯޓް ވިއްކާލައި ބޮޑުވަރިހަމަ ވީމައެވެ. ނޫންތޯ؟؟!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް