ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ތަޅުމަށް ނުގެނެވޭނެ ކަމަށް ރިޔާސަތުން ބުނެފި އެވެ.
ކު ދަރިވަރަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހުކޫލުން ރެކެން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާ ޝިޔާމް މައްސަލަ ހުށަހެޅުއްވީ އިއްޔެގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުއްލާ ވިދާޅުވީ މައްސަލައެއް މަޖިލީހަށް ހުށެހެޅޭނެ ޝަރުތުތަކުގެ ތެރޭގައި އެ މައްސަލައަކީ މަޖިލީހުގެ ކޮމިޓީއެއްގައި ދިރާސާކުރެވެމުންދާ މައްސަލައަކަށް ވެގެންނުވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ޝިޔާމް އެ މައްސަލަ ހުށަހެޅުއްވިއިރު އެ މައްސަލަ ޖެންޑާ ކޮމިޓީން އިސްނަގައިގެން ބަލަމުންދާކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އަދި ޝިޔާމް ހުށަހެޅުއްވި މައްސަލަ ތަޅުމަށް ނުގެނެވުނު ނަމަވެސް އެ މައްސަލައިގައި ހިމަނުއްވާފައިވާ އަސާސްތަކަށް ރިއާއަތްކޮށްގެން އެ މައްސަލަ ބެލޭނެ ކަމަށް ޖެންޑާ ކޮމިޓީއާ ހަވާލާދެއްވައި އީވާ ޔަގީންކަން ދެއްވި އެވެ.
މިހާދިސާއާއި ގުޅިގެން އެންމެ ފުރަތަމަވެސް ސްކޫލުން އަމަލުކޮށްފައިވަނީ ވަރަށް ޒިއްމާދާރުކަން ކުޑަކޮށްކަމަށް ވިދާޅުވެ، ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިއްމާ ސްކޫލްތަކުން ފުރިހަމައަށް ނަގަންޖެހޭ ވަގުތުތަކެއް ކަމަށްވީނަމަވެސް ގަލޮޅު މަދަރުސާގައި އެ ދަރިވަރު ހަވާލުވެގެންހުރި ޓީޗަރަށްވެސް ދަރިވަރު ހަވާލުކުރެވުނީ ކާކާ ކަންވެސް ނޭނގޭ ކަމަށެވެ.
އަދި ސްކޫލްގައި ކަން ހިނގާދިޔަގޮތް ބެލޭނެ ކެމެރާތައްވެސް ނެތް ކަމަށާ މި ކަމުގެ ޒިންމާއިން ރެކެން ސްކޫލު މެނޭޖްމަންޓުން މަސައްކަތް ކޮށްފައިވާކަމަށް ވެސް މެންބަރު ޝިޔާމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވި ގޮތުގައި ރިޕޯޓް ހެދުން ލަސްވުމަކީ އަނިޔާގެ މިންވަރު ދެނެގަތުމަށް އެޅޭ ހުރަހެއް ކަމަށާއި އެޑިއުކޭޝަނާއި ޖެންޑާގެ ނިންމުންތައް އެހާމެ ލަސް ކަމަށާއި، މިކަމަށް ސަމާލުކަން ލިބުނީ މީޑިއާގެ ސަބަބުން ކަމަށާއި އަދި މިކަމުގައި ޝާމިލްވި އެންމެން ވެސް އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.
މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަމުން އަންނައިރު އެ ކޮމިޓީން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިނާއި ފުލުހުން އަދި ޖެންޑާ މިނިސްޓްރީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށް ވެސް ނިންމާފައެވެ.
ގަލޮޅޫ ސްކޫލުގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވީ މިދިޔަމަހުއެވެ. ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ ފާހާނާ އަށް ދިޔަ ވަގުތު ކަމަށް ވެއެވެ.
އެ މައްސަލައާއި ގުޅިގެން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމައްސަލައާ ގުޅިގެން އެ ސްކޫލުގައި މަސައްކަތްކުރާ އަންހެން މަސައްކަތު މީހުން ސަސްޕެންޑް ކޮށްފައިވާ ކަމަށާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްކޫލްގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ.
ކުއްޖާގެ ބެލެނިވެރިޔާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން މެޑިކަލް ރިޕޯޓްތަކުން ހާމަވެއެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެކުއްޖާގެ ބެލެނިވެރިޔާ އާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.