ގަލޮޅު ސްކޫލްގެ ޖިންސީގޯނާ: އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެެރިން މަޖިލީހަށް ހާޒިރުކުރަނީ

Loading

Facebook
Twitter
WhatsApp

ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ  މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން ނިންމީ މިއަދު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މި މައްސަލައާ ގުޅުން ހުރި ފަރާތްތައް އެ ކޮމިޓީއަށް ހާޒިރުކުރުމަށް ޓަކައި އެކަން ކޮމިޓީގެ މެމްބަރުންނަށް ހުށަހެޅުމާއި ގުޅިގެންނެވެ.

ޖީހާން ހުށަހެޅުއްވީ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިނާއި  ފުލުހުން އަދި ޖެންޑާ މިނިސްޓްރީގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށެވެ. ޖީހާންގެ އެ ހުށަހެޅުމަށް އެ ކޮމިޓީގެ މެމްބަރުން ވަނީ ތާއިދުކޮށްފައެވެ.

”އެހެންވީމާ ބުދަ ދުވަހުގެ ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓްރީއާ މޯލްޑިވްސް ޕޮލިސް ސާވިސް އަދި ޖެންޑާ މިިނިސްޓްރީ ގެންނަ ގޮތަށް ތިބޭފުޅުންގެ ރުހުން އޮތް ނަމަ އަޅުގަނޑު އެގޮތަށް މި ނިންމަނީ،“ ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަންތަނަށް ހެދުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ހިނގާ ގޮތް ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ވެސް ލިޔުމުން ހުށަހަޅާނެކަމަށްވެސްޖީހާންވިދާޅުވިއެވެ.

ގަލޮޅު ސްކޫލްގެ ދަރިވަރަށް ޖިންސީ ގޯނާ ކުރި މައްސަލައާ ކޮމިޓީ އަށް ކަމާބެހޭ ފަރާތްތައް ހާޒިރުކުރަން ނިންމާފައި މިވަނީ މި މައްސަލައިގައި ސްކޫލުން ރެކެން އުޅޭކަމަށް ތުހުމަތުކުރައްވައި މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު ހުށަހަޅާފައި ވަނިކޮށެވެ.

މައްސަލައާއި ގުޅިގެން އެ ސްކޫލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމައްސަލައާ ގުޅިގެން އެ ސްކޫލުގައި މަސައްކަތްކުރާ އަންހެން މަސައްކަތު މީހުން ސަސްޕެންޑް ކޮށްފައިވާ ކަމަށާ  ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްކޫލްގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިމިފައިވާ ކަމަށެވެ.

ކުއްޖާގެ ބެލެނިވެރިޔާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން މެޑިކަލް ރިޕޯޓްތަކުން ހާމަވެއެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ ކަމަށް ވެސް އެކުއްޖާގެ ބެލެނިވެރިޔާ އާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް