މިހާރު ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރަ ކުޑަ ކުރުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް

Loading

Facebook
Twitter
WhatsApp

ވަޒީފާ އަދާކުރާފަރާތްތަކަށް ދެންޖެހޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމަށްޓަކައި ދުވަސްތަކެއް ވަންދެން އެތަކެއް ދިރާސާއަކާއި އެތަކެއް މަޝްވަރާއެއް ކުރުމަށްފަހު އެންމެ ކުޑަ މުސާރަ ވަނީ ކަނޑައަޅާފައެވެ. އެހެނަސް މަޓީ އާއި މަސީ އިން އެ މުސާރައާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެން ކަނޑައެޅުނު މިނިވަން ވޭޖް ސަރުކާރުން އަލުން މުރާޖަޢާ ކުރަން އުޅޭކަމަށް ބެލެވެއެވެ.

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ދިރިއުޅުމުގެ ޚަރަދުބޮޑު ގައުމެކެކެވެ. އެހެންކަމާއެކު ތިންހަތަރު ހާސް ރުފިޔާ އެންމެ ކުޑަމުސާރައިގެ ގޮތުގައި ލިބިގެން މި ރާއްޖޭގެ ރައްޔިތުންނަކަށް ދިރިއެއް ނުއުޅެވޭނެ ކަން ޔަގީނެވެ. ރިޒޯޓް ތަކުގައި ފަތިހު ތެދުވެގެން ރޭގަނޑު 12 ޖެހުމާ ހަމަޔަށް މަސައްކަތް ކުރާ ދިވެހި އަނބިންނާއި ފިރިން އެބައުޅެއެވެ. ދެމަފިރިންނަށް ދަރިންނާއެކު ވަގުތު ހޭދަކުރެވޭނެ ގޮތެއް ނުވެފައި އެބަތިއްބެވެ. މީގެ އިތުރުން ފިރިމީހާ ރިޒޯޓުގައި އަނބިމީހާގެ ލޮލަށް ނުފެނި އެތައް ދުވަހެއްވެ ދަރިންނަށް ބައްޕައިންނާއި މަންމައިންގެ ލޯބި ނުލިބި ދާދިއުމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ތޯއެވެ؟ ވަޒީފާ އަދާކުރުމަށްފަހު ދެމަފިރީން ބައްދަލުނުވެ ދަރިފުޅަށް ބައްޕަ ނުފެނި މަންމައަށް ދަރިފުޅު ނުފެނި ދަރީން ބިކަވެ ރޫޅިގެން ގޮސްފައި ވަނީ ކިތައް ޢާއިލާތޯއެވެ؟

ސަރުކާރުން ޖަލުހަދައިގެން މަސްތުވާ ތަކެތި ބޭނުން ކުރާ މީހުނަށް ދައުލަތުން އެކުރަނީ ކޮން ބޭކާރު ޚަރަދެއް ހެއްޔެވެ؟ ޒުވާނުން ޑްރަގު ބޯން ވެސް ޖެހެނީ ވަޒީފާ ނުލިބުމާއި ވަޒީފާލިބުނަސް އެލިބޭ އުޖޫރަ ކުޑަކަމުން އަމިއްލަ ބޭނުންތައް ނުފުދިގެންނެވެ.

ވަޒީފާ އަދާކުރާ ޒުވާނާއަށް އެކަށޭނަ އުޖޫރައެއް ލިބޭނަމަ ޢާއިލާގެ ލޯބިން އެޒުވާނުން މަޙުރޫމް ނުވާނެއެވެ.

ކުރިއަރަންވީ ރައްޔިތުން ހެއްޔެވެ؟ ނޫނީ ގައުމުހެއްޔެވެ؟

ރައްޔިތުން ކުރިނައަރައި ގައުމު ކުރި އެރުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔާފާރިތަކަށް މިހާރު ކަނޑައެޅިފައިވާ މިންވަރުން ވެސް އެވަޒީފާތަކަށް އަންނާނީ ބަންގާޅު މީހުންނެވެ. އެހެންކަމުން ކަނޑަ އެޅުނު އެންމެ ކުޑަ އުޖޫރަ އިތުރަށް މުރާޖަޢާނުކޮށް ކަނޑައެޅި ގޮތަށް ނިންމަން އެބަ ޖެހެއެވެ. ތިންހަތަރު ހާސް ރުފިޔާ ލިބިގެން މި މާލޭ ސަރަޙައްދަކު ނުއުޅެވޭނެއެވެ. ދިރި ނުއުޅެވޭ މިވަރުގެ ކުޑަ އުޖޫރައެއް ހޯދަން ވަޒީފާ އަދާކުރާނީ ކިހިނެއް ހެއްޔެވެ؟ ސަރުކާރުން ރައްޔިތުންގެ އެންމެހައި ހައްގު ތަކަށް އިޙުތިރާމް ކުރަން ޖެހޭއިރު ރިޒޯޓްގައި ވަޒީފާ އަދާކުރާ ދެމަފިރީންގެ ޙައްގުތައް ވެސް ހިމަނާން ޖެހެއެވެ.

ރާއްޖޭގެ ލޭބަރ އިންޑަސްޓްރީ ގެ 80 އިން ސައްތަ މަސައްކަތް ކުރަނީ ބިދޭސީންނެވެ. އެ އިންޑަސްޓްރީއަށް ދިވެހި ލޭބަރުން ނުލިބެނީ ކުރާ މަސައްކަތާއި ލިބޭ އުޖޫރައާ އެކަށީގެން ނުވާތީއެވެ. ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ވެސް އޮތީ މިހާލުގައެވެ. މިހާރު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލާލިނަމަވެސް ފެންނަމުން ދަނީ ރާއްޖޭގައި ކުރާ ވިޔާފާރިތަކާ ހުރިހާ މަސައްކަތެއް ބިދޭސީންގެ އަތްމައްޗަށް ފުރޮޅެމުން ދާ މަންޒަރެވެ.

މާލޭ ސަރަޙައްދުން އެއް ކޮޓަރީގެ އެޕާޓް މަންޓެއް ހިފަން ބެލިނަނަވެސް އެންމެ އާދައިގެ އެޕާޓް މަންޓެއް އައްހާހަށް ވުރެ ތިރިއެއްނުވާނެއެވެ. އެހެން ކަމާއެކު ސަރުކާރަށް މި އިލްތިމާސް ކުރަނީ ރައްޔިތުންގެ ޙައްޤުތަށް ޙިމާޔަށްކޮށް ރައްޔިތުންނަށް ޙައްޤުވާ މިންވަރު ހޯއްދަވައި ދެއްވައި ކަނޑައެޅިފައިވާ އެންމެ ކުޑައުޖޫރައަށް ބަދަލު ނުގެނެސް މި އާބާދީ ކުޑަ ގައުމުގެ ވަޒީފާ އަދާކުރާ ފެންވަރުގެ އެންމެނަށް ވަޒީފާއަދާ ކުރެވޭނެ މަގު ތަނަވަސް ކޮށް ދެއްވުމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު އައު

މުގެ ކުރިން ކުރި ކެމްޕޭނުގެ ތެރެއިން ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމަށް، މިނިވަން ވޭޖެއް ކަނޑައަޅާނެ ކަމުގެ ޔަގީން ދެއްވިއެވެ. އެހެނަސް ކަން ނިމިގެން މިދިޔައީ ވިޔާފާރިވެރިންނާ ރިޒޯޓް ވެރިން ބޭނުންވިގޮތަށް ކަމަށް ބެލެވެއެވެ. މި އުޖޫރަ ކުޑަކޮށްފި ނަމަ ރައްޔިތުން ތިބޭނީ ކުރިންވެސް ތިބި ބިކަ ޙާލުގައި ކަން ޔަގީނެވެ.

އެންމެ ހިތްދަތި ޙާލުގައި އުޅޭ އެއްބަޔަކީ ރިޒޯޓުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނެވެ. ރޭގަނޑު ނިދަން އަނބިދަރީންގެ ގާތަށް ނާދެވުމާއި ލިބޭ އުޖޫރަ ކުޑަކަމުން ޢާއިލާ ނުބެލެހެއްޓި އާއިލާ ރޫޅިގެން ދާދިއުމެވެ. މިއީ މިހާރުން މިހާރަށް މަޓީން ގޮތެއް ނިންމަން ވެއްޖެ ކަމެކެވެ. އަދި ސަރުކާރުން ވެސް މަސައްކަތް ތެރިންގެ ޙައްޤުގައި ބަސްބުނެ މިކަމަށް ހައްލެއް ހޯދައިދޭން ޖެހިފައިވާ އެންމެ ޚުޠޫރަތްތެރި ދަނޑިވަޅެވެ.

ސަރުކާރު ތެދުވަންވީ ރައްޔިތުންގެ ޙައްޤުގައެވެ. ވިޔަފާރިވެރިންގެ އަންބޮޑި ބޮޑުކޮށްދޭކަށެއް ނޫނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް