މިނިވަންކަން ގެއްލުމުން ދަރިންގެ ދަރިންނަށް ރައީސް ނަޝީދު ފޯރުކޮށްދެއްވާނީ ކޮންއެއްޗެއް؟

Loading

Facebook
Twitter
WhatsApp

ރައީސް ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދުތަކަކާއެކުގައެވެ. ދިވެހީންނަށް ލިބޭމިންވަރަކީ ދިވެހިންނަށް ޙައްޤު މިންވަރެއްނޫންކަމަށް ވިދާޅުވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ، ތިމަން މަނިކުފާނު ދިވެހިންނަށް ފޯރުކޮށްދެއްވަން ބޭނުންފުޅު ވަނީ މިއަދަށްވުރެ މާބޮޑު މާފުރިހަމަ މާދަމައެއް ކަމަށެވެ.

ވެރިކަން ކުރަމުން ދަނީ އެމްޑީޕީންނެވެ. އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ނަޝީދެވެ. ޖޭއެސްސީގައި ނަޝީދު އެބަ އިންނަވައެވެ.

ގައުމުގެ މިއަދުގެ ހާލަތަށް ބަލާލަމާތޯއެވެ؟ މިނިވަން އިސްލާމީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ޢަޤީދާ ބަލިކަށިވެއްޖެއެވެ. އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި އަޚުލާޤު ފައިދަށުވެއްޖެއެވެ. ބަނގުރާ އާންމުވުމާއި މަސްތުވާތަކެތީގެ މާކެޓް ތަންމިނަށް ހުޅުވިއްޖެއެވެ. މަސްތުވާތަކެތީގެ އެކިބާވަތްތައް ބޭނުންކުރުމަށް ކެފޭތައް ހުޅުވައި ދުވާލަކު 100-200 ކިލޯގެ މަސްތުވާތަކެތި ފަޅުރަށްރަށުގައާއި ގޭގޭގައި ގުދަންކުރުން ޢާންމުވެއްޖެއެވެ. ވައްކަން ކުރުމާއި ޚިޔާނާތް ހައްދުން ބޭރުވެއްޖެއެވެ. އިންސާނީ ކަރާމާތް ފައިދަށުލައި ދިވެހިން ކަތިލައި މަރައި މަގުތަކަށް އުކުން އާންމުވެއްޖެއެވެ. އެކި ނިޡާމުތަކަށް ޤައުމުގެ ހުންގާނު ބަދަލުކުރުމުގެ ވާހަކަތައް ޢާންމުވެ، ވެރިކަމުގައި ބަގުޑި ބެއްދުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގައި ރައީސް ނަޝީދު އަވަދިނެތި އުޅުއްވާ ބޮޑުމަންޒަރު ދައްކަވައިފިއެވެ. މިނިވަން ޑިމޮކްރަސީގެ ނަމުގައި ދިވެހި ޤައުމުގެ ޢަޤީދާ ނިކަމެތިކޮށް ޑިމޮކްރަސީގެ އަސާސްކަމަށް ވިދާޅުވެ ދިވެހިންގެތެރޭގައި ޣައިރު ދީންތަކަށް ފުރުޞަތު ހުޅުވާނުލެވިގެން ކުރައްވަމުންގެންދަވާ މަސައްކަތް ތަކުރާރު ކުރައްވައި އަޑު އުފުއްލަވައިފިއެވެ. މަގުމަތިން ”ސަރުކާރު ހިންގުން“ އާންމުވެ ރައްޔިތުންގެ މެދުގައި ސަރުކާރަށް އިޙުތިރާމް ކުރުން ގެއްލުވާލައި ވެރިއަކަށް އިޙުތިރާމު ކުރުމެއް އަދި އިންސާނެއްގެ އަބުރަކީ ކިހައި ބޮޑަށް އިސްލާމުދީން ހިމާޔަތް ކުރައްވާފައިވާ ޤަދަރުވެރި އެއްޗެއްކަންވެސް ހަނދާނުން ފިލުވައިލައްވައިފިއެވެ.

ކާބަފައިންގެ ޖިހާދުން ދިވެހި ޤައުމު މިނިވަންކުރެއްވި ދުވަސް މާޒީއަށް ދޫކުރައްވައި ”ކަންނަންނޫރު އަލީ ރާޖާ“ ބާރާއެކު ދެވަނަފަހަރަށް ދިވެހިފަސްގަޑަށް ގެނަސް ދިވެހިންގެ މިނިވަންކަން ގެއްލުވާލީ ރައީސް ނަޝީދުގެ ސިޔާސީ މުސްތަޤުބަލް ބިނާ ކުރައްވަންކަން ތާރީޚުގައި ލިޔެވިއްޖެއެވެ.

ދިވެހިން އިނގިރޭސިންގެ އަޅުވެތިކަމުގައި ދިވެހި ދިދައިގެ އަރިމަތީގައި ކަޅުކުލަ ހުރި ދުވަސް ރައީސް ނާޞިރުގެ ޖިހާދުން މާޒީ ކުރެއްވުމަށްފަހު، މިއަދު ރައީސް މައުމޫނުގެ ބައިވެރިވުމާއެކު ރައީސް ނަޝީދު ދިވެހި ޤައުމު އިންޑިއާގެ އަޅުވެތިކަމަށް ގެންދިއުމުން ދިވެހި ދިދަ ވިހުރުވޭނީ މުޅިން ކަޅުކުލައިގައެވެ. ދިވެހިންގެ ޤާނޫނުއަސާސީއާ ޚިލާފަށް އިންޑިއާގެ މިލިޓަރީ ން ހަތިޔާރާއެކު ރާއްޖެގެނަސް ދިވެހި ޤާނޫނުތައް އެބައެއްގެ މައްޗަށް ނުހިންގޭނެ މިންވަރަށް އިންޑިއާ ސިފައިންނަށް ބާރުދީ ދިވެހިން އަޅުވެތިވުމުން، ދަރިންނާއި ދަރިންގެ ދަރިންނަށް ރައީސް ނަޝީދު ފޯރުކޮށްދެއްވާނީ މިނިވަންކަން ގެއްލިފައިވާ ދިވެހި ކަޅު ދިދައެކެވެ. ރައީސް ނަޝީދު އެ ވިދާޅުވާ ހައްގު މިންވަރު އަޅުގަނޑުމެންނަށް ލިބޭތަން ފެންނަނީ ހުވަފެނުންނެވެ.

ގައުމު ދަރަނިވެރިވެ ބަނގުރޫޓުވަމުން ދާއިރުވެސް ރައީސް ނަޝީދު މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކުރައްވައިގެން ހޮޓެލް ޖެންގައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަންނަވަނީ ހައްގު މިންވަރަށް ވުރެ ބޮޑު މިންވަރެކެވެ.

ގައުމުގެ މިނިވަންކަން ގެއްލި ގައުމު އިނދަޖެހިފައިވާއިރު ދަރިންގެ ދަރިންނަށް ރައީސް ނަޝީދު ފޯރުކޮށްދެއްވާނީ ކޮންއެއްޗެއްތޯއެވެ؟

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް