ރާއްޖެއަކީ ބިރުވެރިކަމާއި ނާމާން ކަމުން ފުރިގެންވާ ކިއްލާއަކަށް ބަދަލުވާން ފަށައިފި

Loading

Facebook
Twitter
WhatsApp

ވެރިކަން ކުރާ ސިޓީ އާއި ރާއްޖޭގެ އެހެނިހެން ރަށްތަކުން މިހާރު ފެންނަމުން މިދަނީ ބިރުވެރި ކަމާއި ނާމާންކަން އިންތިހާއަށް ބޮޑުވެފައި ވާ މަންޒަރެވެ. އެ ގޮތުން މަގުމަތިން މީހުން ކަތިލުމާއި ބޮންގޮއްވުމާއި އިންސާނުން ކަތިލާފައި ގޯނިގޯންޏަށް އާޅާފައި ވަޅަށްލުންފަދަ ބިރުވެރި ކާރިސާތަކާ ރައްޔިތުން މި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މާލޭ ސިޓީގައި އޭޓީ އެމް ބެހެއްޓި ދުވަސްވަރު ގައިބާރު ދެރަ މުސްކުޅިން އޭޓީއެމް ތަކުގެ ސެކިއުރިޓީ ކުރަން ތިއްބެވެ. މިހާރު އެކަމެއް ވެސް ނެތެވެ. ރަނގަޅެވެ. އެހާ ޢުމުރުން ދުވަސްވީ މީހުން ހަތިޔާރެއް ނެތި އެފަދަ ތަންތާގައި ތިބުމުގެ މާ ބޮޑު ބޭނުމެއް ވެސް ނެތެވެ. ބޭރު ގައުމު ތަކުގެ ޝޮޕިން ސެންޓަރުތަކާއި ބޮޑެތި ރެސްޓޯރެންޓް ތަކުގެ ޑިއުޓީ ކުރަނީ ބިޔަ ބޮޑުތި މީހުން ހަތިޔާރާ އެކުގައެވެ.

ހިތާމަޔަކީ އަކަ ކިލޯމީޓަރެއް ހަމަނުވާ ތަނެއްގެ ސެކިއުރިޓީ ސަރުކާރަށް ނުބެލެހެއްޓޭކަމެވެ. ސެކިއުރިޓީ ބެލެހެއްޓޭނެ ގޮތެއްވެސް ނެތެވެ. މަގުމަތީގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ހަތިޔާރު ދީފި ނަމަ އެމީހަކަށް ފައިސާ ދީގެން ކޮންމެވެސް ޖަރީމާއެއް ނުހިންގާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ދިވެހި ބައެއް މުސްލިމުންނަކީ އެއްވެސް އިޚުލާޞްތެރި ކަމެއް ނެތް ބަޔެކެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގެ މުޅި ޒުވާން ޖީލު ޖަލަށް

ލައިގެން ޖަލުގައި ޒަމާން ތަކެއް ވާނދެން ގެން ގުޅުމުގެ ނަތީޖާއެވެ. އެތަނުން ޒުވާނުން ތަމްރީނުކޮށްގެން މުޖުތަމަޢަށް ނެރެމުން އައިނަމަ މިހެން ނުވީސް ކަންޔަގީނެވެ.

ޖަލުތަކުގައި ދިހަބާރަ އަހަރު ޒުވާނަކު އުޅެފައި މުޖުތަމަޢަށް ނުކުތުމުން އޭނާ ބަލައިގަންނަ އެއްވެސް މީހަކު ނުހުރެއެވެ. އަދި އޭނާއަށް ވަޒީފާއެއް ދޭނެ މީހަކު ނުހުރެއެވެ. އެހެން ކަމުން އޭނައަށް އަނެއްކާ ވެސް މަޖުބޫރު ވަނީ ކުރިން އުޅުނު ވިޔާނުދާ، މުޖުތަމަޢު ބަލައި ނުގަންނަ، ގޮތްތަކަށް އަހުލުވެރި ވުމަށެވެ. ޚުދު މައިން ބަފައިންގެ ލޯތްބެއް ވެސް ނުލިބެއެވެ. މިކަހަލަ ޒުވާނުން ގިނަވުމުގެ ނަތީޖާއަކީ ގުރޫޕް ހަދައިގެން މަސްތުވާތަކެތި ވިއްކުމާއި މާރާމާރީ ހިންގުމާއި ވައްކަން ކުރުންފަދަ ނޭދެވޭ ޢަމަލުތަކުގެ ޝިކާރައަކަށް ވެގެން ދިއުމެވެ.

ވެރިކަން ކުރާ ސިޓީގައި މިބާވަތުގެ ކަންކަން ބައެއް ފަހަރު ހިނގަނީ ފައިސާ ގެންގުޅޭ ފަރާތްތަކުން ގުރޫޕް ތަކަށް ފައިސާ ޚަރަދު ކޮށްގެން މާލެތެރެ ހަލަބޮލިކޮށް ސަރުކާރުގެ ނުކުޅެދުންތެރިކަން ދެއްކުން ކަމަށް ވެސް ވެދާނެއެވެ. އަނެއްބައި ފަހަރު ސަރުކާރުން ރާވާއިގެން ވެސް ޖަރީމާ ހިންގާފައި އެބަހުއްޓެވެ. އަނެއްކޮޅުން ދީނުގެ ނަމުގައި ހަރުކަށިކަން ދައްކައި މީހުން މެދުވެރިކޮށް ލޯންޗުފަހަރު ގޮއްވުމާއި މިނޫން ވެސް މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭ ޒާތުގެ ޢަމަލުތައް ވަނީ ހިންގާފައެވެ.

ޖަލުން ނުކުތް ޒުވާނަކު ބުންޏެވެ. ގޭގައި އުޅެނީ ބޮޑުދައިތައާއި މާމައާއި މަންމައެވެ. ބައްޕަ އެހެން މީހަކާ އިނދެގެން އުޅެނިކޮށް ބައްޕަވީ ނިޔާ ވެފައެވެ. ބައްޕަގެ ލޯތްބެއް މަންމަގެ ލޯތްބެއް ނުލިބުނުވެ. ތަޢުލީމީ ޙަޔާތް ބަނގުރޫޓް ވީ ބައްޕައާއި މަންމަގެ ދެމެދުގައި އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިން އޭނާއާއި އާޅާނުލުމުގެ ސަބަބުން ކަމަށް އެ ޒުވާނާ ކިޔައިދިނެވެ. މިހާރު ވެސް މަންމަގެ ލޯތްބާއި އަޅާލުން އޭނައަށް ލިބޭނަމަ އޭނާ އުޅޭނީ ރަނގަޅަށެވެ. އެހެނަސް ގޭގެ އެއްވެސް މީހަކު އަޅާނުލުމުން ލާރި ހޯދަން ކޮންމެވެސް ރައްޓެއްސެއްގެ ގާތަށް ގޮސް އޭނާއަށް ހަކުރު ވިއްކައި ދީގެން ފައިސާހޯދަން މަޖުބޫރު ވަނީ އެވެ. މިކަން ކުރަނީ ކުރަން ބޭނުން ވެގެންނެއް ނޫނެވެ. މިނޫން ގޮތެއް ހަމަ ނެތީ އެވެ. ވަޒީފާއަކަށް ކުރިމަތި ލުމުން ޕޮލިސް ރިޕޯޓް ހުށަހަޅަން ޖެހެއެވެ. އެއެއް ލިބެނީއެއް ނޫނެވެ. އެހެން ކަމުން ގުރޫޕުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިވާން މަޖުބޫރު ވުމުގެ ނަތީޖާއަކީ ޖަލަށް ދާން ޖެހުމެވެ. މިއީ އޭނާގެ ޢުމުރުން 33 ވަނަ އަހަރެވެ. އޭގެތެރެއިން 12 އަހަރަށް ވުރެ ގިނަ ދުވަހު އުޅުނީ ޖަލުގައެވެ. މިހާރު އުޅެން ބޭނުން ވަނީ ވެސް ޖަލުގައެވެ. ޖަލުން ހިންގާ ތަފާތު ބޮޑެތި ޖަރީމާތަކުގެ ވާހަކަވެސް އޭނާ ކިޔައި ދިނެވެ. އޭގެ ތެރޭގައި އެކި މީސް މީހުންގެ ބޭންކް އެކައުންޓުން ފައިސާ ނެގުމާއި ފިހާރަތަކުން އެފިހާރަތަކުގެ ޕިކަޕްތަކުގައި އެކި ތަންތަނަށް މުދާ ގެންގޮސް ވިއްކުން ފަދަ ކަންކަން ހިންގާ މީހުން ޖަލުގައި އުޅޭކަމަށް ވެސް ބުންޏެވެ.

ރައްޔިތުންގެ ސުވާލަކީ ސަރުކާރަށް ގައުމުގެ އަމަންއަމާންކަން ނުބެލެހެއްޓެނީ ކީއްވެގެން ހެއްޔެވެ؟ ރާއްޖޭގެ އަމަން ބެލެހެއްޓޭ މިންވަރަށް ފުލުހުން ނެތީ ހެއްޔެވެ؟ ނޫންނަމަ ބަޖެޓް ނެތީހެއްޔެވެ؟ އެނގޭ ކަމަކީ މި ބިރުވެރި މުޞީބާތުން ގައުމު ސަލާމަތް ކުރަން މަޖުބޫރު ވެއްޖެ ކަމެވެ. މަގުމަތީ ގައި ކަނޑި ހިފައިގެން މީހުން ފަހަތުން ދުވެ މީހުން ކަތިލަނީ އެވެ. މިކަންކަން މި ވަނީ އިންސާނީ މުޞީބާތަކަށް ވެފައެވެ.

ކޮންމެއަކަސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ނަމަވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަކީ ސަރުކާރުން ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ.

 

Loading

2 Responses

  1. ނޫސްތަކުން ހާމަކުރާގޮތުގައި ބަޖެޓުގެ ބޮޑުބައެއް ހޭދަކުރެވެނީ ސިޔާސީ މަގާމުތަކަށް މުސާރަ ދިނުމަށާއި އަދި ފަހަކަށްއައިސް ބަދަލުދިނުމަށެވެ. މަސްތުވާތަކެއްޗާއި ނުބައިވެގެންވާ އާދަތަކުން މީހާ ދުރުކުރުމުގައި ސަރުކާރުން ކުރެވޭނެ ކަންތަކަށްވުރެން ތިމާއަމިއްލައަށް ކުރެވޭނެކަންތައް ގިނަވާނެއެވެ. އިސްލާހުވެވޭނީ އަޒުމެއް ކަނޑައަޅައިގެން އެގޮތުގައި ދެމިހުރުމަށް މަސައްކަތް ކޮށްގެންނެވެ. މައިންބަފައިންގެ އަޅާލުން ނުލިބުމުގައި ސަބަބުތަކެއް ހުންނާނެއެވެ. އަދި މައިންބަފައިން އެކުގައި ދިރިނޫޅުމުގައިވެސް ސަބަބުތަކެއް ހުންނާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް