ދަނޑުވެރިކަން ކުރުމަށް ރަށްރަށުން ބިން ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

 

ދަނޑުވެރިކަން ކުރުމަށް މިހާރަށްވުރެ ފަސޭހައިން މީހުން ދިރިއުޅޭ ރަށްރަށުން ބިން ހަމަޖައްސައިދޭން ކައުންސިލުތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙު ވިދާޅުވީ ދަނޑުވެރިންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަށް ރަށްރަށުން ބިން ހޯދުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވާފައެވެ.

ކަނޑޫދޫގެ ދަނޑުވެރިން ކުރާ މަސައްކަތް ފާހަގަކުރައްވައި އަދި ޚާއްޞަކޮށް ކަނޑޫދޫގައި މިރުސް ހެއްދުމަށް ރަށުގެ ދަނޑުވެރިން ކުރާ މަސައްކަތް މުޅި ރާއްޖެއަށް ފުޅާވެ މިހާރު ކަނޑޫދޫގައި ހައްދާ މިރުހަކީ އެރަށަށް ލިބޭ ފަޚުރެއްކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ ބާޒާރަށް ނެރުމުގައި ހުރި ދަތިތަކާއި ރާއްޖެފަދަ ބިންކުދި ޤައުމުތަކުގައި ދަނޑުވެރިކަންކުރާއިރު ޒަމާނީ ޓެކްނޮލޮޖީއާ ސައިންޓިފިކް ދިރާސާތައް ދަނޑުވެރިންނާ ހަމައަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލައްވައި ރައީސް ވާހަކަފުޅުދެއްކެވިއެވެ. އަދި އެ ގޮންޖެހުންތައް ހުރިނަމަވެސް ރިސާޗާއި އެކަށީގެންވާ ޕްލޭނަކާ އެކު ރާއްޖޭގައިވެސް އުފެއްދިދާނެ 17 ބާވަތެއް އޮތްކަން ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ އެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާ އެކު މަސައްކަތްކުރުންކަން ހާމަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ފުރުޞަތު ފަހިކުރުމަށް ބޭރުން މި ބާވަތްތައް އެތެރެކުރުން މަދުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް