ރެޑް ސީ ޑިވެލޮޕްމަންޓް ކުންފުނީގެ އެޑްވައިޒަރީ ބޯޑަށް ރައީސް ވަހީދު

Loading

Facebook
Twitter
WhatsApp

 

 

ސައޫދީ އަރަބިއްޔާގެ ފަތުރުވެރިކަން ފުޅާކުރުމަށް އެ ގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާނުކުރައްވާފައިވާ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއު ”ދަ ރެޑް ސީ ޕްރޮޖެކްޓް“ ހިންގާ ރެޑް ސީ ޑިވޮލޮޕްމެންޓް ކޮމްޕެނީގެ އެޑްވައިޒަރީ ބޯޑަށް ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސައިފި އެވެ.

ރެޑް ސީ ކުންފުނީގެ އެޑްވައިޒަރީ ބޯޑަށް ރައީސް ވަހީދު އައްޔަން ކުރެއްވިކަން އެ ކުންފުނިން މިއަދު ވަނީ އިއުލާން ކޮށްފައެވެ.

 

މި އެޑްވައިޒަރީ ބޯޑަކީ 10 މެންބަރުންގެ މަށްޗަށް އެކުލަވާލައިފައިވާ ބޯޑެކެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ ވެސް ބައިނަލް އަގްވާމީ ގޮތުން ފާހަގަ ކޮށްލެވޭ ބޭފުޅުންނެވެ.

ސައުދީ އަރަބިއްޔާގެ އިގުތިސާދު ހަމައެކަނި ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ވަލީ އަހުދު މުހައްމަދު ގެންގުޅުއްވާ ވިސްނުންފުޅުގެ ބައެއް ގޮތުގައި ހިމެނޭ ރެޑް ސީ ޕްރޮޖެކްޓަކީ ރަތްކަޑުގެ އައްސޭރީގައި ރަށްތަކެއް ތަރައްގީ ކޮށްގެން ފަތުރުވެރިކަން ފުޅާކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ. 2017 ގައި އިއުލާންކުރި މި ބިޔަ މަޝްރޫއުގެ ދަށުން  ތަފާތު ގިނަ ހޮޓާތަކާއި ޝޮޕިން ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރެޑް ސީ ޑިވެލޮޕްމަންޓް ކުންފުނިން ކުރިއަށް ގެންދާ  މަޝްރޫއުގައި ހިމެނޭ ”އުމްލުޖް“، ސައުދީގެ އާންމުން ސިފަކުރަނީ ”ސައުދީ މޯލްޑިވްސް“ގެ ގޮތުގަ އެވެ.

ސައުދީ އަރަބިއްޔާގެ ހުޅަނގުގައި އޮންނަ އުމްލުޖް އަކީ ރާއްޖޭގެ ރަށްތައްހެން ހިމުންދޮންވެލީގެ ރީތި ގޮނޑުދޮށްތައް ހިމެނޭ ކުދި ޖަޒީރާ ރަށްތަކެއް ހިމެނޭ ގަދީމީ އަދި ތާރީހީ ސަރަހައްދެކެވެ.

ސައުދީންގެ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ނާދެވުނު ގިނަ އަދަދެއްގެ ބަޔަކު ”އުމްލުޖް“ގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ.

Loading

One Response

  1. ރައީސް ވަޙީދަކީ ރާއްޖެއަށް ވަޑައިގެން މަޖިލިސް މެމްބަރަކަށް މާލޭގެ ރައްޔަތުން އިސްކުރި އެންމެ ސާފު ހެޔޮލަފާ ވެރިޔެކެވެ. އެއި 1989ގައޭ ހަނދާންވަނީ. އޭރު މުޅި ގައުމުގައި މައުމޫނުގެ ޅިޔަނު އިލިޔާސްގެ ފައި. ދެން ނުވިތާކަށް މައުމޫނުގެ ބޭބޭފުޅު އަބުދުﷲ ޙަމީދު އެވެ. ވަޙީދު ކާމިޔާބުކުރެއްވީ ޅިޔަނު އިލްޔާސް ބަލިކޮށް އެއްވަނައިގައެވެ. ވީމާ ޑރ. ވަހީދުވަރުގެ ވެރިކަމަށް ގާބިލު ބޭފުޅަކު އަދި މިގައުމުގައި ފެނިފައެއްނެތެވެ. އަންނިއަކީ ފޭކެކެވެ. ވެރިކަން ބޭނުމެއްނެތޭ އަބަދު ގޮވާނެއެވެ. އެނޫންކަމެއް ބޭނުމެއްނެތެވެ. ވެރިކަން ބީވެއްޖެނަމަ ގައުމުގައި ބޮޑުހުޅު ޖަހަންވެސް އޭނާއަށް އޯކޭއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް