ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހުރި އަޚުލާޤީ ރިވެތި ސިފަތައް ކޮބައިހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

ދިވެހީންނަކީ ދީނަށް ލޯބިކުރާ ބޮޑެތި މީހުނަށް އިޙުތިރާމް ކުރާ އަޚުވަންތަކަމުގެ މިސާލެއް ނެތްފަދަ ރިވެތި އަޚުލާޤުގެ އަހުލުވެރި ބައެކެވެ. ނަމަވެސް މިފަހަކަށް އައިސް އަވައްޓެރިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު ގެއްލި ތިމާގެކަން ކެނޑި ރަޙިމްގެ ގުޅުމަށް ވެސް މި ވަނީ ބުރޫ އަރަން ފަށާފައެވެ.

މާޒީގެ ތެއަށް ޖެހިލާއިރު ފެންނަމުން ދިޔަ އުފާވެރި އެކުވެރި ކަމުގެ ގުޅުން ކެނޑި އަވަށްޓެރީންގެ މެދުގައި އާލާވަމުން އައިސްފައި ވާ އަޚުވަންތަ ގުޅުމަށް ވެސް މި ވަނީ

ބުރޫ އަރާފައެވެ. އެގޮތުން އެއްގޭގައި ކައްކައި ކެއުން، ޙާލުގައި އުޅޭ މީސްމީހުންގެ ގޭގެއަށް އުފުލުމާއި އަވައްޓެރިއަކު ބަލިވެއްޖެ ނަމަ އޭނާއަށް ހޭހަން ކުރުމާއި ބޭސް ފަރުވާ ކޮށް ދިނުމަށް އެހީތެރިވުމާއި އަވައްޓެރީންގެ ތެރެއިން އަންހެނަކު ވިހައިފިނަމަ ހަތް ރޭވާނދެން ހޭލާ ތިބެ ވިހައިގެން އުޅޭ އަންހެން މީހާ އޮންނަ ގެއަށް ކާބޯތަކެތި ފޯރުކޮށްދީ އަލިފާންގަނޑެއް ރޯކޮށްގެން ރޭގަނޑު ދެޖިންސުގެ ޒުވާނުން މަޖާކޮށް ހަދައެވެ.

އެވޭލާޒަމާނުގައި ގެދޮރު ބިނާކުރުމުގައިވެސް އަވައްޓެރީންގެ އެކުވެރިކަމާއި ދީލަތިކަން އޮންނަނީ އިންތިހާއަށެވެ. ގެދޮރު ބިނާކުރުމުގެ މަސައްކަތުގައި އަވައްޓެރި އެންމެން ބައިވެރިވެ އެމީހެއްގެ ފެންވަރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެއެވެ.

ވެރީންނަށް ކިޔަމަން ވުމުގައި ވެސް ދިވެހީންނަކީ

މިސާލެއްނެތް ފަދަ ބައެކެވެ. ދީނީ ނަޞޭޙަތް އަޑުއަހައި އެ ނަޞޭހަތުގައި ހިފާ ހިތްހެޔޮ ބައެކެވެ.

ތާހިރުކަމުގެ ގޮތުން ބެލިކަމުގައި ވިޔަސް ދިވެހިން ފަހަތަށް ޖައްސާލެވޭނެ ގައުމުތަކެއް ނޯންނާނެއެވެ.

ޒަމާނަކީ ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ގައުމު ބަނޑަށް ޖެހި ނުހަނު ދަތި ޙާލުގައި ދިވެހީން އުޅުނު ޒަމާނެކެވެ. އެހެންކަމުން ކިރިޔާވެސް ފޯރުންތެރިކަން ހުރި އަވައްޓެރިއެއްނަމަ އަވައްޓެރީންގެ ތެރޭގައި ކާނެ ބޯނެ އެއްޗެއް ނެތް ގޭގެއަށް ޒިޔާރަތްކޮށް އެކަކު އަނެކެއްގެ ހާލު އަހުވާލު ބަލައިހަދައެވެ.

ޢުމުރުން ދުވަސްވީ މީހުނަށް އިޙުތިރާމު ކުރުމުގައިވެސް ދިވެހީންނަކީ މިސާލެއް ނުވާފަ ބައެކެވެ.

ޒަމާނަކީ ދިވެހީންގެ ޢިލްމީ ފެންވަރު ނުހަނު ދަށުގައި އޮތް ޒަމާނެކެވެ. އެހެންކަމުން އިންޑިއާގެ ޙަޟްރަމައުތުން ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެން އުޅުއްވި ވަލީވެރިން ކަމަށް ހެދިގެން އުޅުއްވި ބަޔަކަށް ނަދުރު ބުނެ އެބޭކަލުންގެ ގެކޮޅުތަކަށް ވެސް ގިނަ ހަދިޔާގެންގޮސް ދެއެވެ. އެއިން ބޭކަލަކާ ދިމާއަށް ހަތަރު ކަޅި ހަމަކޮށް ބަލާން ކެރެނީ ވެސް މަދު މީހަކަށެވެ. އޭރު ވިހޭގޭތެރެއިން މަރުވާ ކުދިންގެ ޢަދަދު ވަރަށް ގިނައެވެ. އެހެންކަމާއެކު ނަދުރެއް ބުންފާނެއެވެ. ތިމަންނާއަށް ލިބުނު މިސާލަކަށް ހަތް ކުދިން މަރުނުވެ ބޮޑުވެއްޖެނަމަ އެތަނުން އެއްކުއްޖަކު މިވެނި ވަލީވެރި ބޭކަލަށް ވެދުން ކުރާނަމެވެ. މިގޮތުގެމަތިން މިދެންނެވި ވަލީވެރި ބޭކަލުންގެ ގެކޮޅުތަކުގައި އެތަކެއް އަންހެން ކުދީން ޖާރިއާއިންގެ ގޮތުގައި ގެންގުޅެފައިވާކަން ފާހަގަ ކުރަމެވެ. ވަލީވެރި ބޭކަލުންނަށް ގިނަ ހަދިޔާ ނަދުރު ބުނެގެން ލިބެއެވެ.

އެއީ ރާއްޖޭގައި ސޫފީ މަޒުހަބު ތަޢާރަފް ވެގެން އައިސްފަވާ ޒަމާނެވެ. ދިވެހީންގެ އަޚުލާޤު ރަނގަޅު ނަމަވެސް އަދި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމިއޮތަސް މިބާވަތު ކަން ކަމަށް ދިވެހީން ވަރަށް ބީރެއްޓެއްސެވެ. ގޭގޭގެ ބޮޑު އަށީގެ މަޅުނަގައި ކާށިދޫ ކަނޑަށް ޣަރަޤު ވަމުން ދާ ދޯނިފަހަރު ސަލާމަތް ކުރާ ވާހަކަ އަކީވެސް މަޝްހޫރު ވާހަކައެކެވެ. މިކަންކަން އޭރު ދިވެހީން ގަބޫލު ކުރެއެވެ. މީވެސް ދިވެހީން ދެކެފައިވާ ކަންކަމެވެ.

ހަމައެހެންމެ ހައްޖު މޫސުމުގައި ކަނޑުހިގާފައި ހައްޖަށް ވަޑައިގަންނަވާ ވާހަކައަކީ ވެސް ވަރަށް މަޝްހޫރު ވާހަކައެކެވެ. ހައްޖު ވިލޭރޭ ކަނޑުހިގައި ހައްޖަށް ގޮސްފައި އަނެއް ދުވަހުގެ ރޭ ހައްޖުން އެބުރި މާލެ ވަޑައި ގަންނަވައެވެ. އޭރު ދިވެހީން މިކަން ގަބޫކޮށް ޙައްޖުގެ ޚަބަރުދަބަރު އޮޅުން ފިލުވުމަށް ވަލީވެރިޔާގެ ގެއަށް ގިނަ މީހުން ޒިޔާރަތް ކުރެއެވެ.

 

 

Loading

3 Responses

  1. ހަމައެކަނި ސުރުޚީގައި ވާ ސުވާލަށް ދެވޭ ޖަވާބެއް! ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހުރި އަޚްލާޤީ ރިވެތި ސިފަތައް ވަނީ ސްކޫލުތައް މެދުވެރިކޮށް ފައިދަށުލައި ނެތިކޮށްލާފައެވެ. އެ ރީތި ސިފަ އަނބުރައި ދެން ހޯދޭނެގޮތެއް މި ދިވެހި އުންމަތަކަށް ލިބިގެނެއްނުވެއެވެ. ފުރުސަތެއް ދެއްވައިފިނަމަ ﷲގެ އިރާދަފުޅާއެކު ތިމައުޟޫއަށް ލިޔެ ޙަޤީޤަތް ހާމަކޮށްދީފާނަމެވެ. ނަމަވެސް ޝަރުތެއްގެ މަތިންނެވެ.

  2. Thee Hama e zamaanugA kanthah thah oiy goiy,
    Ehenas,eyruga oiy ekuverikamaa gulhun thakaa ulhun thah varah ves thahuzeebu, mihaaru Kan Kan enguneemaa meehunge mi ulhenee eyrah vure ves MAA dhashu dharajaeggaa.

  3. ހަޟްރަމައުތަކީ ޔަމަނުގެ ސަރަހައްދަކަށް ކިޔާނަމެކެވެ. އޮންނަނީ ގަލްފް އޮފް އަދަން އަށް ވީ ފަރާތުގައެވެ. ލިއުންތެރިޔާގެ މައުލޫމާތަށްޓަކައި ދަންނަވާލީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް