ވާނުވާ ބަންދުގައި މިހާރު އެއްވެސް މީހަކު ނުހުންނާނެ: ސަލީމް

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ވާނުވާ ބަންދުގައި މިހާރު އެއްވެސް މީހަކު ނުހުންނާނެ: ސަލީމް

 

ވާނުވާ ބަންދެއްގައި ހުރި އެއްވެސް މީހަކު ނުހުންނާނެ ކަމަށާ މި ސަރުކާރުން އެކަން ހައްލު ކޮށްފި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޖަލުގައި ތިބޭ ވާނުވާ ބަންދު މީހުންނަށް  ހައްގުތައް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ  ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު ވަނީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅުއްވާފައެވެ.

އެ  މައްސަލައަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ފުރަތަމަ މި މައްސަލައިގެ “ވާނުވާ” ބަލަން ޖެހޭ ކަމަށާ ވާނުވާ ބަންދުގައި މިހާރު ބަޔަކު ނުތިބޭނެކަމަށެވެ.

“ޓެކްނިކަލް ގޮތުން ދަންނަވަންޏާ މިހާރު ރާއްޖޭގެ ވާނުވާ ބަންދުގައި އެއްވެސް މީހަކު ނުހުންނާނެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އެކަން ނިމުމަކަށް ގެނައީ މި ސަރުކާރުން، މި މަޖިލީހުން. މާނައަކީ ބަންދެއްގައި ހުންނަ މީހަކު އޭނާގެ ބަންދާ ބެހޭ ގޮތުން އޭނާއަށް އެނގެން ޖެހޭ މައުލޫމާތު ނޭނގި އަދި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކުރާ މީހަކު ގައިދީއެއްގެ ގޮތުގައި ނުހުންނާނެ” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ކުށަކަށް ކުރެވޭ ތުހުމަތެއް ނޭނގުނަސް، ފަނޑިޔާރެއްގެ ކުރިމައްޗަށް މީހަކު ހާޒިރު ނުކޮށް އަދި އޭނާއަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ ކޮން ކުށެއް ކަން ނޭގި ޖަލުގައި ހައްޔަރުކޮށްފައި ގިނަ ދުވަސް ތަކެއް ވަންދެން މީހުން ބައިތިއްބާ ކަމަށެވެ.

އެގޮތުން މި ސަރުކާރު ވެރިކަމަށް އައިރު 300 އަށް ވުރެ ގިނަ މީހުން ވާނުވާ ބަންދުގައި ތިބި ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް އެކަން މުޅިންހެން ހުއްޓުވައިފައިވާ ކަމަށެވެ.

ސަލީމް  ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބެނީ ބޮޑެތި ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ކަމަށެވެ.

 

ފަހުގެ އަޕްޑޭޓް