ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Loading

Facebook
Twitter
WhatsApp

 

ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ވެސް މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އެކި ވައްތަރުގެ ދޫނިތައް ހިޖުރަކުރާ ދުވަސްވަރު ކަމަށެވެ.

އަދި އެފަދަ ދޫނި ތަކަކީ އަދި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ”ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު“ ގެ ދަށުން ހަދާފައިވާ ”ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު“ ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނި ކަމަށެވެ.

ނަމަވެސް، ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު، އެގޮތަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ކަމަށާއި އެކަމާ އީޕީއޭ އިން ވަރަށް ކަންބޮޑުވާ އަދި ހިތާމަ ކުރާ ކަމެއް ކަމަށް ވެސް އެ އެޖެންސީއިން ބުނެފައި ވެއެވެ.

މިގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާ ކަމަށާ އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް އީޕީއޭއިން ވަނީ ނަސޭހަތް ތެރިވެފައެވެ.

އަދި ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކުރާ މީހުންނަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.

”އަދި، ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ޤާނޫނު ނަމްބަރު: 4/93 ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި، ޤުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.“ އީޕީއޭގެ ބަޔާނުގައި ވެއެވެ.

މި މޫސުމުގައި ގިނަ އަދަދެއްގެ ދޮންދޫންޏާއި ދޮންދޫނިލޯފިނދު ވެސް ރާއްޖެއަށް ހިޖުރަ ކުރާކަން ފާހަގަކޮށް އީޕީއޭއިން ބުނީ އެ ތަކެއްޗަކީ މަދިރި ކޮންޓްރޯލުކޮށް، މަދިރިން ފެތުރޭ ބަލިތައް މަދުކުރުމުގައި މުހިންމު ސޫފިތަކެއް ކަމަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް