ރައްޔިތުންނަށް މިހާރު ނުވެ އޮތް ކަމަކީ ޖައްވަށް ދިއުންބާ!

Loading

Facebook
Twitter
WhatsApp

 

ނާސާއިން ސައިންސިސްޓަކު ގެނެވިދާނެއެވެ. އޭނާ ރައްޔިތުންނަށް ކޮށްދޭނީ ކޮންކަމެއްތޯ އެވެ؟ ހަމަޔަގީނުން ވެސް ނާސާގެ ސައިންސިސްޓުން މިގައުމަށް އެއްވެސް ކަމެއް ކޮށް ދީފައެއް ނުވެއެވެ.

މަތިންދާ ބޯޓު ދުއްވަން ޕަޢިލެޓުކަން ކިޔަވައިގެން ކަނޑުބޯޓުފަހަރު ދުއްވުން ވާނީ ބޮޑު ޖޯކަކަށެވެ. އެހެނަސް މިކަހަލަ ދެކޮޅުނުޖެހޭ ކަންކަން ކުރާ ވާހަކަ ދިވެހިންގެ ތެރެއިން ކަމުވޮށި ވެގެންވާ ބޮޑެތި މީހުން ދެއްކީމާ ހިންޏެއްފަހެ ނައަންނާނެ ހެއްޔެވެ؟

މިއުޅެނީ ކަނޑުދަތުރު ފަތުރު ކުރާ ކެޕްޓަނުން ނެތިގެނެއް ނޫން ވިއްޔާއެވެ!

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް އައުމަށް އެއްވެސް ޝަރުޠެއް އޮވޭ ހެއްޔެވެ؟ މާ ހަރުދަނާ ޝަރަޠެއް ނުއޮވެއެވެ. އެހެން ކަމުން ވެރިކަމަށް އަންނަ މީހުން ދުނިޔޭގެ ތާރީޚަށް ޖެހިލާފައި ހިޓްލަރު ކަހަލަ ކޮންމެވެސް ނުލަފާ މީހެއްގެ ހިސްޓްރީ ބަލައިގެން ނޫނީ ގިނަދުވަހު ވެރިކަން ކުރި ލީޑަރެއްގެ ހިސްޓްރީގެ ތެރެއަށް ވަދެ އެލީޑަރެއްގެ ފަލްސަފާ ތަންފީޒު ކުރަން ފަށައެވެ.

ރާއްޖޭގެ ވެރިކަމަށް ރާއްޖެ ސިންގަޕޫރަކަށް ހަދާލެވޭވަރުގެ ހުނަރު ހުރި ބޭފުޅަކު ކުރިމަތިލައްވައިގެން ގައުމުގެ ކުރިމަގު އުޖާލާ ކުރެވޭވަރުގެ ގާބިލު ތަޖްރިބާ ހުރި ބޭފުޅެއްގެ ބޭނުން ޖެހިފައި އޮންނަތާ އެތައް ޒަމާނެކެވެ.

މިގައުމަކީ ދުނިޔޭގެ ނިސްބަތުން އާބާދީ މަދު ނަމަވެސް ނިސްބަތުން އެންމެ ގިނަ ފައިސާ ވަންނަ އެއް ގައުމެވެ. އެހެން ކަމުން ރާއްޖެ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކު ލިސްޓަށް އަރުވާލެވޭނެ ކަން ޔަގީނެވެ. އެހެނަސް ވެރިކަމަށް، ގައުމަށް ހެވެއް އެދިގެން އަންނަ ބޭފުޅަކާ ދިމާނުވުމުގެ ސަބަބުން ގައުމު ދަނީ ދަރައި ވިކެމުންނެވެ. ވެރިކަމަށް އީމާންދާރު ހެޔޮލަފާ އަދި ގައުމުގެ ޙާލަތު ރަނގަޅު ކުރެވޭ ވަރުގެ ހުނަރު ހުރި ބޭފުޅު ވެރިކަމަށް ވަޑައިގެންފިނަމަ އެބޭފުޅެއްގެ ވެރިކަން ވައްޓާލައެވެ.

ވެރިކަމަށް އައުމަށްފަހު އެތައް ސަތޭކަ މަޝްރޫޢު ފައްޓައެވެ. ރައްޔިތުން ތިބެނީ ބިކަ ޙާލުގައެވެ. ގާނޫނު ތަންފީޒެއް ނުކުރެވެއެވެ. ގިނަ މަޝްރޫޢުތައް ހިންގާވަރަކަށް ކޮރަޕްޝަނާއި ފަސާދަ ބޮޑުވެ ޚިޔާނާތާއި އިސްރާފު ބޮޑުވެ ރައްޔިތުންގެ ކަރުތެރެއަށް އަތްނުބާނާ ވެރިޔަކު މިގައުން ފެންނާކަށް ނެތެވެ.

ސިންގަޕޯރ: ރާއްޖެ އެ ފެންވަރަށް ގެންދެވޭނެ

މިގައުމަކީ އާބާދީ މަދު ގައުތަކުގެ ސިޓީއަކަށް ވުރެ މީހުން މަދު ގައުމަކަށް ވާއިރު މިގައުމަކީ ދުނިޔޭގެ ޓޫރިޒަމްގެ އެންމެ ރީތި އެއްމަންޒިލެވެ. އަނެއްކޮޅުން ފައިސާ ހޯދޭނެ ގިނަ ވަސީލަތް ހުރި އިންޑިޔާ ކަނޑުގެ ރީތި ރަތްމުތްތަކެއް ފަދަ ޖަޒުބާތުން ފުރިފައިވާ ޓޫރިޒަމްގެ ޖަންނަތެވެ. މިގައުމަށް ބޭނުމީ ނާސާގެ ސައިންސިސްޓެއް ނޫނެވެ. އީމާންތެރި ހެޔޮލަފާ އިޚްލާޞްތެރި ވައްކަން ނުކުރާ އިކޮނޮމިސްޓެކެވެ. މިގައުމުގެ އިގުތިސާދީ ވަސީލަތްތަކާއި ގައުމުގެ ގުދުރަތީ ރީތިކަމާއި ނަލަނަލަ ދޮންވެލި ގޮނޑުދޮށްތަކާއި ފަރިފަރި އުޖާލާ ކުލަކުލައިގެ މޫދުތަކަކީ ދުނިޔޭގެ ޓޫރިސްޓުން އުފަލުން ފޮޅޭނެ ތަންތަން ކަން ޔަގީނެވެ. އަދި ހަމަ އެހެންމެ ކުޅިތަކާ ކަނޑޫފާތަކަކީ އެތަންތަން ތަރައްގީ ކޮށްފި ނަމަ ބަލާ ފޫހިނުވާނޭ ތަންނަށް ހެދޭނެ ގައުމެކެވެ.

ސައިންސިސްޓަކު މިގައުމުގެ ވެރިކަމަށް ގެނައުމުގެ ވިސްނުން ގެންގުޅުއްވާ މިގައުމުގެ އަގުހުރި ކަރާމާތްތެރި ކަމުވޮށިވެގެންވާ ޢިއްޒަތް ތެރީންގެ ޚިޔާލާއި ވިސްނުމަށްޓަކާ ލަދުވެތި ވަމެވެ. ހުރިހާ ބޭފުޅުންވެސް ގައުމުދެކެ ލޯބިވާށެވެ. ރައްޔިތުންނަށް ބޮޑީ ގައުމެވެ. ފުރަތަމަ ގައުމެވެ.

ގައުމުގެ ކުރިމަގާއި ގައުގެ ދީނާއި އިސްތިގުލާލާއި ގައުމުގެ ކަރާމާތް ރައްކާތެރިކޮށް މިގައުމަކީ އެންމެ ފުދުންތެރި ގައުމު ކަމުގައި ވުމަށް ހެޔޮ ނިޔަތުގައި އިޚުލާޞްތެރި ހިތާކާއެކު ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް މުޅި ދިވެހި އުންމަތް މަރުޙަބާ ކިޔާނެއެވެ.

ވައްކަން ކޮށްގެން މަހުޖަނަކަށް ވުމަށްޓަކައި ވެރިކަމަށް ވަޑައިގަތުމަށް އުންމީދު ނުކުރައްވާށެވެ. ނިޔަތް ގޯސް ވެއްޖެ ނަމަ ގައުމާއި ރައްޔިތުންގެ އުންމީދު ވެގެންދާނީ ކީހާ ޅެން ފަރިއްސަށެވެ.

އާބާދީގައި ފަސް ލައްކަ ހަމައެއް ނުވެއެވެ. މިއީ ދުނިޔޭގެ ކުންފުންޏެއްގެ މުވައްޒަފުންގެ މިންވަރަށްވުރެ ކުޑަ މިންވަރެކެވެ. މިސާލަކަށް އިންޑިއާ ގެޓާޓާ ކުންފުނީގައި އެކަނިވެސް ރާއްޖޭގެ އާބާދީއާ އެއްވަރަކަށް މުވައްޒަފުން ވަޒީފާ އަދާ ކުރާ އިރު ރާއްޖޭގެ އާބާދީ ގައި ވަޒީފާ އަދާކުރަނީ ގާތްގަޑަކަށް ދޮޅުލައްކައެއްހާ މީހުންނެވެ.

ވައްކަން ނުކޮށް މިގައުމު ކުރިއަރުވައި ގައުމުގެ މުސްތަގުބަލާމެދު ވިސްނާ ބޭފުޅަކަށް މިގައުމުގެ ވެރިކަމުގެ ގޮނޑި ދެއްވުމަށް ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވާށެވެ! އަމިއްލަ އެދުމާއި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ވައްކަމާއި ޚިޔާނާތާއި އިސްރާފަށް ފުރުޞަތު ނުދެއްވާށެވެ. ހުރިހާ ގެއްލުމެއް ލިބޭނީ ހަމަ ރައްޔިތު އެންމެންނަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް