ކޮންމެހެން ކުރަން ނުޖެހޭ ބިން ހިއްކުމެއް އަޅުގަނޑުމެން ހިއްކާނެ ކަމެއްނެތް: ހެލްތު މިނިސްޓަރ ނަސީމް

304

“މި ހުރިހާ ތަރައްގީއެއް ކުރާއިރު ކޮންމެހެން ކުރަން ނުޖެހޭ ބިން ހިއްކުމެއް އަޅުގަނޑުމެން ހިއްކާނެ ކަމެއްނެތް.” ކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރ ކެރަފާ އަޙުމަދު ނަސީމު ވާހަކަފުޅުދައްކަވައިފިއެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަސީމު ވިދާޅުވިއެވެ. “އަޅުގަނޑުމެން ބޮޑު ހިލަ ޖައްސައިގެން ރަށްރަށް ހަދާނެ ކަމެއްނެތް. އަޅުގަނޑުމެން ބޭނުމެއްނެތް ކަންތައްތައް ކުރާނެކަމެއްނެތް. ކޮންމެ ރަށަކަށް ޕިކްނިކް އައިލޭންޑެއް އަދި އެތާ އޮންނާކަށް ނުޖެހޭ.”

ރާއްޖޭގެ ޓުއަރިޒަމް ފެށިގެން އައިއިރުގެ ދުވަސްތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ނަސީމް ވިދާޅުވިއެވެ. “ތިޔަ ބޭފުޅުން ވިސްނާ ވަޑައިގަންނަވާ ޢަފީފެއް މުޙައްމަދު މަނިކެއް ނުހުންނާނެ ތަންތަން ހިއްކައިގެން ރިސޯޓު ހަދާފައެއް. ބޮޑު ހިލަ ގާ ޖައްސައިގެން ރިސޯޓު ހަދާފައެއް ނުހުންނާނެ. އެބޭފުޅުން ގަބޫލުފުޅުކުރައްވާ ކަންތަކެއްނޫން އެއީކީއެއް. އެހެންވީމާ އެކަހަލަ ކަންތައްތަކުން ފިލާވަޅު ނަންގަވައިގެން ހުރިހާ ބޭފުޅުން ވެސް އުޅުއްވަންވާނެ.”

މުޙައްމަދު ޢުމަރު މަނިކާއި ޗަމްޕާ ޙުސޭން ޢަފީފާއި މިހާރުގެ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމަކީ ރާއްޖޭގެ ޓުއަރިޒަމް ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ތިން ބޭފުޅުންނެވެ. އަދި އަދި މުޙައްމަދު ޢުމަރު މަނިކާއި ޗަމްޕާ ޢަފީފަކީ ފެށުނީއްސުރެ މިހާތަނަށް ވެސް ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ކާމިޔާބު ދެ ބޭފުޅުންނެވެ.

ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓްއަރިޒަމް ފެށިގެން އައިދުވަސްވަރުގައި ވެސް ތިމާވެށި ރައްކާތެރިކުރުމުގެ ބައެއް މަސައްކަތްތައް ވަނީ ކޮށްފައެވެ. އެ ގޮތުން މުރަކަތައް ރައްކާތެރި ކުރުމަށާއި ފަރުމަހުގެ މަސްވެރިކަމަށް ގެއްލުމެއް ނުލިބޭފަދަ ކަންތައްތައް ކޮށްފައި ވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ވިސްނުން މިހާރުގެ އެންވައިރުމަންޓު ނުވަތަ ކޮރަލްގެ ކަންތައްތައް ކުރައްވާ ބޭފުޅުންނާ އެއްފެންވަރެއްގައި ނުހުރެދާނެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ދެވުނު. އަޅުގަނޑުމެން މަސް މެރުން މަނާކުރިން. މުރަކަތަކަށް ގެއްލުން ނުވާނޭގޮތް ހެދިން.” ނަސީމް ވިދާޅުވިއެވެ. “އަޅުގަނޑުމެން މިއުޅެނީ ދިރޭއެއްޗެއްގެ މަތީގައި. ކޮރަލްތައް މަތީގައި. އެއިން އަޅުގަނޑުމެންނަށް ދިރުން ލިބެނީ. އެއީ އަޅުގަނޑުމެންގެ ލައިފް، އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކޮށްދޭ ހުރިހާ އެއްޗަކީ.”

ރާއްޖޭގައި ރަށް ތަކާއި ފަޅުތައް ހިއްކައިގެން ދިވެހީންނާއި ބޭރު މީހުން ދަނީ ގިނަ އަދަދަކަށް ރިސޯޓުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

“ގަބޫލުފުޅު ކުރައްވަންވާނެ އެ ނަގަނީ ހަމަ އަޅުގަނޑުމެންގެ ފަސްކަން. އަޅުގަނޑުމެން އެއަށް އެއްވެސް އެއްޗެއް ޗާޖެއް ނުކުރަން. އަޅުގަނޑު މިވާހަކަ ރައީސުލް ޖުމްހޫރިއްޔާއަށް ދެންނެވިން. ހިލޭ ވެލިނަގައިގެން ބޭނުން ކުރަނީ. އަޅުގަނޑުމެން ހިލޭ ދޭއެއްޗެއް. އަޅުގަނޑުމެން ގެ ޖަޒީރާވަންތަކަމާއި އަޅުގަނޑުމެންގެ ރަށްތަކާ އެއްޗެތި ހަލާކުވާގޮތަށް އެއްވެސްފަރާތަކުން ބޭނުންކޮށްގެން ނުވާނެ.” ނަސީމް ވިދާޅުވިއެވެ. “މިތަނަކީ އެއްވެސް ހާލެއްގައި އަވަހަށް ލާރިކޮޅެއް ހަދައިގެންދާން އަންނަ ތަނަކަށް ހަދައިގެން ނުވާނެ. މިތަނުގައި އުޅެން ވާނީ މިތަނަށް އިހުތިރާމު ކުރާ މީހުން. އަޅުގަނޑުމެންގެ އެންވައިރުމަންޓަށް އިހުތިރާމުކުރާ މީހުން ނޫނީ މިތަނުގައި އިންވެސްޓުކޮށްގެން ނުވާނެ.”

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ފުރި ބާރުވަމުން ދާތީއާއި ރިސޯޓުތައް ހަދަން ފަޅުހިއްކަމުންދާތީ ތިމާވެއްޓަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުންދާކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ތިމާވެއްޓަށް އެންމެ ކުޑަކޮށް ގެއްލުން ލިބޭނޭ ގޮތްތަކަށް ބަލައިގެން ބިންހިއްކައި ތަރައްގީ ކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުން މިހާރު ވަނީ އާއްމު ކަމަކަށް ވެފައެވެ.

 

2 ހިޔާލުތައް

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ