ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތްކުރޭ: ރައީސް

Loading

Facebook
Twitter
WhatsApp

 

ދިވެހިން ބައިބައި ކުރުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

1443ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ  ދިވެހިންނަކީ ދިގު ތާރީހެއް އޮތް  މުއްސަނދި ސަގާފީ ތަރިކައަކާއި، ފަހުރުވެރި ގައުމިއްޔަތެއް އޮތް ބަޔެއް ކަމަށެވެ.

ދިވެހިންނަކީ ސުލްހަޔާއި ހަމަޖެހުމާއި މަޑުމައިތިރިކަމުގައި، މުއައްރިޚުން މިސާލުޖަހައި އުޅުނު ބައެއްކަމަށާ އަދި ދިވެހިންނަކީ ހަމްދަރުދީއާއި އޯގާތެރިކަމާއި ކުލުނާއި ލޯބީގެ މަތީގައި، ދިރިއުޅުން ބިނާކުރި ބައެއް ކަމަށެވެ.

ނަމަވެސް ނުރަގަނޅު ފިކުރުތައް ފަތުރައި ދިވެހިން ބައިބައި ކުރުމަށް ބަޔަކު މަސައްކަތްކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

“ ނަމަވެސް، ނުރަނގަޅު ފިކުރުތައް އަޅުގަނޑުމެންގެ ތެރެއަށް ފަތުރައި، އިޖުތިމާއީ އަދަބު އަހްލާގުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތްކުރޭ. މިފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނެ، އަހްލާގީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ ގައުމީ ވާޖިބަކަށް ހަދަންވީ، ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖުތަމައަށް ނެރުމަށް ކަމަށާ  ދިވެހިވަންތަ ޝަހްސިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަށް ކަމަށެވެ.

“ ގައުމުގެ ފޯދެމުން އަންނަ ޖީލުގެ ހިތްތަކުގައި، ގައުމިއްޔަތުގެ ރޫޙު އުފައްދައި،ގަައުމީ ލޯބި ދިރުވައި އާލާކުރުމުގެ އަޒުމް ކަނޑައެޅުމަކީ، މިފަދަ ގައުމީ މުނާސަބާތަކުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާކުރެވޭނީ، ގަައުމީ ސިފަތަކަށާއި، ގައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް އުފެދިގެންކަން ޔަގީން“ ރައީސް ސާލިހު ވިދާޅުވިއެވެ.

ދިވެހި ގައުމިއްޔަތަކީ ކާބަފައިން ރައްދުކޮށްދީފައިހުރި އަމާނާތެއްކަން ފާހަގަ ކުރައްވައި ރައީސް  ވިދާޅުވީ އެންމެ އިސް ގައުމީ ވާޖިބަކީ މަސްލަހަތު ރައްކާތެރިކުރުން ކަމަށެވެ.

”މިއަދު އަޅުގަނޑުގެ އެންމެ އިސް ގައުމީ ވާޖިބަކީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރުން. ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީވެސް އެއީ. “ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަދުގެ ދުނިޔެ ދަންނަނީ ސުލްހަޔާއި މިނިވަންކަމުގެ ބަސްމަގުކަމަށާ  ދުނިޔެ ގޮވައިލަނީ، އެކުވެރިކަމާއެކު ލާމެހިގެން އުޅެންކަމަށެވެ.

”އެކަހެރިވުމާއި ވަކިވަކިވެގެން އުޅުމަށް، މިއަދުގެ ވިސްނުން ތަނެއްނުދޭ. އަޅުވެތިކުރުމާއި ގަދަބާރުން ކަންކަން ކުރުމަކީ އަދުގެ ބައިނަލްއަގުވާމީ މުޖުތަމައާ ބީރައްޓެހި ކަންކަން. ބާރާއި ނުފޫޒަކީ، ސުލްހަަޔާއި ހަމަޖެހުން ގާއިމުކުރެވޭނެ ވަސީލަތެއް ނޫން. ދުނިޔޭގެ ހުރިހާ ދިމާއަކުން އަޅުގަނޑުމެންގެ ލޯތަކަށް ފެންނަމުން ހާމަވަމުން އެދަނީ މި ހަގީގަަތްތައް.“ ރައީސް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައާ މުޅިން އެކަހެރިވެފައި އޮތް އަހަރުތަކަކަށްފަހު، މިއަދު ދިވެހިރާއްޖެއަކީ، ބައިނަލްއަގްވާމީ މުޖުތަމއުގެ އިތުބާރާއި ލޯތްބާއި އިހްތިރާމް ލިބިފައިވާ ގައުމެއްކަމަށެވެ.

.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް