އިއްޒަތްތެރި ރާމާމަކުނު ކަލޭގެފާނު

Loading

Facebook
Twitter
WhatsApp

ޖިންސީ ގޯނާ ކުރުމަކީ ރާމާމަކުނުގެ ޠަބީޢަތުގައި ލައްވާފައިވާ ކަމެކެވެ. އެކަން އެހެން އޮތުމުން ކުރީގެ އަނބި މީހާއަށާއި ލޯބިވެރިންނަށް ރާމާމަކުނު އަނިޔާ ކޮށް ޖިންސީ ގޯނާކޮށް ހަދައެވެ. ރާމާމަކުނަކީ ބިންމަތީގައި ހިނގައި ދުވެ ފުމެ ނަށައި އުސްތަންތަނަށް އަރައި އުޅޭ ގޮތަށް މޭޒުމަތީގައި ހުންނަ ފޮތްފަންސުރުރަށާއި ގާނޫނުއަސާސީއަށް ވެސް އަރައި ވައްތަރު ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އެފާޑުގެ ކަންތައް ކުރާ މަކުނުތަކުގެ ތެރޭގައި ހިމެނެނީ ބޮލުރޮދިކެނޑިފައިވާ މަކުނުތަކެވެ. ރާމާމަކުނުގެ ރަސްކަން ލިބުނަސް ރާމާމަކުނުންގެ މަޖިލީހުގެ ރައީސްކަން ލިބުނަސް ރާމާމަކުނުންގެ ދިފާއީ ވަޒީރުކަން ލިބުނަސް ބޯގަޅި މަކުނު ވާނީ ބޯގަޅި މަކުނަށެވެ.

ރާމާމަކުނުންގެ ތެރޭގައި ފިރިހެން މަކުނުންގެ ފަހަތުން ގޮސް ފިރިހެން މަކުނުންގެ ގައިގައި ތަޅާ އަންހެން މަކުނުތައް ވެސް އުޅެއެވެ. އެފަދަ އަންހެން މަކުނަށް ހީވާނީ ދަށަށް ޖެހުމާއި ޓައިއެޅުމާއި ފަހަތުން ތެޅުމަކީ ޖިންސީ ހަމަހަމަކަން ކަމަށެވެ.

ރާމާމަކުނުންގެ ތެރޭގައި ކިއުގައި ނުޖެހި ވަލު ދޮރޯށިން ވަދެ ޓިކެޓު ހޯދާ މަކުނުތަކާއި ވިސާގެ ކަންތައް ނިންމާ މަކުނު ތަކާއި ޕްރޮޖެކްޓްތައް ހޯދާ ވަގު މަކުނުތައް ވެސް ހިމެނެއެވެ.

ތެދެކެވެ! ކިތަންމެ ރީތި ކޯޓު ލައިގެން ޓައި އަޅައިގެން ތިއްބަސް މަކުނު ވާނީ މަކުނަށެވެ. އަދި ވަގު މަކުނުތައްވެސް ވާނީ ހަމަ ވަގު މަކުނަށެވެ.

ހުރިހާ ރާމާމަކުނަކީ ރާމާމަކުނުކަމަށް ވިޔަސް ހުރިހާ މަކުނަކާމެދު އަމަލު ކުރެވޭނީ އެއް އުސޫލަކުންނޫނެވެ.

”ކަލެއަކީ“ މީހުންގެ ހުރުމަތްކަނޑައި ދަށު ދަރަޖައަކަށް ވައްޓާލަން ބައެއް ރައްރަށުގެ މީހުން ބޭނުން ކުރާ އަތްމަތީ ބަހަކަށް ވިޔަސް މީހުންގެ ގަދަރު މަތިކުރުމުގެ ގޮތުން ”ކަލޭގެފާނު“ގެ ލަގަބު ދައުލަތުން މަދު ބަޔަކަށް ދީފައިވެއެވެ. އެގޮތުން ރާމާމަކުނުތަކުގެ އަގު ވަޒަންކޮށް އިއްޒަތް ދިނުމުގެ ގޮތުން ”މާތް މަތިވެރި މާ މަކުނު ކަލޭގެފާނު“ގެ ލަގަބު އެރުވިދާނެއެވެ. މިސާލަކަށް އޭރުން ދިއްގަރު މަކުނެއްނަމަ ”ދިއްގަރުގެ އިއްޒަތްތެރި މެމްބަރޭ ކިއުމުގެ ބަދަލުގައި ކިޔަން ޖެހޭނީ ”ދިއްގަރުގެ އިއްޒަތްތެރި މާ މަކުނު“ މި ފަދައިންނެވެ.

ކޮންމެހެން ގާނޫނެއް ހަދައި ފާސް ނުކުރިޔަސް ރާމާމަކުނު ނަސްލުގެ އިއްޒަތްތެރި މެންބަރުންނަށް ގަދަރު ކުރުމުގެ ގޮތުން ”މަކުނު ކަލޭގެފާނު“ގެ ނަމުން ގޮވައިލެވިދާނެއެވެ. އަންހެން މަކުނެއްނަމަ ”މަކުނު ކަމަނާފާނު“ ނޫންނަމަ ”މަކުނު ރެހެންދި“ އޭ ވެސް ކިޔަންވީއެވެ.

އިންޑިއާގެ އާބާދީ ރާއްޖޭގައި އިތުރުވަމުންދާ ގޮތަށް ރާމާމަކުނުގެ އާބާދީ ވެސް ރާއްޖޭގައި އިތުރުކުރަން މަސައްކަތް ކުރެވިދާނެއެވެ. އެކަމަށް ބަނގުރޫޓު ވެފައިވާ ދައުލަތުގެ ޚަޒާނާއިން އެންމެ ލޯލާރިއެއް ވެސް ޚަރަދުނުކޮށް ފުއްދޭނެއެވެ. އެހެނީ އިންޑިއާގެ ރާމާމަކުނުގެ އާބާދީ ރާއްޖޭގައި އިތުރުކުރާނަމަ އެ މަޝްރޫޢަށް ބޭނުންވާ ލޯނާއި ކްރެޑިޓް ފެސިލިޓީޒްއާއި ފަންނީ މީހުންނާއި ބޮކިދަނޑިތައް ހޯދުމަށް އިންޑިއަން ހައިކޮމިޝަންގެ އެހީ ލިބިދާނެކަމަށް ފެނެއެވެ.

އަދި އިންޑިއާއަށް ދާން ވިސާ ހޯދުމަށް ދިވެހި ނިކަމެތި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށްވުރެ އިންޑިއާގެ ރާމާމަކުނު ދިވެހިރާއްޖޭގައި އާލާކުރުމަށް ހިންގާ މަޝްރޫޢު ތަންކޮޅެއް ބާރަށް ވެސް ގެންދެވިދާނެއެވެ. އެއީ ޖަނަވާރުގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖަމާއަތްތަކުން ވިސާ ކަންތަކާ އަޅާނުލިޔަސް ރާމާމަކުނު އާލާކުރަން އެއްބާރުލުން ދޭނެތީއެވެ.

ރާމާމަކުނު އާލާކޮށް ތަރުބިއްޔަތުކޮށް ދުރޫސުލް އަޚްލާޤު ކިޔަވައި ދިނުމަށް ދައްޕަރަކީ ވަރަށް މުހިއްމު ރަށެކެވެ. އެކަމަށް އިތުރު ރަށެއް ބޭނުންނަމަ ހޮނޑައިދޫ ވެސް ބޭނުން ކުރެވިދާނެއެވެ. ހޮނޑައިދޫގެ ގޮނޑުދޮށަކީ އިއްޒަތާއި ގަދަރާއި ޝަރަފާއި ބަނގުރާ ހިއްޕެވުމުގެ ރޮނގުން މުޅި ރާއްޖެއަށް މަޝްހޫރު ރަށެކެވެ. ގޮނޑުދޮށެކެވެ.

ބައެއް މީހުން ދެކޭ ގޮތުގައި އެބައެއްގެ ތެރޭގައި އުޅޭ ރާމާމަކުނުތައް ބޯގަޅިވެ ބޯގޮވައި ބޮލުރޮދި ކެނޑި ބޮލަށް ބޭސް ކުރާ ހިސާބަށް ހިނގައްޖެނަމަ އިނގިރޭސިވިލާތަށް ފޮނުވައިގެން ނަމަވެސް ބޮލަށް ބޭސް ކުރުމަކީ ގައުމީ ވާޖިބެކެވެ.

އިނގިރޭސިވިލާތުގައި ގޮނޑިދުއްވުމުގެ ތެރެޕީ ލިބޭނީ ނަސީބުވެރި މަކުނަކަށެވެ. މިހާރު މޮރޮކޯއިންވެސް މިފަދަ ތެރެޕީ ލިބޭކަމަށްވެސް ވެއެވެ.

ރާއްޖޭގައި ކުޅު ޖެހުމާ ބެހޭ ގާނޫނެއް ފާސްކޮށްފައިވެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އަދި މިހާތަނަށް ރާމާމަކުނަށް އިހުތިރާމްކޮށް ގަދަރުކޮށް އިއްޒަތްތެރިކޮށް ހިތުމާ ބެހޭ ގާނޫނެއް ފާސްކޮށްފައެއް ނުވެއެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ކާންބޯންދީ ބޯހިޔާވަހިކަން ހޯދައިދޭން މާލޭ ސިޓީކައުންސިލަށް ޖެހިފައިވާ ގޮތަށް އެކި ކުލަކުލައިގެ ރާމާމަކުނުތަކަށް ދާއިމީ ގޮތެއްގައި ރާއްޖޭގައި އާލާކޮށް ޚިދުމަތްދޭން ވެއްޖެނަމަ އެކަން ވާނީ ސަރުކާރަށް ކުރިމަތިވާ ބޮޑު ނުފޮރުއްޕާނަކަށް ނޫންބާވައޭ ހިތައްއަރައެވެ.

 

 

Loading

3 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް