ޓެރަރިޒަމް ހުއްޓުވުމަށް ތައުލީމީ ނިޒާމަށް ބަދަލުގެންނަންޖެހޭ: ހަޔާ އެޑިއުކޭޝަން މިނިސްޓަރު

Loading

Facebook
Twitter
WhatsApp

 

ޓެރަރިޒަމާއި ހަރުކަށިފިކުރު ހުއްޓުވުމަށް ތައުލީމީ ނިޒާމަށް ބަދަލު ގެނެސް ތައުލީމީ ނިޒާމުގެ  ތެރެއިން މަސައްކަތް ކުރަންޖެހޭކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ތައުލީމީ ނިޒާމް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވީ ”ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޯ ކޮމްބެޓިން އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް“ގެ ނަމުގައި ފެށި މަސައްކަތު ބައްދުލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވީ، ޓެރަރިޒަމްއާއި ހަރުކަށިފިކުރު ހުއްޓުވުމަށް ތައުލީމީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރަންޖެހޭކަމަށެވެ. އެގޮތުން ތައުލީމީ ނިޒާމުގެ ތެރެއިން ކްރިޓިކަލް ތިންކިންގގެ ހުނަރުތައް އަށަގަންނުވައި، އަނިޔާވެރިކަމާއި ދުރުވުމަށާއި، ގާނޫނުތަކާއި އިންސާނީހައްގުތައް ޒުވާނުންނަން އުންގަންނައިދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަމުން އަރައިގަނެ ހުއްޓުވުމަށް މުޅި މުޖުތަމައުގެ ޒިންމާ ބޮޑުކަމަށާ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުދީ ފެންވަރުގައިވެސް ވިސްނަންޖެހޭކަމަށެވެ.

އަދި ޓެރަރިސްޓް ޖަމާއަތްތަކުން މީހުން ރެކްރޫޓުކުރުމަށާއި ހަމަލާތައް ރޭވުމަށް އިންޓަނެޓާއި ސޯޝަލްމީޑިޔާ ބޭނުންކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ލިބޭ އެކި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް ގޮވާލައްވާފައެވެ.
”މުޅި ދުނިޔެއަށް ކުރިމަތިވެފައިފާ ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމުގެ ފިކުރަށް، ރެކްރޫޓުކުރާ ގޮތްތައް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. މިހާރު އެމީހުންގެ އަމާޒަކަށްވެފައިވަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ޒުވާނުން އެކަންކަމަށް ރެކްރޫޓްކުރުން. މިކަންކަން ހުއްޓުވުމަށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަ ވަސީލަތްތަކުން ހޯދާ ނުވަތަ ލިބޭ މަޢުލުމާތުގެ ސައްޙަކަން ކަށަވަރުކުރުން މުހިންމު.“ ޑރ.އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުން ބާއްވަނީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ސައޫދީ އަރަބިއްޔާގެ ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކިޔުރިޓީ ސައިންސަސް އާއި ގުޅިގެންނެވެ.
ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނީ މި މަސައްކަތު ބައްދަލުވުމަކީ ޓެރަރިޒަމާއި ހަރުކަށިފިކުރު ހުއްޓުވައި ތަހައްމަލުކުރުމުގެ ސިފަތައް ލިބިފައިވާ އަމާން ބަދަހި މުޖުތަމައެއް ގާއިމްކުރުމުގައި ދީނީ އިލްމުވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ ދައުރާގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ ހުރިހާ ސެޝަންތަކެއްވެސް ނަންގަވައިދެއްވުމަށް ހަމަޖައްސާފައިވަނީ  ނާއިފް އަރަބް ޔުނިވާސިޓީގެ ފަންނީ މާހިރުންނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި ގުޅިގެން އޯޕަން ފޯރަމެއް ހޯމަ ދުވަހުގެ ރޭ ބޭއްބުމަށް ވެސް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ވަނީ ނިންމާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް