ކުދި ކުށްތައް ކުރާ މީހުންނަށް ލުއި އަދަބެއް ދެނީ

Loading

Facebook
Twitter
WhatsApp

 

ކުދި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޖަލަށް ލުން ނޫން އަދަބެއް ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ( ސީޕީ) އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަހިންސާ ދުވަސް ނުވަތަ ނޮން-ވައިލެންސް ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ސީޕީ ވިދާޅުވީ ކުދި ކުށްތައް ކުރާ މީހުން ޖަލަށް ލުން ނޫން އަދަބެއް ދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށާ މިހާރުގެ ގާނޫނުގެ ތެރެއިން އެކަން ކުރެވޭނެ ކަމަށެވެ.

”ޝަރީއަތް ކުރުމުގައި ޖަލު ނޫން އަދަބެއް ދެވޭނެ އިޖުރާތެއް ގާއިމްކޮށްފައި އެބައޮތް. މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެބަ މަސައްކަތް ކުރަން އެ އަދަބު ތަންފީޒު ކުރެވޭނެ ގޮތުގެ ނިޒާމުތަކެއް ހަމަޖައްސަން“ އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުދި ކުށް ކުރާ މީހުންނަށްޖަލަށް ލުމުގެ ބަދަލުގައި އެހެން ގޮތްގޮތަށް އަދަބު ދޭކަމަށާ ރާއްޖޭގައި ވެސް އެގޮތަށް އަމަލު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

”ދުނިޔޭގެ އެހެން ގައުމުތަކުން އެބަ ފެނޭ މި ބާވަތުގެ ކުދިކުދި ކަންކަމުގަ ޖަލު ނޫން އަދަބު ދީގެން އެ މީހުން އަތުން އެ ބަދަލު ނެގޭނެ ގޮތް. ނޫނީ އެ މީހަކު ލައްވާ އެ މީހުން އަތުން އެ ކަމެއް ކުރެވޭނެ ގޮތެއް. އަޅުގަނޑުމެން ވެސް މިހާރު އެ ނިޒާމާ ދިމާލަށް މި ދެވެނީ. ޖަލު ނޫން އެހެން އަދަބު ތައާރަފް ކުރުމުގެ މަރުހަލާ މަތީގައި މި ތިބެނީ“ ސީޕީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދަބުގެ ގޮތުގައ ރާއްޖޭގައި ކުރިން ދީފައި ހުރި އަދަބުތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އަދިވެސް ރާއްޖެއަށް ކުރާ ކަމަށެވެ.

ރާއްޖޭގައި ކުރިން ދެމުން އައި ހަރުކަށި އަދަބުތަކަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އަދަބުގެ ގޮތުގައި ތާރީހުގައި ވަރަށް އަނިޔާވެރި އަދަބުތައް ދީފައި އެބަހުރި ކަމަށެވެ. އެގޮތުން އަނދަގޮނޑި ޖެހުމާއި ގަން ހިންގުން ފަދަ ކަން ކަން ހިނގަމުން އައި ކަން ސީޕީ ފާހަގަކުރެއްވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް