އަމީން މިނިވަންކުރުމަސް ހައިކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށްފި

Loading

Facebook
Twitter
WhatsApp

 

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް ލީޑަރު ކަމަށް ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން 2019 ވަނަ އަހަރު އޮކްޓޯބަރު 23 ގައި ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ.

ހައްޔަރުގައި ބަހައްޓައިގެން އަމީނަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ފަށައިފައި ވަނިކޮށް އޭނާގެ ވަކީލުންގެ ފަރާތުން ވަނީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލަ ނިމުނީ އަމީނާ އެއްކޮޅަށެވެ. ހައި ކޯޓުން ނިންމީ ދައުވާތައް ބާތިލްކޮށް އަމީން ދޫކޮށްލުމަށެވެ.

ހައިކޯޓުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފައިވަނީ ބަންދުގައި ހުރި މީހަކަށް ދައުވާ އުފުލަން ޖިނާއީ އިޖްރާއަތުގެ ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވިފަހުން ދައުވާކޮށްފައި ވާތީ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބަންދުގައި ހުރި މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް 45 ދުވަސް ލިބެ އެވެ. ހައި ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން އަމީންގެ ބަންދު އިތުރުކޮށްފައިވާތީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ނުއުފުލޭނެ ކަމަށެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ، ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށެވެ.

އެ ގޮތަށް ރައުޔު ނެރެ ދެއްވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ސުއޫދުގެ ރައުޔަށް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ ތާއިދު ކުރައްވާފައެވެ.

ހުކުމުގައި ބުނެފައިވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރާ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރި ނަމަވެސް، އެ މީހެއްގެ މައްޗަށް، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ދައުވާ ކުރެވޭނެ ކަމަށެވެ.

އަމީން ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް ފަހު ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓުގައި އަލުން އޭނާގެ މައްސަލަ ބަލަން އަމުރު ކޮށްފަ އެވެ. އަދި އާ ގަޒިއްޔާތަކެއްގެ ގޮތުގައި ބެލުމަށް ހުރަހެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް