"އެންމެ ގިނަ ޝަކުވާ ލިބެމުންދާ މިނިސްޓްރީއަކީ ހަގީގަތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ"

Loading

Facebook
Twitter
WhatsApp

އެއީ ބުދަ ދުވަހެވެ. ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.

ތަނަކީ ރައްޔިތުންގެ މަޖިލީހެވެ.

މަޖިލީހުގެ މެންބަރުންގެ އިތުރަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އިބްރާހީމް ޙަސަން ވެސް ޖަލްސާ ކުރާ ހޯލުގައި އިންނެވިއެވެ. އޭނާ މަޖިލީހަށް ހާޒިރުވެ ވަޑައިގަތީ މެންބަރަކު ކުރައްވާ ސުއާލުތަކަށް ޖަވާބު ދެއްވުމަށެވެ.

މެންބަރުންނަށް މިނިސްޓަރ ޑޮކްޓަރ އިބްރަހީމް ޙަސަންއާ އިތުރު ސުއާލު ދެންނެވުމަށް ހުޅުވާލެވިފައި އޮތް ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް އެންމެ ގިނަ ޝަކުވާ ލިބެމުންދާ މިނިސްޓްރީއަކީ ހަގީގަތުގައި ހަޔައެޑިއުކޭޝަން މިނިސްޓްރީ. އަދި މި ކުރާ ޝަކުވާއަކަށް ޖަވާބެއް ނުލިބޭ މިނިސްޓްރީއަކީ ވެސް ހަމަ އެމިނިސްޓްރީ. އަދި ދަރިވަރުން ސްކޯލަޝިޕަށް އެދުމުގެ ސިސްޓަމާ ދޭތެރޭގައި އެންމެ އިތުބާރު ގެއްލިފައިވާ މިނިސްޓްރީއަކީ ވެސް ތީ. ވަރަށް ގިނަ ޝަކުވާތަކެއް އެބަހުރި ޚުދު މަނިކުފާނަށް އެތައް ބައިވަރު ސުއާލެއް ހުށަހެޅިން އެހެން ނަމަވެސް އަދި މިހާތަނަށް ޖަވާބު ދެއްވިފަކާއެއް ނުވޭ.“

ނިޒާމީ ނުކުތާއެއް ނަންގަވައި މެންބަރު ޝަރީފު އިތުރަށް ވިދާޅުވިއެވެ.

”މިހެން މި ދިމާވަނީ ކީއްވެގެންތޯ؟“

ޝަރީފު ހުންނެވީ ހިތްޕުޅާ ނުވެފައެވެ. އޭނާ އެދިވަޑައިގެންނެވި ކަންތަކަށް މިނިސްޓަރ ޖަވާބު ނުދެއްވައިގެންނެވެ.

މެންބަރު ޝަރީފުގެ ރުންކުރު ވާހަކަތަކަށް ޖަވާބު ދެއްވަމުން ވެސް މިނިސްޓަރ ޑޮކްޓަރ އިބްރާހީމް ޙަސަން ސާފުކޮށްދެއްވީ މިނިސްޓްރީން ކުރަމުންދާ ކަންތައްތަކުގެ ވާހަކައެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވާ ކުދީންގެ އަދަދު 11 ހާހަށް އަރާކަމަށް ވިދާޅުވިއެވެ. ލޯނު ސްކީމްގެ ދަށުން 450 ކުދީން ކިޔަވަމުން ދާ ވާހަކައާއި ސަތޭކައަށް ވުރެ ގިނަ ކުދީން ސްކޯލަޝިޕްގައި ތިބި ވާހަކަ ވިދާޅުވިއެވެ.

”ސްކޯލަރޝިޕްތަކާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ފީޑްބެކްތައް ލިބިފައި ވަނީ.“ މިނިސްޓަރ ވިދާޅުވިއެވެ. ”އެހެންނެއް ނޫން ކެލާދައިރާގެ މެންބަރު އަމިއްލަގޮތުން ލޯނު ސްކީމާ ބެހޭ ގޮތުން ސުއާލުތަކެއް ކުރެއްވި.“

މެންބަރު ޝަރީފުގެ އެންމެ ބޮޑު އެއްމައްސަލައަކީ އެ ސުއާލުތަކުގެ ޖަވާބު ލިބިވަޑައިނުގަތުމެވެ.

އެހެން ވާންޖެހެނީ ކީއްވެގެން ހެއްޔެވެ؟

ޝަރީފް: މިހާތަނަށް ޖަވާބު ދެއްވިފަކާއެއް ނުވޭ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މިނިސްޓަރަށް އަމާޒު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މަތީ ތައުލީމުގެ ހަމަހަމަ ފުރުސަތު ލިބުމަކީ ދައުލަތުގެ ސިޔާސަތުކަމަށް ބަލަމުންދާއިރު، އަދި އެކަން އެހެން އޮތްއިރުގައި ރާއްޖޭގެ 20 ސަރަހައްދަށް ބަހާލައިގެން މަތީ ތައުލީމުގެ ފުރުސަތު ދޭތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ޑިގުރީއަށް ހިލޭ ކިޔަވައި ދިނުމަކީ ރިޔާސީ ވައުދެކެވެ. ކިތަންމެ ގިނަ ބަޔަކަށް ހިލޭ ކިޔަވައިދިނަސް ހަޔަ އެޑިއުކޭޝަން މިނިސްޓްރީއަށް މަޖިލިސް މެންބަރުންނާއި އާންމު ރައްޔިތުން ހުށަހަޅާ ސުއާލުތަކަށް ޖަވާބު ނުލިބޭނަމަ ”އެންމެ ގިނަ ޝަކުވާ ލިބެމުންދާ މިނިސްޓްރީއަކީ ހަގީގަތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ“އޭ ބުނެ ވާހަކަދެއްކުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އެއީ މިނިސްޓްރީ އާއި ސަރުކާރު ބަދުނާމު ވާނެ ކަމެއް ކަމަށް ގަބޫލުކުރަން އެބަ ޖެހެއެވެ.

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް