އެމެރިކާގައި ގަސް މަދުވުމުގެ ނުރައްކާ!

Loading

Facebook
Twitter
WhatsApp

 

 

އެމެރިކާގެ ފޮރެސްޓް ސާވިސްއިން މިދިޔަ އަހަރު ނެރުނު ދިރާސާއެއްގައި ވާގޮތުން އެ ޤައުމުގެ އެކި ސަރަހައްދުތަކުން ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް 36 މިލިޔަން ގަސް މަދުވެފައި ވެއެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް އެކެއް އިންސައްތަ ދަށް ޢަދަދެކެވެ.

ޔޫއެސް ފޮރެސްޓް ސާރވިސްގެ އިސް ސައިންޓިސްޓު އަދި މި ދިރާސާގެ ކޯ އޯތަރ ޑޭވިޑް ނޮވަކް ވިދާޅުވި ގޮތުގައި މިހާރެކޭ އެއްގޮތަށް ކަންކަން ހިނގަމުންދާނަމަ ސިޓީތައް އާދަޔާ ޚިލާފަށް ހޫނުވުމާއި، ވައި ނުސާފުވުން ފަދަ ކަންކަމާ ކުރިމަތިވެ އެ މާހަޢުލަކީ މީހުން ދިރިޅުމަށް ސިއްހީ ގޮތުން އެންމެ އެކަށޭނަ ތަންތަނަށް ވެގެން ނުދިއުމީ ދުރުގައިވާ ކަމެއް ނޫނެވެ.

ނޮވަކް ވިދާޅުވިގޮތުގައި ގަސްގަހާގެހި މަދުވުމަށް މެދުވެރިވާ ގިނަގުނަ ސަބަބުތަކުގެ ތެރޭގައި ގުދުރަތީ ބިންހެލުންތަކާއި ނަގޫރޯޅި އަދި އަލިފާނުގެ ކާރިސާތައް ހިމެނެއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގަސްގަހާގެހީގެ މައްސަލައަށް ހައްލެއް ގެނައުމަށް އިންސާނުން ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ އެއީ ނުކުރެވޭނެ ކަމެއް ނޫނެވެ.

”ފޮޓޯތަކަށް ބަލައިލުމުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ކުރީގައި ގަސްގަހާގެހިން ފުރިފައިފާ ތަންތަން މިއަދު ޕާކުކުރާ ތަންތަނާށާއި އުސް އިމާރާތްތަކަށް ބަދަލުވެފައިވާ މަންޒަރު.“ އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އާބާދީގެ 80 އިންސައްތައަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދަނީ އިމާރާތްތަކުން ފުރިފައިވާ ކާރޫ ބާރޫ ބޮޑު ސިޓީތަކުގައެވެ.

ނޮވަކް ވިދާޅުވި ގޮތުގައި ގަސްގަހާގެހީގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބެއެވެ.

އޭގެ ތެރޭގައި:

މާހަޢުލުގެ ހޫނުމިން ކުޑަކޮށް ދިނުން، ވައި ތަޣައްޔަރުވެ ނުސާފުވާ މިންވަރު ކުޑަކޮށްދިނުން، ”އެނާޖީ އެމިޝަން“ ކުޑަކޮށްދިނުން، ފެނުގެ ފެންވަރު ރަނގަޅުވުން، ފެންބޮޑުވުމުގެ ހާދިސާތައް މަދުވުން، އަޑު ގަދަވުން ކުޑަކޮށްދިނުން، ނުރައްކާތެރި ޔޫވީ ރޭޑިއޭޝަނުން ރައްކާތެރިކޮށްދިނުން، އިންސާނުންގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން، އަދި މިނޫންވެސް ގިނަގުނަ ފައިދާތައް ހިމެނެއެވެ.

އޭނާ ވަނީ ގަސްތައް މަދުވުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންކަން ވެސް ހިއްސާކުރައްވާފައެވެ.

އެގޮތުން: އަމިއްލަ ގޯތިތެރޭގައި ހުންނަ ގަސްތައް ރަނގަޅަށް ބެލެހެއްޓުން، ގަސްގަހުގައި ހަލާކުވެފައި ހުންނަ އޮފިތައް ކަނޑައި ސާފުކުރުން، ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ގިނަ ދުވަސްވެފައިވާ ގަސްތައް ނުކެނޑުން، ގަސްތައް ހެދި ބޮޑުވުމަށް ބޭނުންވާ ޖާގަ ދިނުން، ގަސްގަހާ ބެހޭގޮތުން ތިމާގެ މަޢުލޫމާތު މުއްސަނދިކޮށް ފަރުދީ ޒިންމާ އަދާކުރުން، ފަރުދީ ޒިންމާ އަދާކޮށް މިފަދައިން މަސައްކަތްކޮށްފިނަމަ މޫސުމީ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތަކަށްވެސް އެދެވޭ ހައްލެއް ލިބިގެން ވާނެކަމުގައި ނޮވަކް ދެކެވަޑައިގަންނަވައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް