ކިޔާނެ މީހަކު ނެތިއްޔާ ލިޔާނެ ކަމެއް ނެތް

Loading

Facebook
Twitter
WhatsApp

ދަންނަބޭކަލުން ވިދާޅުވާގޮތުގައި މިއުންމަތުގެ ހަތަރު ވަނަ ޚަލީފާ ޙަޟުރަތު ޢަލީ ރަޟިޔަﷲ ޢަންހު ގެ ބަސްފުޅެއްގެ ދޭހައިގައި ވެއެވެ.“ ކަލޭމެންގެ ހަނުހުރުމުން ކަލޭމެންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް ދެނެ ނުގަނެވޭ މީހާގެ ކުރިމަތީ ދުލުން އެ ވާހަކަތައް ހާމަކުރުމަކީ އެ ލަފުޒުތަކުގެ އެއްވެސް އަގެއްނެތް ކަމަށް ދުށުން ފަދަ ކަމެކެވެ.“ އެހެންކަމުން ދިވެހިންގެ ކަންބޮޑުވުންތައް އަޑުއިއްވުމަށް ޓަކައި ވެސް އެހެން ވަސީލަތެއް ހޯދަން އެބަ ޖެހެއެވެ.

ދިވެހިރާއްޖޭގައި ޚަބަރު ފަތުރާ ވަސީލަތްތަކަށް ބަލާއިރު ވަރަށް ބޭނުންތެރި ލިއުންތައް ގިނަކަން ފާހަގަ ކުރެވެއެވެ. ޚާއްޞަ ގޮތެއްގައި ދިވެހިންނަށް ޓަކައި އުފައްދާފައިވާ ވެރިކަމުގެ ނިޒާމުގައި ހުރި ނުރަނގަޅު ކަންތައްތަކާއި އެކަންތައްތައް އިސްލާހު ކުރެވިދާނެ ގޮތުގެ މައްޗަށް ގިނަ ލިއުންތަކެއް ޝާއިޢު ކުރެވެމުންދެއެވެ. ރައްޔިތުންގެ އަޑު ވެރިކަމުގެ ދަރުބާރަށް އިއްވުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ނޫސްތަކުގައި އެވަރަށް ލިޔަމުން ގެންދާއިރު ވެސް އެއަޑު އަހައި އެއިންކަމަކަށް ރައްޔިތުން ބޭނުންވާ ކަހަލަ ހެޔޮ ބަދަލެއް ވެރިކަމުގެފަރާތުން ލިބެނީ މަދު ފަހަރެއް ގައެވެ. ވީމާ އެ ކަންބޮޑުވުންތަކުގެ ވާހަކަ ކިތަންމެ ވަރަކަށް ލިއެ ހާމަކުރިއަސް ކިޔާނެ މީހަކުނެތޭ ކިޔާފައި އަތް އުރާލައިގެން ތިބެންވީ ހެއްޔެވެ؟

ރައްޔިތުންނަށް ޓަކައި ހެޔޮމަގުން ކަންތައްތައް ކުރަން ހަވާލު ކޮށްފައިވާ މީހުންނާ ހަމަޔަށް ރައްޔިތުންގެ ކޮންމެ މީހަކަށް އޭނާގެ އަޑުއިއްވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަދި ޚަބަރު ފަތުރާ ވަސީލަތްތަކަކީ އަމިއްލައަށް އެ ޒިންމާ ކޮނޑުގައި އަޅައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ވެރިކަމުގެ ދަރުބާރާ ހަމަޔަށް ރައްދުކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ ބައެއްކަން ދައްކާން ވެސް އެބަޖެހެއެވެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ޢަލީގެފާނުގެ އެ ބަސްފުޅުގެ މުރާދަކީ އެ ކަންބޮޑުވުންތައް އަޑު އިއްވުމަށް ޓަކައި އެހެން ވަސީލަތްތައްވެސް ބޭނުން ކުރުމަށް ބާރު އެޅުއްވުމެވެ. ރައްޔިތުންގެ ޚާދިމުންކަމުގައި ވެގެން ތިބެ އެ ކަންބޮޑުވުންތައް އަޑުނާހައި ކަންފަތް ބަންދުކުރުމަށް ފުރުސަތު ނުދިނުމެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މިންވަރު އެނގޭކަމަށް ހަދައި އިތުރު ކަންބޮޑުވުންތައްވެސް އަޑުއަހަން މިހުރީ ތައްޔާރަށޭ ބުނެ ގޮނޑިއަށް އާދޭސްކުރަން އަންނައިރު އެ ފަރާތްތަކާ ދޭތެރޭ އަމަލު ކުރަންޖެހޭ ގޮތް ރައްޔިތުންނަށް ވެސް އެނގޭކަން ދައްކަން އެބަ ޖެހެއެވެ. ރަނގަޅު ނަތީޖާއެއް ފެންނާނީ އެނޫން ގޮތްގޮތަށް ހުރި ދޮރުތައް ބަންދުކުރެވުނު ވަރަކުންނެވެ.

ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް މި ގައުމަށް ލިބޭ އާމުދަނީން ޚަރަދުކުރުމުގައި ރައްޔިތުން ބޭނުންވާގޮތްތައް ހޯދައި ބަލައިގެން ހޭދަކުރުމުގެ ބަދަލުގައި ތިމަތިމާމެންނަށް ފެންނަ މޮޅު ގޮތްގޮތަށް ވެރިކަމުގެ ފަރާތުން އިސްރާފު ކުރަމުން ގެންދިއުމުން ފެށިގެން ގެވެށި ކުނި އުކާލުން ފަދަ އެންމެ އަސާސީ ޚިދުމަތްތައްވެސް ފުރިހަމަކޮށް ނުދިނުމުގެ ޝަކުވާތައް އަބަދާއަބަދު ނޫސްތަކުގެ ފަލަ ސުރުޚީ ތަކުންދަނީ ފެންނަމުންނެވެ. ތިމާއަށް ފެންނަގޮތް ނޫން އެހެން މަޝްވަރާއެއްގެ އަޑުއަހާނެ ކަންފަތެއް ވެރިކަމުގެ ދާއިރާގައި ނެތެވެ.

އަޅުގަނޑުގެ ހަނދާނަށް އަންނަނީ އެއްދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރޭގައި ރާއްޖޭގެ ކުރީގެ ބަންޑާރަނައިބު ޑޮކްޓަރު މުޙަންމަދު މުނައްވަރު އަޅުގަނޑަށް ހަނދާންކޮށްދެއްވި ނަސޭހަތުގެ ބަސްފުޅެކެވެ.“

”ރައީސުލްޖުމްހޫރިއްޔާ ސަރުކާރެއް އެކުލަވާލައްވައި އެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ދެނެގަނެ އެކަންތައްތައް ތަރުތީބުކޮށް އެ ޚިދުމަތްތައް ދިނުމަށްޓަކައި އެކަށައަޅާފައިވާ ގާނޫނުތަކަކާއި ގަވައިދުތަކެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައެވެ. ރައްޔިތުންނަށް އެންމެ މޮޅުގޮތާއި ލުއިފަސޭހަ ގޮތް ދެނެގަތުމަކީ އެ މަގާމު ހަވާލުކުރެވޭ ބޭފުޅެއްގެ މަސްއޫލިއްޔަތެކެވެ. މިތާގައި އަޅުގަނޑު މި ބޭނުންކުރި ”ދެނެގަތުން“ މި ލަފުޒަށް ބާރުލައްވައި ވިދާޅުވީ އެއީ އެ މަގާމަށް އައްޔަންކުރެވޭ ބޭފުޅަކާ ހަވާލުކުރެވޭ ކަންތައްތަކަކީ އޭނާގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮތް ކަންތަކެއް ނޫންކަމާއި އެއީ އެކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯދަންޖެހުން ނޫން އެހެންގޮތެއް އޭނާއަށް ނެތްކަން އަންގައި ދިނުމަށް ޓަކައެވެ.

އަޅުގަނޑުމެންގެ ތެރޭގައި ކަންތައް ހިނގަމުން ދަނީ މީގެ އިދިކޮޅަށެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ވެސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށްފަހު އެ ހިސާބުން ނިމުނީ ކަމަށް ދެކިވަޑައިގަންނަވާ ކަހަލައެވެ. މަގާމަކާ ހަވާލުކުރެވޭ އެއްވެސް ބޭފުޅަކުގެ ފަރާތުން ރައްޔިތުން އެދޭ މިންވަރަށް ޚިދުމަތް ނުދެވޭކަމަށް ފެނިވަޑައިގެން ވަޒީފާއިން ވަކިކުރެއްވި ބޭފުޅެއްގެ ނަން ހަނދާނަކަށް ނާދެއެވެ. އެހެނަސް ރައްޔިތުންގެ ކަންބޮޑުންތައް އިންތިހާއަށް ނެތް އިދާރާއެއް ނެތޭ ބުނުމަކީ ވެސް މުޅިން ދޮގަކަށްނުވާނެއެވެ. ސިޔާސީ ޕާރޓީއެއްގެ ރުހުން ނެތިގެން ވަޒީފާއިން ވަކިކުރުމަކީ އަދި އެހެންކަމެކެވެ.

ނިންމާލުމުގެ ކުރިން ސުލްޠާނު މަޙްމޫދު ޣަޒްނަވީގެ ބަސްފުޅެއް ހަނދާންކޮށްލާނަމެވެ. އެއްދުވަހަކު އެ ރަސްގެފާނުގެ ޣުލާމް އަޔާޒުއަތަށް އަނގޮޓިއެއް ދެއްވާފައި ވިދާޅުވިއެވެ. އަހަރެން އުފާވެފައިހުރި ވަގުތެއްގައި ހިތާމަކުރަން ހަނދާންކޮށްދޭނެ އަދި ހިތާމައިގެ ވަގުތުގައި އުފާކުރަން ހަނދާންކޮށްދޭނެ އިބާރާތެއް މީގައި ލިޔެ ދީބަލާށެވެ.

އަޔާޒް އޭގައި ލިއުނު އިބާރާތަކީ ”މި ވަގުތު ވެސް ފާއިތުވެގެން ހިގައިދާނެއެވެ.“ މިއެވެ.

 

Loading

2 Responses

  1. އަޅުގަނޑަކީ ދިވެހިރާއްޖޭގައި ދިރިއުޅޭތާ 40 އަހަރަށްވުރެން ގިނަ ދުވަސްވަފައިވާ މީހަކީމެވެ. ފުރަތަމަ ފަހަރަށް އެއްގަމުގައި ދުއްވާއެއްޗެހީގެ ލައިސަންސް ލިބުނީ 2001 ޖޫން 11 ގައެވެ. 10 އަހަރު ދުވަހުގެ މުއްދަތަށެވެ. މުއްދަތު ހަމަވުމުން އާކޮށްދެއްވީ 2011 ޖޫން 10 ން ފެށިގެން އަނެއްކާވެސް 10 އަހަރު ދުވަހަށެވެ. އަޅުގަނޑަކީ ލައިސަންސް ގައި ހުރި ކެޓަގަރީގެ އުޅަނދުފަހަރު ދުއްވާމީހަކީމެވެ. އަދި ފާއިތުވެ ދިޔަ 20 އަހަރުތެތެރޭގައި އެއްގަމު އުޅަދުފަހަރު ދުއްވުމުގެ މައްސަލައެއް ދިމާނެވެއެވެ. ނަމަވެސް މިފަހަރު ލައިސަންސް އާކޮށްދެއްވީ ހަމައެކަނި އެއް އަހަރު ދުވަހަށެވެ. ސުވާލުކުރުމުން ޖަވާބު ދެއްވީ ބިދޭސީންނަށް ގަވައިދު ބަދަލުވީއެވެ. އަޅުގަނޑަކީ ދިވެހިޢާއިލާއަކަށް ނިސްބަތްކުރެވޭ ބިދޭސީއެކެވެ. ގަބޫލުކުރަމެވެ. އެކަމަކު 20 އަހަރު ދުވަހު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ތަޖްރިބާއާއި ގަވައިދާ ޚިލާފް އަމަލެއް ނުކުރުމުންވެސް ކިޔެވިކިޔެވިހެން މިވީ ކާފަރެވެ. ޑޮކްޓަރ މުނައްވަރު އެ ވިދާޅުވަނީ ރައްޔިތުންނަށް މޮޅުގޮތާ ލުއިފަސޭހަގޮތް މި ގޮތަށް ދެނެގަންނަ ވާހަކަ ބާވައެވެ.

  2. ޢަލީގެފާނު ވިދާޅުވެފައިވެސް އެއޮތީ ހަމަ އެވާހަކަފުޅެވެ. ކިތަންމެ ވާހަކައެއް ދެއްކިޔަސް ރެޑީމޭޑް ޖަވާބުން ސަލާމަތެއް ނުވެވޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް