ފޮޓޯއަކާ ހެދި އިންޑިއާގެ ހިންދޫން ޝާހު ރުޚު ޚާނާ ދެކޮޅަށް އަޑު އުފުލަން ފަށައިފި

711

ޕާކިސްތާނުގެ މިހާރުގެ ބޮޑު ވަޒީރު އަދި ކުރިން މުޅި ދުނިޔެއަށް މަޝްހޫރު ކުރިކެޓު ކުޅުންތެރިޔާ ޢިމްރާން ޚާނާއެކު އިންޑިއާގެ މަޝްހޫރު އަދި ހުނަރުވެރި ފިލްމީ ތަރި ޝާހު ރުޚު ޚާން ނަގާފައިވާ ފޮޓޯއެއް މީޑިއާގައި ދައްކަން ފެށުމުން އިންޑިއާގެ ހިންދޫން ރުޅިވެރިކަމާއެކު ޝާހަށް ފާޑުކިޔައި ދިމާކުރަން ފަށައިފިއެވެ. އަދި ޝާހު ރުޚު ޚާނުގެ ފިލްމުތައް ބަލަން ނުދިއުމަށް ބާރު އަޅައި ވަރުގަދަ ކެމްޕޭނެއް ކުރަން ފަށައިފިއެވެ.

ޝާހަކީ ޕާކިސްތާނުގެ ހިމާޔަތުގައި މަސައްކަތްކުރާ މީހެއްކަމަށް ބުނެ ދެން އެންމެ އަވަހަށް އަޅުވަން ހަމަޖެހިފައިވާ ޝާހުގެ ފިލްމު “ޕަޓާން” ބަލަން ނުދާށޭ ބުނެ އޭނާއާ ދެކޮޅަށް މި ވަގުތު ވަރަށް ނުރައްކާތެރި ރޭވުމެއް ހިންގަމުން އެބަދެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި “ޕަޓާން”ގައި ޝާހު ކުޅެނީ އިންޑިއާގެ ސިއްރު ފުލުހުންގެ އިދާރާ “ރޯ”ގައި މަސައްކަތް ކުރާ މުސްލިމެއްގެ ބައެވެ.

“ޕަޓާން”ގައި ޝާހުގެ އިތުރަށް ސަލްމާން ޚާނާއި ޖޯން އެބްރަހަމް އާއި ދީޕިކާ ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.

ޝާހާ ދެކޮޅަށް ފާޑުކިޔާ ބައެއް މީހުން ބުނާ ގޮތުގައި އިންޑިއާގައި ކޮންމެ މުސްލިމަކަށް ވެސް ފުރިހަމަ މިނިވަންކަން ލިބިގެންވެއެވެ. ނަމަވެސް ޝާހުގެ އަމަލުތަކުން އިންޑިއާއަށް ދަނީ ހުތުރު ނަން ލިބެމުންނެވެ.

ޝާހަށް ފާޑުކިޔައި މީހަކު ލިއުނު ގޮތުގައި ކާމިޔާބު ފިލްމު “ޗަކްދޭ އިންޑިއާ”ގައި ރަންޖަން ނޭގީގެ ނަމުގެ ބަދަލުގައި ޝާހު އޭނާގެ ނަމަކަށް އިޚްތިޔާރު ކުރީ ކަބީރު ޚާނެވެ. ފިލްމުގައި ހިންދޫއެއްގެ ނަމުގެ ބަދަލުގައި މުސްލިމު ނަމެއް ބޭނުން ކުރުން ވެސް ހިންދޫންނަށް ވީ ބޮޑު މައްސަލައަކަށެވެ.

ޝާހާ ދެކޮޅަށް އެހެން މީހަކު ލިޔެފައި ވަނީ އިންޑިއާގެ ރަސްކަލެއްކަމުގައިވާ އަޝޯކާ ބެހޭ ގޮތުން 2001ގައި ކުޅުނު ފިލްމުގައި ވެސް ޝާހު މަސައްކަތްކޮށްފައި އަޝޯކާއަށް ހުތުރު އަރާފަދަ ގޮތަކަށެވެ.

އިންޑިއާގެ މަޝްހޫރު މުސްލިމް ތަރިންކަމަށް ވާ ސަލްމާން ޚާނާއި ޝާހު ރުޚް ޚާނާއި ނަސީރުއްދީން ޝާހާއި ޢާމިރު ޚާނު ފަދަ ތަރިން މުސްލިމުންގެ ހިމާޔަތުގައި އަނގަހުޅުވާ ކޮންމެ ފަހަރަކު އިންޑިއާގެ އެތައް މިލއަން ހިންދޫން މުސްލިމް ތަރީންނާ ދެކޮޅަށް އަޑު އުފުލަމުން ގެންދެއެވެ.

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ