ދުވަސްވީ މައްސަލައެއް ސެކްޝަންގައި ނުބާއްވަން ވެގެން ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލި ގާޒީ އަލީ ނަސީރު މަގާމު މެޖިސްޓްރޭޓެއްގެ މަގާމަށް ދަށްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު އެގޮތަށް ނިންމީ އަލީ ނަސީރު ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތްކަމަށް ނިންމައި އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރި މައްސަލައިގައެވެ.
ޢަލީ ނަޞީރު އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކޮށް ޙުކުމްކޮށްފައި ވަނީ އެ ގަޒިއްޔާގެ މައުލޫއަށް ޙުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް އޭނާގެ ސެކްޝަނުގައި ނުބޭއްވުމުގެ މަޤްޞަދުގައިކަން ތަޚްޤީޤުގައިވަނީ ސާބިތުވެފައި ކަމަށެވެ.
ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގުސަދުގައި މައްސަލައިގެ ޚަޞްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޢަލީ ނަޞީރުގެ މި ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާއި ޚިލާފު ޢަމަލެއްކަމުގައި ތަޚްޤީޤުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ. އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ ދަށުން، ޢަލީ ނަޞީރު ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް މިއަދު ވަނީ ނިންމާފައި ކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.