ގައިދީ މަރުވި މައްސަލަ ބެލުމަށް އެމްނެސްޓީން ގޮވާލައިފި

49

 

 

ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގައިދީގެ މަރުގެ މައްސަލަ މިނިވަން ތަހުގީގެއް ކޮށް ބެލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް (40 އަހަރު) މަރުވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްލަމް މަރުވި މައްސަލާގައި ހޮސްޕިޓަލުން ދީފައިވާ މަރު ސެޓްފިކެޓްގައި މަރުވި ސަބަބު ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ރާއްޖޭގެ ޖަލު ތަކަކީ ލާއިންސާނީ އަނިޔާ ދިނުމާއި ގައިދީންނަށް ރަނގަޅު ފަރުވާގެ ހިދުމަތް ނުދެވޭ ތަންތަނުގެ ތާރީހެއް އޮތް ތަންތަން ކަމަށް ބުނެ ގައިދީންނާ ދެކޮޅަށް ހިންގާ އަނިޔާތައް ހުއްޓާލައި ގައިދީންނާ މެދު ރަނގަޅު އަމަލުކުރުމަށްވެސް އެމްނެސްޓީން ވަނީ ގޮވާލާފައިވެ އެވެ.

އެމްނެސްޓީގެ ބަޔާނުގައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރި އަހްމަދު ސިރާޖު ކިޔާ މީހަކަށް ފުލުހުން އަނިޔާކުރި ކަމަށްވެސް ބުނެފަ އެވެ. އަދި އެ މަސައްލަވެސް ބެލުމަށް ވަނީ ގޮވާލާފައިވެ އެވެ.

މި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހްމާލެއް އޮތް ކަމަށް އެ އިދާރާއިން ނުދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެމްނެސްޓީން ބުނީ އަސްލަމް ޖަލަށް ވެއްޓި ހޮސްޕިޓަލަށް ގެންދިޔަ ކަން އަސްލަމްގެ އާއިލާ އަށް އެނގުނީ ވެސް މީހެއްގެ ފަރާތުން ކަމަށެވެ. އަދި އަސްލަމް މަރުވި ސަބަބު ނޭނގުމަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށް އެމްނެސްޓީން ބުނެއެވެ.

ގައދީގެ މަރުގެ މައްސަލަ ބެލުމަށް އެމްނެސްޓީން ގޮވާލާފައިވާއިރު މި މައްސަލައިގައި ކަމާ ބެހޭ ފަރާތްތަލުން އިހުމާލު ވެފައިވާކަމަށް އާއިލާއިން ކުރާ ތުހުމަތު ތަހުގީގުކޮށްދިނުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެސް ވަނި ހުށަހަޅާފައެވެ.

މި މައްސަލައާ ގުޅިގެން ކަރެންޝަނުން ބުނެފައިވަނީ މި މަހު 13 ވަނަ ދުވަހު އަސްލަމް ގާތްގަނޑަކަށް 6:00 ޖަހާ އެހާކަށްހާއިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އިމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާ، އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ނިޔާވެފައިވާ ކަމަށް އެރޭ 20:23 ގައި މައުލޫމާތު ދިން ކަމަށެވެ.

 

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ