ޒަރޫރީ ބޭނުމެއްނެތި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.
ރޭގައި ނެރެފައިވާ އެންގުމުގައި ބުނެފައިވާ ގޮތުގައި ޒަރޫރީ ބޭނުމެއް ނެތި ގޭގެއަށށް ދިއުން ހުއްޓާލުމާއެކު މާލެ ސަރަހައްދަށް ރޭގަނޑު 10 ކުން ފަތިހު 5 ބޭރަށް ނިކުމެ އުޅުމާއި، މާލެ ސަރަހައްދުގައި ހިންގާ ފިހާރަތަކާއި، ކެފޭ އަދި ރެސްޓޯރެންޓުތައް ރޭގަނޑު 9 ގަޑި ބައިގައި ބަންދުކުުރުމާއި، މާލެ ސަރަހައްދުގައި އެއްފަހަރާ ފަސްމީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.
އަދި ރަށްރަށުން މާލެ އައިސް މާލެއިން ރަށްރަށަށް ދަތުރުކުރުން ވެސް ވަނީ މަނާކުރައްވާފައެވެ. މީގެ އިތުރުން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރާއިރު މާސްކް އެޅުން މަޖުބޫރު ކުރުމާއި، އޮފީހަށް ނެރެގެން މަސައްކަތް ކުރާ މުއައްޒަފުންގެ އަދަދު 50 ޕަސެންޓަށް ދަށް ކުރުމަށް ވަނީ އަންގަވާފައެވެ.
މިއެންގުންތަކުން އިސްތިސްނާ ވަނީ ސިފައިންނާއި ފުލުުހުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ މުއައްޒަފުންނާއި، އެމުއައްޒަފުން ދުއްވާ ވެހިކަލް، އެމްބިއުލަންސް އެޗްއއީއޯސީގެ ފާސް ލިބިފައިވާ މީހުން، ފަތިސް ނަމާދަށްދާ މީހުންނަށެވެ.
މިހާރު މާލެއިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނި ކަމަށެވެ.