މަސްތުވާތަކެތި ވިއްކާ މީހުން އަނބިދަރިންނަށް ކާންދެނީ ކަނޑައެޅިގެން އަލިފާން: ހުތުބާ

Loading

Facebook
Twitter
WhatsApp

 

މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބޭ ފައިސާއަކީ ހަރާމް ފައިސާއެއް ކަމަށާ އެކަން ކުރާފަރާތްތަކުން އަނބިދަރިންނަށް ކާންދެނީ ކަނޑައެޅިގެނ އަލިފާންކަމަށް މިއަދުގެ ހުކުރު ހުތުބާއި ބުނެފިއެވެ.

”މަސްތުގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރަމާ“ މި މައުޟޫއަށް ހާއްސަކޮށްފައިވާ މިއަދުގެ ހުތުބާގައި ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންގެ މުޅި ހަޔާތް ބިނާކުރަނީ ހަރާމް ވިޔަފާރިއެއްގެ މަށްޗަށް ކަމަށެވެ.

“ މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ އަކީ ކަނޑައެޅިގެން ހަރާމް ވެގެންވާ އެއްޗެއް. މިއަދު ތިބާ އެންމެ ލޯބިވާ އަނބިދަރިންނަަށް ކާން ތިޔަ ދެނީ ކަނޑައެޅިގެން އަލިފާން. ހަރާމްތަކެތި ކައިގެން ހަނޑިހަނޑުގައި ޖަހާ މަހަށް އައުލާވެގެންވަނީ ނަރަކަ ކަމަށް ނަބަވީ އިރުޝަދުތަކުގައި ބަޔާން ކުރައްވާފައިވޭ“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަކީ ފައިސާގެ ދަހިވެތިކަމުގައި ޖީލުތައް ބަރުބާދު ކުރަމުންދާ މީހުން ކަމަށެވެ.

“ އެތައް ސަތޭކަ މައިންގެ ލޯތައް ލޭގެ ކަރުނައިގެ ކޯރުތަކުން ފުރާލި ރަހުމްކުޑަ މީހުންނޭ، ﷲ އަށް ބިރުވެތިވާންވީ ވަގުތު އަދިވެސް ނާންނަނީ ހެއްޔެވެ. މިއަދު ތިބާގެ ހަޔާތުގައި ވަގުތީ އުފާވެރިކަމެއް ފެނުނުކަމުގައި ވިޔަސް ﷲ އަށް ތައުބާނުވެ ހުރެ މަރުވެއްޖެ ނަމަ ތިބާ އާ ކުރިމަތިވާނެ ކަންތައްތަކާމެދު ފުންކޮށް ވިސްނާށެވެ. މާދަމާ ﷲގެ ހަޟުރަތުގައި ތިބާއާ މެދު ޝަކުވާ ދަންނަވާނެ ކިތައްކިތައް މައުސޫމު ދަރިން ދުނިޔެމަތީގައި ތިބާގެ ސަބަބުން ބިކަ ވެފައިވޭހެއްޔެވެ. ﷲގެ ހަޟުރަތުގައި މިއަޅާ މި ވަބާގެ ޝިކާރައަކަށް ހެދީ މިވެނި މީހެކޭ ބުނެ ޝަކުާ ދަންނަވާނެ ކިތައްކިތައް ޒުވާނުންގެ ހަޔާތް ތިބާގެ އަތުން ބަރުބާދުވެގެން ގޮސްފައިވޭހެއްޔެވެ.“

މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ މީހުންނަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މަރުގެ އަދަބު ދޭ ކަންފާހަގަކޮށް ހުތުބާގައި ބުނީ ރާއްޖޭގައި މަސްތުވާތަކަތީގެ ވިޔަފާރިކުރާ މީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައަޅައި ތަންފީޒު ކުރަންޖެހޭކަމަށެވެ.

”މަސްތުވާތަކެތީގެ ނުރައްކާ ބޮޑުކަމުން ދުނިޔޭގައި މިއާ ދެކޮޅަށް ހަނގުރާމަ ކުރަނީ ހަމައެކަނި މުސްލިމް ގައުމުތަކުން އެކަންޏެއް ނޫން. ވަރަށް ގިނަ ޣައިރު މުސްލިމް ގައުމުތަކުގައިވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އުގޫބާތް ދޭ. މިރާއްޖޭގައިވެސް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައަޅައި، ތަންފީޒު ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް،“ ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުތުބާގައި ވަނީ މުޖުތަމައުގެ ގިނަ މައްސަލަތަކުގައި މަސްތުވާތަކެތީގެ ދައުރު ބޮޑުކަން ފާހަކޮށް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުން މާޔޫސްނުވެ އެކަމުން އަރައިގަތުމަށް ނަސޭހަތްތެރިވެދީފައެވެ. އަދި އެ ފަރާތްތކަށް އެހެންމީހުންގެ އެހީތެރިކަން ދިނުމަށްވެސް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް