ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން: ރައީސް

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުންގުޅިގެންދާއިރު އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އާންމުން ސަރުކާރު އިދާރާތަކަށް ހުށައަޅާ ލިޔެކިއުންތައް ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅޭނެ ނިޒާމްކަމަށްވާ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް، އިފްތިތާހްކުރުމަށް  ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަމަދު ސާލިހު މިއަދު ވިދާޅުވީ މި ހިދުމަތަކީ، ރައްޔިތުންނާ ވީހާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ހިދުމަތެއްކަމަށެވެ.

އަދި މި ހިދުމަތަކީ  ރައްޔިތުންނާއި ސަރުކާރާ ދެމެދު، މިހާރަށްވުރެ ހަލުވިކޮށް މުވާސަލާތު ކޮށްދޭނެ ވަރަށް ހަރުދަނާ ފާލަމަކަށް ވެގެންދާނެކަންފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުން ގުޅިގެންދާއިރު، މީގެ ހަގީގީ ފައިދާ ލިބޭނީ އޮފީސްތަކުން މަސައްކަތްތައް ނިންމާ ޖަވާބުދޭ މިންވަރު އިތުރުކޮށްގެން ކަމަށެވެ.

 

”ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުން ގުޅިގެންދާއިރު، އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން. އެކަން ކުރެވޭނީ، ޢާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އޭނާ އިތުރު ބުރައެއް އުފުލަންނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ޤާއިމުކުރެވިގެން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ  މި ހިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ސަރުކާރުގެ އޮފީހަކަށް  ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި ސަރުކާރުގެ ހި ދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން ކަމަށާ މި ނިޒާމްގެ ތެރެއިން މަސައްކަތް ރެގިއުލެޓް ކުރެވޭނެ ކަމަށެވެ.

”ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް ފެށުމާއެކު ސަރުކާރު އޮފީސްތަކުން ހިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ އާންމު މިންގަނޑުތަކާއި، ހިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް އާންމުކުރެވޭނެ. އަދި އެ ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމްތައް އޮފީސްތަކުގައި ގާއިމުކުރެވޭނެ“ ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން، ސާވިސް ޗާޓަރުތަކާ އެއްގޮތަށް ހިދުމަތް ނުލިބޭނަމަ، ހަމަ މި ނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެކަމަށާ މި ނިޒާމު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ ތަފާސްހިސާބުތައް، ޝަކުވާ ރައްދުވާ އޮފީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއް ވަގުތެއްގައި ބެލެން ހުންނާނެ ކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ހިދުމަތްތައް ޑިޖިޓަލްވެގެން އަންނައިރު، ސަރުކާރުގެ އޮފީސްތަކަށ އާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެ، ސަރުކާރުގެ ހިދުމަތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ ކަން ފާހަކުރައްވައި ރައީސުލް ޖުމުހޫރިއްޔާ އިްބރާހިމް މުހައްމަދު ސާލިހު ވިދާޅުވީ މިއީ، ރައްޔިތުންނަށް ހިދުމަތް ދޭން ތިބި ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށެވެ.

ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި  ބޭއްވި މި ރަސްމިއްޔާތުގައި ކެބިނެޓްގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެންސީއައިޓީގެ އިސްވެރިން  ބައިވެރިވެވަޑައިގެންނެވިއެވެ.

 

Loading

2 Responses

  1. މިކަން ކުރާނީ ކިހިނެއްތޯ؟ ގާސިމުގެ މޮޑަލް އަންބަށް ޓްރާންޕޯޓް ދެއްވައިގެން ތި ހުންނަވަނީ. އެކަމަނާޔަކީ ދުވަހަކުވެސް ޓްރާސްޕޯޓޭކިޔާ އެއްޗެއްވެސް ފޮތަކުންވެސް ކީ ކަމަނާއެއްނޫން. އެހެނަސް އޭނަވަރުގެ އެކަން އެނގޭމީހަކު ނެތިގެން ހަމަ ކުއްލިކުއްލިއަށް ބޭނުންކަމެއް ރުންކުރުކޮށް ކޮށްލަކޮށްލާ އެއްވެސް ޚިދުމަތެއް ރައްޔަތުމީހާއަށް ނުދެވި މިދަނީ. ރައީސް މަނިކުފަނަށް އެނގޭތޯއެވެ. ހަމަ އެހެން މިސަރުކާރުގެ ގިނަ އޮފީސްތަށް ހިންގަނީ.
    ވީމާ ލިޔުއްވައިގެން މޮޅެތި ވާހަކަފުޅު ވިދާޅުވެ ގޮތްދެއްކުން ހުށްޓަވާލައްވާފަ ދައުލަތް ހިންގުން 4 މީހުންގެ މެދުގައި ކަމެއްނުކުރެެވި 5 އަހަރުގެ ދައުރެއް ނިންމާލަކަށް ހެޔޮނުވާނެ ނޫންތޯއެވެ. މަނިކުފާނަށް ހަމަވިސްނުން ދެއްވައި ތިވިދާޅުވިގޮތަށް ސަރުކާރެއް ހިންގަވައިދެއްވާށެވެ. އެނޫނީ ދައުލަތް ފުޑުނީއެވެ.

  2. ކޮއްކޯ ކޮންމެ ދުވަހަކު އެއް އޮފީހަށް ވަދެ ހިނގާ ނުހިނގާ ބަލާބަލަ….ކޮންމެ އޮފީހެއްގަ ހުންނާނީ އެކެއް ޖައްސަވާ ދޭއް ޖައްސަވާ ފޯނު ސިސްޓަމެއް. ޚިދުމަތް ނުލިބިގެން މީހުންތައް ތެޅިފޮޅެނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް