ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަން އަމުރު ކުރުމަކީ އަނިޔާއެއް

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ގިނަ ގައުމުތަކުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަނީ ވަރަށްބޮޑެތި ކުށް ކޮށްގެން ގެންދެވޭމީހުންނެވެ. މިސާލަކަށް ރާވައިގެން މީހުން މަރާ މީހުންނާއި ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔާފާރި ހިންގާ ބޮޑުންނާއި ސިޔާސީ ބޮޑެތި މައްސަލަ ތަކުގައި ޝާމިލްވާ މީހުންނާއި ރޭޕް މައްސަލަ ތަކުގައި ހިމެނޭ މީހުންނާއި ބަޣާވާތް ކުރަން ރާވާ މީހުންނެވެ.

ކަންމިހެން ހުރިނަމަވެސް ރާއްޖޭގެ ކޯޓުތަކަށް ހުށަ ހެޅޭ މައްސަލަ ތަކުގެ %90އިން ސައްތަ މީހުން ވާނުވާ ޖަހާފައި ޖަލުގައި ބަހައްޓާކަމީ އިޖްތިމާޢީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތި ވަމުން އަންނަ ކަމެކެވެ.

ވާނުވާ ޖަހާފައި ޖަލުގައި ބެހެއްޓުމުގެ ސަބަބުން އެމީހާގެ އަނބިދަރީން ފަގީރު ޙާލުގައި އުޅެން ޖެހުމާއި ދަރީންގެ ތަޢުލީމަށް ކުރާނޭދެވޭ އަސަރުތަކާއި ކައިވެނި ރޫޅުންފަދަ އެތައްއެތައް އިޖްތިމާޢީ މައްސަލަތަށް އުފެދެއެވެ. އަނެއްކޮޅުން ވާނުވާ ޖެހުމަށްފަހު ޖަލުގައި ބަހައްޓާފައި ހުންނަ މީހާގެ ޝަރީޢަތުގެ އަޑުއެހުންތައްވެސް ކުރިއަށް ދަނީ ނުހަނު ގިނަދުވަހުންނެވެ. މިގޮތަށް ތިންހަތަރު އަހަރުންވެސް މައްސަލައެއް ނުނިމެއެވެ. މިހާ ގިނަ ދުވަހު ކުށުގެ ތުހުމަތުގައި މީހާ ޖަލުގައި ބާއްވައިގެން ޝަރީޢަތް ނިމޭއިރު ގިނަ މައްސަލަތަށް ސާބިތު ނުވެ ޖަލުން ދޫކޮށްލަން ޖެހިދެއެވެ. ތިންހަތަރު އަހަރު ޖަލުގައި އޮތުމަށްފަހު ކުށްސާބިތު ނުވެގެން ދޫކޮށްލާއިރު އެމީހާގެ މުޅި ދިރިއުޅުން ބަނގުރޫޓުވެ، އަނބިހާ ގެއްލި ދަރިން ވަގުންނަށްވެ އައު ދިރިއުޅުމެއް ހޯދަންޖެހޭ މީހުންގެ ޢަދަދު މަދެއްނޫނެވެ.

ކޯޓަކަށް މައްސަލައެއް ހުށަހެޅޭތާ ހަތަރު ފަސް އަހަރު ވާފަހުން ނޫނީ މައްސަލަ ނިމޭގޮތެއް ނުވެއެވެ. ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމައި ދަޢުވާ ލިބޭފަރާތް އެކަމުން މިންޖުވާނެ ގޮތެއް ނެތުމުގެ ސަބަބުން އިޖްތިމާޢީ ގޮތުންނާއި މާއްދީ ގޮތުން ލިބޭ ގެއްލުންތައް އަންނަނީ އިތުރުވަމުންނެވެ. ކުށެއްގެ ތުހުމަތުގައި ޖަލަށް ލެވޭ މީހާގެ މައްޗަށް އެކުށް ސާބިތުނުވެގެން ދޫކޮށްލާއިރު އެމީހާ ޖަލުގައި އެ ހޭދަ ކުރިދުވަސްތަކުގައި އޭނާއަށް ލިބިގެން ދިޔަ ގެއްލުންތަކަށް ބަދަލެއް ލިބޭނެ ގޮތެއްވެސް ނެތެވެ. ވާނުވާ ޖަހާފައި ޖަލުގައި ބަހައްޓަން ގާޒީ ކުރައްވާ އަމުރުގައި ބަޔާން ކުރައްވާފައި ވަނީ ޝަރީޢަތް ނިމެންދެން ޖަލުގައި ނުބަހައްޓައިފިނަމަ އޭނާގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ. އެހެނަސް އެމީހާ ޖަލުގައި ބެހެއްޓުމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަން ގެއްލޭ މިންވަރު މާބޮޑުކަން ހާމަވެގެން ދެއެވެ. ދައުލަތުން ރައްޔިތެއްގެ މައްޗަށް ދަޢުވާއެއް އުފުލައިނަމަ ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓައި ދިނުމަށް އެދުމަކީ ޢާންމު ކަމެވެ. ރައްޔިތުމީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ހުންނަން ޖެހުމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އުފެދޭ އިޖްތިމާޢީ އަދި މާއްދީ މައްސަލަތައް މާ ގިނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމާއެކު މިފަދަ ކަންކަމުގައި ރައްޔިތުމީހާގެ ދިރިއުޅުމަށާއި ޢާއިލާތަކަށް ކުރިމަތިވެދާނެ ދެރަގޮތްތަކުގެ މައްޗަށް ދައުލަތުން ވިސްނާ ވަޑައިގަތުން ވަރަށް މުހިންމެވެ.

ޖަލުގައި ބަންދުކޮށްފައި ތިބި ބައެއް: ނިޔާއެއް ނެތި އެތައް އަހަރަކަށް ބަންދު ކުރުމަކީ އަނިޔާއެއް

ފިރިހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގިކަމުގެ ތުމަތުގައި ވާނުވާޖަހާފައި ޖަލުގައި ހުރިމީހަކު ދޫކޮށްލީ އެކުށް ސާބިތު ނުވާކަމަށް ގާޒީ އެމީހާގެ މައްޗަށް ހުކުމް ކުރެއްވުމުންނެވެ. އެމީހާ ދޫކޮށްލީ ޖަލުގައި ހުންނަތާ ހަ އަހަރަށްވުރެ ގިނަދުވަސް ވީފަހުންނެވެ. މިދެންނެވި ދުވަސްތަކުގެ ތެރޭގައި އޭނާ ކުރަމުންދިޔަ ވިޔަފާރި ބަނގުރޫޓުވެ އަނބިމީހާ ވަރިވެ ދަރިންގެ ތައުލީމު ގެއްލި އިޖްތިމާޢީ އަދި މާއްދީ ގޮތުން ފޫބެއްދޭވަރަށް ވުރެ ބޮޑު ގެއްލުން އޭގެ ސަބަބުން އޭނާ ތަޙައްމަލް ކުރަން ޖެހުނެވެ. ޒިންމާވާނެ ފަރާތެއްނެތެވެ. މިއީ ޝަރީޢަތް ކުރަން ވާނެ ގޮތެއް ނޫނެވެ. ދައުލަތުން އޭނާ ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓައިދިނުމަށް ގާޒީގެ އަރިހުގައި ދެންނެވުމުން ދައުލަތުން އެދިވަޑައިގެންނެވި ގޮތަށް ކުރެއްވި އަމުރުގެ ހިތިނަތީޖާއެވެ.

ވީމާ ރައްޔިތުންނަށް މިވަރުގެ ބޮޑެތި އަނިޔާ ދިނުމަށް ދައުލަތުން އެކުރައްވާ މަސައްކަތް ހުއްޓަވާ ލައްވައި ރައްޔިތު މީހާގެ މައްޗަށް އިޙުސާން ތެރިވުމަށް ގޮވާލަމެވެ. އަނިޔާ ކުރުމަކީ ހަމައެކަނި ތަޅައި ރޯނާގެންނެވުމެއް ނޫނެވެ.

ﷲ ވަނީ އަޅުތަކުންގެ މަށްޗަށް އަނިޔާ ޙަރާމް ކުރައްވައި އިޙުސާން ތެރިވުމަށާއި ޢަދުލުވެރިވުމަށް ހަތް އުޑުމަތިން އަމުރު ކުރައްވާފައެވެ.

 

Loading

One Response

  1. ޤާނޫނުތައް ހަދައި މީހުންގެ މައްޗަށް ހިންގާއިރު، އެޤާނޫނުތައް ހަދަންތިބޭ މީހުންގެ ކިބައިގައި އެވަރުގެ ކެޕޭސިޓީއެއް ނެތިއްޔާ އެޤާނޫނުތައް ވެގެންދާނީ ރައްޔިތުންގެ މައްޗަށް އަނިޔާއެއް ކަމުގައި. ވާނުވާޖަހާފަ ޖަލުބަނަދަށް ފޮނުވާ މީހުންގެ މައްސަލަތައް ނިންމަންޖެހޭ ކުރު، މެދު، ދިގު މުއްދަތެއް ކަނޑައެޅި މުއްތަހަމްގެ ޙައްޤު ރައްކާތެރިކުރެވޭނެ ހަރުދަނާ ނިޒާމެއް ކަނޑެޅެންޖެހޭ. ޖަވާބުދާރި ނުކުރެވޭ އެއްވެސް ނިޒާމަކީ ރައްކާތެރި ނިޒާމަކަށް ނުވާނެ. ތުޙްމަތުކުރެވޭ މިންވަރަކީ ކުޑަކުއްޖެއްގެ ބަސްއެކަނި ކަމުގައި ބެލިގެން ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށްފަ އަހަރެއް، ދެއަހަރު ފަހުން މައްސަލަ ނިމޭއިރު ކުށްސާބިތުނުވާ މީހާގެ އިތުރުން، އޭނާގެ ޢާއިލާގެ މީހުން ތަޙަންމަލްކުރަންޖެހުނު ދަތިއުނދަގޫ ތަކުގެ ބަދަލު ދޭނީ ކާކު؟

Leave a Reply to މުންޖިޗޭ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް