ބަދަލު ދިނުމުގައި އަމަލުކުރާ ގޮތާމެދު  އޭސީސީ އިން ސުވާލު އުފެއްދުމުން ރައީސް އޮފީހުން ރައްދު ދީފި

Loading

Facebook
Twitter
WhatsApp

 

ދައުލަތުން ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގައި އަމަލުކުރާ ގޮތާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު އުފެއްދުމުން ރައީސް އޮފީހުން އެކަމަށް ރައްދުދީފިއެވެ.

ބަދަލު ދިނުމުގެ ކަންކަން ދައުލަތުން ކުރަމުންދާ ގޮތް ބަލައި ދިރާސާކުރުމަށްފަހު އޭސީސީން ނެރުނު ހުދުކަރުދާސް ރިޕޯޓްގައި ވަނީ ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލުދޭ ގޮތުގެ ނިޒާމުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެއްދާފައެވެ.

ހުދުކަރުދާސް ރިޕޯޓަކީ ދައުލަތާ ގުޅުންހުރި ކަންކަމުގައި ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެކި ދާއިރާތަކުގައި ހުރި މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު ނެރޭ ސިލްސިލާ ރިޕޯޓެކެވެ.

އޭސީސީން ނެރުނު ރިޕޯޓު ހާއްސަކޮށްފައިވަނީ ”ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން“ މި މައުޟޫއުގެ މައްޗަށެވެ.

އެ ރިޕޯޓާ ގުޅިގެން ރައީސް އޮފީހުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި ކޮމިޓީއެއް ސަރުކާރުން އުފައްދާފައިވާ ކަމަށާމި ކޮމިޓީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި މިނިސްޓްރީ އޮފް ފިނޭންސް އަދި އެ މައްސަލައަކާގުޅޭ މިނިސްޓްރީކަން ބަޔާނުގައި ވެއެވެ.

މިކޮމިޓީ އެކުލެވިގެންވާ ގޮތާއި، ކޮމިޓީގެ މަސައްކަތްތައް ބަޔާންކޮށްފައިވަނީ ”ސަރުކާރު ޝާމިލްވާ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނޭގޮތުގެ އުސޫލު“ ގައި ކަމާއި އަދި  މިއުސޫލުވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިކަންވެސް ބަޔާނުގައި ވެއެވެ.

ކޮމިޓީން ކޮށްފައިވާ މަސައްކަތްތައް ހާމަކޮށް ބަޔާނުގައި ބުނެފައިވަނީ މި ކޮމިޓީއަށް ޖުމްލަ 37 މައްސަލަ ހުށަހެޅި، ބައެއް މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ ފެބްރުއަރީ 19، 2020 ގައިކަން ފާހަގަކޮށް ބުނެފައިވަނީ އެ ތާރީހަށްފަހު އެ ކޮމިޓީގެ މަސައްކަތް ހުއްޓިފައިވާތީ ސެޕްޓެންބަރު 15، 2020 ގައި ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީ އުވާލައްވާފައިވާކަމަށެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ ”ނޫމަޑި“ އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި ދެމައްސަލައެއްކަމަށެވެ.

އެއީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި ނޫމަޑިއާއި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖަނަވަރީ 2011 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ މައްސަލައަކާއި 500 ހައުސިންގ ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީކުރުމަށްޓަކައި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ދެމެދު 30 މެއި 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައްސަލައެވެ.

މި މައްސަލަތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުންފުނިން ހޯދުމަށް އެދިފައިވަނީ، ގާތްގަނޑަކަށް 155 މިލިއަން ޑޮލަރު އަދި އާބިޓްރޭޝަނަށް ހިނގާ އިތުރު ހަރަދުތަކެވެ.

މީގެ އިތުރުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކޮށްފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.  މި މައްސަލަތަކުގައި އަމަލުކޮށްފައިވަނީ ޝަރީއަތުގެ އާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ނުޙައްގުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް އިތުރު ބޭއިންސާފެއް ކުރިމަތި ނުވާނޭހެން، އެފަދަ މައްސަލަތައް ޝަރީއަތުގެ ތިން މަރުހަލާއިން ގޮތެއް ނިންމުމުގެ ބަދަލުގައި ސުލްހަވެރިކަމާއެކު ހައްލުކުރަން ފެށުމުން، ކުރިން ކޯޓަށް މައްސަލަ ހުށަހަޅާފައިނުވާ ފަރާތްތަކުން ދައުލަތާ ދެކޮޅަށް މައްސަލަތައް ހުށަހަޅަން ފެށި ކަމަށް ވެސް ބަޔާޏުގައި ވެއެވެ. މިފަދަ މައްސަލަތަކުގައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރެވި އެކަމަށް ހައްލު ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ފާއިތުވި މުއްދަތަށާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއި ސަރުކާރުގެ މަޞްލަޙަތަށާއި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަށްޓަކައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ ޢަދަދަކީ، އެއް އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތްތައް ކަމަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ނުހައްގުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައިވާ ފަރާތްތަކުގެ ތަފްސީލުތައް ވެސް ރައީސް އޮފީހުން ވަނީ މި ނޫސް ބަޔާނާ އެކީ އާންމު ކޮށްފައެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޑިސްޕިއުޓް މަރުހަލާގައި މި މައްސަލަތައް ހައްލުކޮށް އެފަރާތްތަކަށް ދިނުމަށް ދައުލަތުން ހުށަހަޅައި އެއްބަސްވި އަދަދަކީ ޝަރުއީ މަރުހަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސަތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެއްކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް