އަނިޔާކުރި މައްސަލައިގައި ފުލުހުން ގަސްތުގައި ތަހުގީގު ކުރިއަށް ނުގެންދިއުމަށް މަސައްކަތްކުރާކަމަށް ސިފަވޭ: އިންތި

152

 

ކޮޓަރިއެއްގެ ތެރޭގައި ޒުވާނަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި ފުލުހުން ގަސްތުގައި ތަހުގީގު ކުރިއަށް ނުގެންދިއުމަށް މަސައްކަތް ކުރާކަމަށް ސިފަވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ލ. ކަލައިދޫ، ސުވީޓްހާޓު، އަހުމަދު ސިރާޖަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓެއް މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ރިޕޯޓުގައިވާ ކަންކަމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ އަނިޔާގެ ވާހަކަ ދައްކަމުން އަންނައިރު، މިފަހުން އާންމުވި، ޒުވާނަކަށް އަނިޔާކުރާ ވީޑިއޯގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

އިންތި ވަނީ އެ މައްސަލައިގައި ފުލުހުން ގަސްތުގައި ތަހުގީގު ކުރިއަށް ނުގެންދިއުމަށް މަސައްކަތްކުރާ ކަމަށް ސިފަވާ ކަމަށާއި އެކަމުގައި ކޮންމެވެސް ނުފޫޒެއް ވާ ކަމަށް ތުހުމަތުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

” ޒުވާނެއްގެ ކޮޓަރިއަށް ބޮޑު ގޭންގެއްގެ ސިފައިގައި ވަދެ ތަޅައި އަނިޔާކޮށް އެމީހާ ބަރަހަނާކޮށް، އެ ވީޑިއޯ އާންމުކޮށްފައި އެވަނީ. އެންމެ ދަށު ދަރަޖައިގެ ލާއިންސާނީ އަނިޔާ މި ހުންނަނީ،” އިންތި ވިދާޅުވިއެވެ.

އިންތި ވަނީ އެ ވީޑިއޯއިން ފެންނަ މަންޒަރުތައް ގުއަންޓަނާމޯ ބޭ ޖަލުގައި ހިނގާ ފަދަ ލާއިންސާނީ އަމަލުތަކާ އެއްފަދަކޮށް ސިފަކުރައްވާފައެވެ.

އިންތި ވިދާޅުވީ އެ މައްސަލަ ބެލުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފުލުހުންގެ ކިބައިގައި އެދުނުކަމަށެވެ.

މި އެދުނު އެދުމަށް ފުލުހުން ޖަވާބުދިނީ އެ މައްސަލައަކީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެއް ކަމަށާ މައްސަލައިގައި ޝާމިލުވާ މީހުން މިހާތަނަށް ދެނެގަނެވި، އިތުރު ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ.

އެ މައްސަލާގައި ފުލުހުންގެ އަމަލު ހުރިގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި އިންތި ވިދާޅުވީ މައްސަލައިގަ އަނިޔާވެރިކަން އެއޮތީ އެންމެންގެ ލޮލަށް ފެންނަންކަމަށާ މައްސަލައިގަ ބައިވެރިވި މީހުން ރަނގަޅަށް އަކުރުން އަކުރަށް އެނގޭނެ މިންވަރަށް ފެންނަން ހުރި ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

 

 

 

 

 

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ