ޖުމްލަ 12 އަހަރަށްފަހު އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ޖަހާ ޔުނައިޓެޑް އަށް ފަސޭހަ މޮޅެއް ހޯދައިދީފިއެވެ.
ޔުނައިޓަޑްގެ ދަނޑުގައި މިރޭ ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު ޕްރިމިއާ ލީގުގެ މެޗު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ވަނީ ތާވަލް ގެ އެއްވަނަ އަށް އަރާފައެވެ.
މި މެޗްެގެ ފުރަތަމަ ގޯލް ރޮނާލްޑޯ ޖެހީ ނިއު ކާސަލްގެ ކީޕަރު ފްރެޑީ ވުޑްމަން އަށް ހެދުނު މިސްޓޭކުގެ ފައިދާ ނަގައި ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ.
ދެ ވަނަ ހާފުގައި ނިއު ކާސަލްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ހަމަ އެކަނި ލަނޑު ހާވީ މެންކިޔޯ ކާމިޔާބު ކުރީ 56 ވަނަ މިނެޓުގައި އެލަން ސެއިންޓް މެކްސިމަން ދިން ބޯޅަ ގޯލްގެ ކަނަށް ވައްދާލައިގެންނެވެ. މި ލަނޑާއެކު ނިއުކާސަލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
އޭގެ މާ ގިނަ އިރު ތަކެއް ނުވަނީސް މެޗުގެ 62 ވަނަ މިނިޓުގައި ނިއުކާސަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ރޮނާލްޑޯ ވަނީ ޔުނައިޓަޑަށް އަލުން ލީޑު ހޯދައިދީފަ އެވެ.މެޗުގެ ބާކީ އޮތް ބައިގައި ޔުނައިޓަޑުން ތަފާތު ބޮޑުކުރީ ބްރޫނޯ ފެނާންޑޭސް އާއި ޖެސީ ލިންގާޑް ޖެހި ލަނޑުތަކުންނެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ.