ސިންގާގެ ދަތްތައް ދައްކާލުން

Loading

Facebook
Twitter
WhatsApp

އަރަބި އަދަބިއްޔާތުގެ ޝޭކްސްޕިޔަރު ކަމުގައި ބެލެވޭ ޢަރަބި ޅެންވެރިޔާ މުތަނައްބީގެ  (915-965 މ.) ޅެމެއްގެ ބައިތެއްގައި އޮވެއެވެ.

إذا رأيت نيوب الليث بارزة     *   فلا تظنن أن الليث يبتسم

މާނައަކީ، ސިންގާގެ ދަތްތައް ފާޅުކޮށް ކަލެއަށް ފެނުމުން، ފަހަރެއްގައި ވެސް ސިންގާ ހެނީ ކަމުގައި ކަލޭ ހީކޮށްގެން ނުވާނެއެވެ! މިއަދުގެ ވާހަކަކޮޅު ގުޅެނީ މި ބައިތުގައި އެކުލެވޭ ޙިކުމަތާއެވެ.

މިބައިތުގައި އެކުލެވޭ ޙިކުމަތަކީ ކޮބާ ހެއްޔެވެ؟ މީހަކު، ބޮޑަށް ހީލައިފި ނަމަ، އާންމު ގޮތެއްގައި، އޭނާގެ ދަތްތައް ފެނެއެވެ. އަދި، ހީލުމަކީ ހިތް ހެޔޮކަމާ އުފާވެރިކަން ރަމްޒުކޮށްދޭ ކަމެކެވެ. ނުބައި ނިޔަތެއް ނެތްކަމާއި ހެޔޮ އެދޭކަން ރަމްޒުކޮށްދޭ ވަރަށް ހިތްގައިމު ސިފައެކެވެ. އެހެން ކަމުން، ހިނިތުން ވެލުމަކީ، މީހުންގެ ހިތްތައް ދަމައިގަނެ، ހިތްތައް އަޅުވެތި ވެސް ކޮށްލާ ފަދަ ޖާދުވީ އަސަރެއް އެކުލެވޭ ކަމެކެވެ. ވަކިން ޚާއްސަކޮށް ލޯބީގެ މައިދާނުގައެވެ. ނަމަވެސް، ސިންގާއެއް، އޭގެ ދަތްތައް ދައްކާލައިފި ނަމަ، އޭތި ހެނީ ކަމުގައި ބަލައި، އޭތި ހެޔޮ އެދެނީ ކަމަށް ހީކޮށްލެވިދާނެ ހެއްޔެވެ؟ ޝައްކެއްނެތް ގޮތުގައި، މިފަދައިން ހީކުރާނީ މޮޔައެކެވެ. އެހެނީ، ސިންގާ އަނގަ ހުޅުވައި ދަތްތައް ދައްކާލަނީ، އާއްމުގޮތެއްގައި، އޭތީގެ ޝިކާރަ އަތުލައިގަނެ، ޝިކާރަ ކާލަންވީމައެވެ. އެހެންވެ، ސިންގާގެ ދަތްތައް ދައްކާލައިފި ނަމަ، ބުއްދިވެރިވެގެން ވަނީ އިތުރަށް ސަމާލުވުމަށެވެ. އެއަށް ފިލަން، އެއާ ދުރަށް ދުވެ ދިޔުމަށެވެ. ނޫން ނަމަ އޭގެ ޝިކާރައަކަށް ވެދާނެވެ.

އިންސާނީ ދުނިޔޭގައި ވެސް، ސިންގާގެ ދަތްތައް ދައްކާ ގޮތަށް އެމީހުންގެ ދަތްތައް ދައްކާ މީހުން އުޅެއެވެ. ނުބައި ނިޔަތެއްގައި، އެމީހުންގެ ދަތްތައް ދައްކައި، ހިނިތުންވާ ކަމަށް ހެދި، ހެޔޮއެދުމުގެ އަމަލުތައް ކަމުގައި ބެލެވޭ ކަންކަންކުރާ މީހުންނެވެ. ސިންގާގެ ދަތްތައް ދައްކާލީމާ އެއިން ސަލާމަތްކަން ހޯދަން ދުވެދާ ފަދައިން މިފަދަ މީހުންނާ ދޭތެރޭ ވެސް، ސަމާލުވެ، އެމީހުންނާ ދުރަށް ދާންޖެހެއެވެ. ލިބިދާނެ ބޮޑު ގެއްލުމައްޓަކައެވެ. މިކަން އިތުރަށް ސާފުކޮށްލަ ދިނުމުގެ ގޮތުން، ދެ މިސާލެއް ލިޔެލާ ހިތްވެއެވެ. މަތީގައި ލިޔެވިފައިވާ ބައިތުގައި އެކުލެވޭ ހަގީގަތް، އިންސާނުންގެ އަމަލުތަކުގެ މައްޗަށް ނަޒަރު ހިންގައި، އެ ހަގީގަތް ދެނެގަތުމައްޓަކައެވެ.

ފުރަތަމަ މިސާލު ގުޅެނީ ދާދި ފަހުން، ދިވެހި ލިޔުންތަކުގައި ’ދިވެހިކުރެވިގެން‘ ބޭނުން ކުރެވެން ފެށުނު ލަފްޒަކާއެވެ. އާދެ، ’ގުރޫމް’ކުރުން މިލަފްޒާއެވެ. މިބަހުގެ އިނގިރޭސި އަސްލަށް ބަލާލާއިރު، އެލަފްޒުމުގެ މާނަ ގުޅެނީ އަޅާލުމާއެވެ. މިކަން ދެނެގަތުމައްޓަކައި ގުރޫމުގެ އަސްލު އެއް މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އޭގެ އެއް މާނައަކީ ޚާދިމެވެ. އޭނާގެ މަސައްކަތްތަކުގެ ތެރޭގައި ސާހިބާގެ އަސްތައް، (އަދުގެ ހާލަތައް ފައްތާފައި ބުނާ ނަމަ، ސާހިބާގެ ’ކާރުތައް‘) ބަލަހައްޓަން ޖެހެއެވެ. މާނައަކީ އަސްތައް ފޮހެ، ރިތިކުރަން ޖެހެއެވެ. އާދެ، އަސްތަކަށް އަޅާލަންޖެހެއެވެ. މި މާނައިން، ’ތައްޔާރުވުމުގެ‘ މާނައިގައި ’ގުރޫމު‘ ބޭނުން ކުރެވެން ފެށިއެވެ. ނަވާރަ ވަނަ ގަރުނުގެ ފަހުކޮޅުގައި އެމެރިކާގައި ސިޔާސީ މައިދާނުގައެވެ. އާދެ، ސިޔާސީ ކެންޑިޑޭޓަކު ’ގުރޫމު’ކުރުމަކީ ސިޔާސީ މައިދާނަށް އޭނާ ނެރުމަށް ތައްޔާރުކުރުމެވެ.

އަޅުގަނޑުމެންގެ ތެރެއަށް ’ގުރޫމު ކުރުން‘ ދާދި ފަހުން އިވެންފެށީ މިނަންގަތް މާނައިގައެވެ. އާދެ، ތައްޔާރުކުރުމުގެ މާނައިގައެވެ. ތުއްތު ކުޑަކުދިންނާ ޖިންސީ ގޮތުން ބެހި އުޅޭ މީހުން، އެމީހުންގެ މިފަދަ ހަޑި ހުތުރު އަމަލުތަކަށް، ކުޑަކުދިން ތައްޔާރުކުރުމުގެ ގޮތުން ކުރާކަންތައް ތަކަށް އިޝާރަތްކޮށެވެ.  މިގޮތުން، އެފަދަ މީސްމީހުން ތަފާތު ކަންތައްތައް ކުރާކަމަށް ބުނެއެވެ. އެމީހުން އަމާޒުކުރާ ކުޑަ ކުއްޖާއާ އާދަޔާޚިލާފު ބޮޑަށް އަޅާލައި ހެޔޮވުމެވެ. އެކުއްޖާއަށް މެޓާއާއި ޗޮކުލެޓު ދިނުމެވެ. އަދި އެހެންވެސް ހަދިޔާ ބަދިޔާ ފޯރުކޮށް ދިނުމެވެ. ކުއްޖާއަށް ހެޔޮވެގަނެވެ، ނަސޭހަތްދީ، އޭނާއަށް މާ އިޚުލާސްތެރިކަމާއެކު ކަންކަން ކުރާނޭ ގޮތްކިޔާދޭ މީހެއްގެ ދައުރު އަދާކުރުމެވެ. ކުއްޖާގެ މައިންބަފައިންގެ ނޫނީ ބަލަދުވެރިންގެ، މާ ގާތް މީހަކަށްވެ، އެމީހުންގެ ކައިރީގައި އިތުބާރު ހިފޭ މީހަކަށް ވުމެވެ. ނުވަތަ އެފަދަ މީހަކަށް ވެފައި އޮތުމެވެ. މިގޮތުން، ކުއްޖާގެ އިތުރުން، މައިންބަފައިން ވެސް، އޭނާގެ ނުރައްކާތެރިކަމާ މެދު އޮވެދާނެ، ކަންބޮޑުވުމެއް، ދުރުކޮށް ނެތިކޮށްލައެވެ. މީގެ އިތުރުން، ކުޑަކުދިން ގާތު ދައްކަން ނުވާ ކަހަލަ، ބޭ އަދަބީ އަދި ބަދުއަޚުލާގީ ވާހަކަތައް ދައްކަން ފެށުމާއި އެފަދަ މަންޒަރުތައް ދައްކައި ބެލުން ވެސް ހިމެނެއެވެ. އާދެ، މީހަކު އޭނާގެ ޖިންސީ ޝިކާރައަކަށް ކުޑަކުއްޖަކު ހަދާލުމަށް، މިފަދައިން މަސައްކަތްކޮށް، އެކުއްޖާ އެކަމަށް ތައްޔާރުކުރާ ކުރުމަށް ’ގުރޫމު‘ ކުރަނީއޭ ކިޔައެވެ. މިފަދައިން ކުޑަކުދިން ގުރޫމުކޮށް، އޭނާގެ ޖިންސީ ޝިކާރައަކަށް ހެދުމަށް ކަންތައް ކުރާ މީހާއާ މެދު ކަންތައް ކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް، ޝައްކެއްނެތެވެ. އެމީހާއާ ގާތްވެގެން ނުވާނެއެވެ. އެ ކުޑަކުއްޖާ، އެމީހާއާ ވީހާ ވެސް ދުރަށް ގެންދަން ޖެހެއެވެ. އަދި، ކަމާ ބެހޭ ފަރާތްތަކަށް، އެމީހާގެ ވާހަކަ ރިޕޯޓުކުރަން ވެސް ޖެހެއެވެ.

ދެވަނަ މިސާލު ގުޅެނީ ބޮޑެތި ގައުމުތަކާ ކުދި ގައުމުތަކާ ދެމެދު އޮންނަ ގުޅުމާއެވެ. ދޭދޭ ގައުމުތަކުގެ ގުޅުން ބިނާވާން ޖެހެނީ އެއްގައުމު އަނެއް ގައުމަށް އިހުތިރާމުކުރުގެ މައްޗަށެވެ. މި އިހުތިރާމުކުރުން ނިޔާކުރަނީ އެއްބަޔަކު އަނެއް ބަޔެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށެވެ. ދޭދޭ ގައުމުތަކުގެ ގުޅުމުގެ އުސޫލަކަށް މިއުސޫލު އޮންނަ ޖެހުނު ކަމުގައި ވިޔަސް، ބައެއް ފަހަރު، ހަގީގަތް އޮންނަނީ މިހެންނެއް ނޫނެވެ. ފޮރުވިފައިވާ ބޭނުމެއް އޮތުމުން، މި އުސޫލަށް އަމަލު ނުކޮށް، ދޭދޭ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން، ބައެއް ފަހަރު، އަމިއްލަ ޒާތީ ބޭނުންތައް ފުއްދަން މަސައްކަތްކުރެވޭ ތަންފެނެއެވެ. އެ ގޮތުން ސިންގާގެ ދަތް ދައްކާލާ ފަދައިން، ނުވަތަ މީހަކު އޭނާގެ ޖިންސީ ޝިކާރައަކަށް ކުޑަކުއްޖަކު ހަދާލުމުގެ ނިޔަތުގައި، އެކުއްޖާއަށް ހެޔޮވެގަނެ، މެޓާ ދޭ ފަދައިން، ’ހެޔޮކަމުގެ އަމަލުތައް‘ ކުރެވެނީއެވެ. މީގެ ވަރަށް ރަނގަޅު މިސާލެއް އިންޑިޔާއާއި ރާއްޖެއާއި ދެމެދު މިހާރު އޮތް ގުޅުމުން ފެނެއެވެ. މިކަމުގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟

ސިންގާގެ ދަތްތައް ދައްކާލުމުގެ ހަގީގީ މަގުސަދު އެނގެއެވެ. އޭގެ ޝިކާރަ އަތުލައިގަނެ، އޭތި ނޮޅައި، ވީދައި، ހަފައި، ކާލުމެވެ. ހަމަ އެފަދައިން ކުޑަކުދިން ގުރޫމުކުރާ މީހުންގެ ބޭނުމަކީ ކޮބައިކަން ވެސް އެނގެއެވެ. އޭނާގެ ޖިންސީ ޝިކާރައަކަށް އެކުޑަ ކުއްޖާ ހަދާލުމެވެ. އިންޑިޔާއިން ރާއްޖެއާ ބާއްވާ ގުޅުމުގެ ހަގީގީ މަގުސަދު އެނގެން އެބަ އޮތް ހެއްޔެވެ؟ އެކަމުގެ އެއްވެސް ހެއްކެއް ލިބެން އެބަ އޮތް ހެއްޔެވެ؟ މީގެ ޖަވާބުގައި ބުނެވޭނީ އެބައޮތެވެ. އަދި ހެކިވެސް ލިބެން އެބަ ހުއްޓެވެ.

ހަގީގަތުގައި، ރާއްޖޭއިން، އިންޑިޔާ ބޭނުންވަނީ ކޮން ކަމެއްކަން، ރާއްޖެއާ މާ ގާތް ގުޅުމެއް އުފެއްދުމުގެ، ހަގީގީ އަމާޒަކީ ކޮބައިކަން، އިންޑިޔާގެ ކުރީގެ ބޮޑުވަޒީރެއްގެ ބަސްފުޅެއްގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލުމުން އެނގެއެވެ. އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން އިންޑިޔާއަށް މިނިވަންކަން ހޯދައި ދެއްވި އިންޑިޔާގެ ބަތަލުންގެ ތެރޭގައި ހިމެނޭ، އަދި މިނިވަން އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު، ނެހެރޫގެ ބަސްފުޅަކުންނެވެ. އޭނާގެ ’ޑިސްކަވަރީ އޮފް އިންޑިޔާ’، މި ފޮތުގައި، އިންޑިޔާގެ ދެކުނުގައި، ހައިދަރު އަލީގެ ވެރިކަމުގެ ދަށުގައި، އޮތް މަމްލަކާގެ ފަރާތުން ރާއްޖެ ހިފި ވާހަކައަކާއި، އިންޑިޔާގެ އޮޑިފަހަރު ބަންނަ ތަނަކަށް ރާއްޖެ، ހެދި ވާހަކައެއް ލިޔެފައި ވެއެވެ. މި އިޝާރަތް ކުރެވެނީ، ރާއްޖޭގެ މިނިވަންކަމާ މަލާބާރީން ތޮޅުނު ތޮޅުމާއެވެ. އާދެ، ހައިދަރު އަލީގެ ފަރާތުން، އަލީ ރާޖާ، ރާއްޖެއަށް ދިން ހަމަލާތަކާއެވެ. މިއީ މަލިކު ވެސް، މި ހަމަލާތަކާއި ގުޅިގެން، ރާއްޖެއާ ވަކިވާން ދިމާވި ދުވަސްވަރެވެ. މީލާދީ ސަނަތުން 16ވަނަ ގަރުނުގެ މެދުގެ އަހަރުތަކުގައެވެ. މި ހަމަލާތަކުގައި ރާއްޖޭގެ، އޭރުގެ ރަދުން، އިމާދުއްދީނު 3ވަނަ އަށާއި އަދި، އާންމުންނަށް ވެސް އަނިޔާކުރެވި، މީހުން ގަތުލު ވެސް ކުރެވުނެވެ. އަދި ރަދުންގެ ލޯފުޅު އަނދިރިކޮށްލައި، ހައިދަރު އަލީގެ އަރިހަށް ގެންދެވުނެވެ.

މިވާހަކަ، އާދެ، ނެހެރޫގެ މިހެން ލިޔުއްވާފައި އޮންނަ ވާހަކަ، 19 ސެޕްޓެމްބަރު 1962ގައި ރާއްޖޭގެ އޭރުގެ ދުވަހު ނޫހުގައި ލިޔެފައި އޮތެވެ. އަދި އެލިޔުމުގައި މުހިއްމު ނުކުތާއެއް ފާހަގަކޮށްފައި އޮތެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ނެހެރޫ ނުހޯއްދަވައި އޮތް ވާހަކައެވެ. އާދެ، ގައުމެއްގެ މިނިވަންކަމާ ބަޔަކު ބެހި، އެތަން ހިފުމުގެ ވާހަކަ ދައްކާއިރު، މުއައްރިޚެއްގެ ހައިސިއްޔަތުން، އެކަމުގެ މައްޗަށް ތަންގީދީ ނަޒަރަކުން ބަލައި، އެއްޗެއް ބުނަން ޖެހެއެވެ. އެހެން ނޫން ނަމަ ބެލެވޭނީ މި އަމަލަކީ މުއައްރިޚު، ހުއްދަކޮށް، އެކަމާ ރުހި ގަބޫލުވާ އަމަލެއް ކަމެވެ. އާދެ، ރާއްޖެއަކީ މީސްކޮޅު މަދު، ކުޑަ ތަނަކަށްވެފައި، އަދި އެހެންވެ، މުހިއްމު ނުވުމުން، އެތަނަކީ އިންޑިޔާގެ ބާރުގެ ދަށަށް، އެތަނުގެ އޮޑި ފަހަރު ބަންނަ ހަރުގެއަކަށް، އެހެން އިބާރާތަކުން ބުނާ ނަމަ، އަލިފުށީ ބޯޓުޔާޑު ފަދަ ބޯޓުޔާޑަކަށް، މުޅި ގައުމު ހަދާލުން ހަމަ އެންމެ ރަނގަޅުކަމަށް ދެކޭކަމެވެ. މިއިން އެނގޭ ކަމަކީ، ރާއްޖެއަކީ އިންޑިޔާ ދެކޭ ގޮތުގައި، އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަން ޖެހޭނޭ ތަނެކެވެ. މިފަދައިން އެއްވެސް ތަންގީދީ ނަޒަރަކުން ބަލާ ނުލައްވައި، ނެހެރޫ ލިޔުއްވުމުން، މި ހަމަލާތަކުގެ ވާހަކައަކީ ބަލައިގަނެވޭ، ހަމަ އެންމެ ރަނގަޅު ކަމެއް ކަމުގައި ދޭހަ ކުރެވެނީއެވެ. އާދެ، އިންޑިޔާގެ އެދުމަކީ ރާއްޖެއަކީ އެތަނުގެ ބާރުގެ ދަށުގައި ބާއްވަން ބޭނުންވާ ތަނެއް ކަމުގައި ބެލެވެނީއެވެ.

މިއީ މާ ބޮޑުކަމެއް ނޫންކަމަށް ބައެއް މީހުން ދެކިފާނެއެވެ. އަދި، ކަންބޮޑުކޮށްގެން ވާހަކަދައްކަނީ ކަމުގައި ވެސް ބަލާފާނެއެވެ. މީގެ ހަގީގަތް، މި ވާހަކަތަކުގެ ޝާމިލުވާ ދެގައުމުގެ ދައުރު ބަދަލުކޮށްލައިގެން ދެއްކުމުން އެނގޭނެއެވެ. މިސާލަކަށް ރާއްޖޭގެ ބަޔަކު، އިންޑިޔާއަށް ހަމަލާދީ އެތާގެ ރާޖާއެއްގެ ލޯފުޅު ކަނުކޮށްލައި، އެތަނުގެ މީހުންތަކެއް މަރައި، މި ވާހަކަ ރާއްޖޭގެ މުއައްރިޚަކު، މިކަމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ދޭހަވާ ގޮތެއްގައި ލިޔެލުމުން އިންޑިޔާއިން ކަންތައް ކުރާނޭ ގޮތް ހިތަށް ގެންނަވާށެވެ. މިފަދަ ކަމަކާ، ކޮންމެ ވެސް ވަރެއްގެ އެއް ގޮތް ކަމެއް، ހުރި ހާދިސާއެއް، އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ހިނގިއެވެ. ރާއްޖޭގެ އޭރުގެ ރައީސް ދެއްކެވި ވާހަކަފުޅެއްގައި ރާއްޖެއާއި މަލިކާ ސަގާފީ ގާތް ކަމެއް އޮތް ވާހަކަ ވިދާޅުވިއެވެ. ބަހުގެ ގޮތުންނާއި ދީނީ ގޮތުންނެވެ. ފަހަރެއްގައި ވެސް، ރާއްޖެއިން، މަލިކު ހިފަން އުޅޭ ވާހަކައެއް ނުދައްކަވައެވެ. މިވާހަކައިގެ ނަތީޖާއަކީތޯއެވެ؟ އިންޑިޔާގެ ނޫސްތަކުގައި ރާއްޖެއިން މަލިކު ހިފަން އުޅޭ ވާހަކަތައް ދޭހަވާ ލިޔުންތައް ލިޔުމެވެ. އަދި، އިންޑިޔާގެ ނޫހެއްގައި، އެ ދުވަސްވަރު، ޝާއިއު ކުރެވުނު ކާޓޫނެއްގައި، އިންޑިޔާގެ އަތްތިލަ މަތީ ރާއްޖޭގެ ރައީސް ބައިންދައި ފުމެލާތަނުގެ ސޫރަ ކުރަހާލެވުނެވެ. މީގެ އިތުރުން، ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް ވެސް ބުރުއެރިއެވެ. މިހެން ކަމަށްވާއިރު، އިންޑިޔާގެ އިސް ފަރާތަކުން، ރާއްޖެ ހިފުމުގެ ވާހަކަ ލިޔުއްވާއިރު، އެއީ އެންމެ ރަނގަޅު ކަމެއްކަން ދޭހަވާ ގޮތަށް ލިޔުއްވުމުން، އެކަން މާނަކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އާދެ، އެއީ އިންޑިޔާ އެދޭ ގޮތް ކަމެއްގެ ގޮތުގައެވެ.

މި ނަންގަތް ގޮތަށް އެކަން މާނަކުރުމަށް ބާރު ލިބޭ އިތުރު ކަންކަން ވެސް އެބަ ހުއްޓެވެ. ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ވެރިޔަކު ޗައިނާގެ ވެރިޔަކާ ބައްދަލުކުރެއްވިއެވެ. އަދި، މީގެ އިތުރުން، ޗައިނާގެ ބައެއް މަސް ބޯޓު ފަހަރު، ގަވާއިދާ ޚިލާފަށް، ރާއްޖޭގެ ސަރަހައްދައް ވަނުމުން، ރާއްޖެއިން އެ ބޯޓުފަހަރުތައް ހިފައި، އޭގެ ފަޅުވެރިން ހައްޔަރުކުރެވުނެވެ. މި މައްސަލަ ހައްލުކޮށް ޗައިނާގެ މީހުން މިނިވަންކުރުމުގެ ގޮތުން، ޗައިނާގެ ސަރުކާރުގެ ފަރާތުން އިސް ބަޔަކު ރާއްޖެ އައިސް، ރާއްޖެއާ ވާހަކަތައް ދެއްކިއެވެ. މިކަންކަން އިންޑިޔާއިން މާނަކުރީ، ޗައިނާއާ ރާއްޖެ މާ ގާތްގުޅުމެއް ބަހައްޓަން އުޅޭ ގޮތަށެވެ. އަދި، މިފަދަ ގުޅުމެއް އުފެދިދާނެތީ ’އިންޑިޔާގެ ބޮލުގައި ރިއްސާ ވާހަކައެއް’، މި ސުރުޚީގެ ދަށުން، 24 އޯގަސްޓު 1965ގެ ވިޔަފާރި މިއަދުގެ އަދަދުގައި ލިޔެވުނެވެ.

ތާރީޚީ ގޮތުން ތަން ކޮޅެއް އަދާ ކައިރިއަށް ޖެހެލުމުން، އިންޑިޔާ ބޭނުންވާ ގޮތަކީ ރާއްޖެ އިންޑިޔާގެ އަތް ދަށުގައި ބޭއްވުންކަން ވަރަށް ސާފުކޮށް އެނގެއެވެ. 2018ގެ އޮގަސްޓު މަހު، އިންޑިޔާގެ ޕާލިމަންޓުގެ މަތީގޭ މެމްބަރަކު، އަސްކަރީ ބާރު ބޭނުންކޮށް، ރާއްޖެއަށް އަރައިގަތުމަށް ގޮވާލިއެވެ. ރާއްޖޭގެ އެއަހަރު ބާއްވަން އޮތް ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހިންގާފި ނަމައެވެ. މިއީ، ޝައްކެއްނެތް ގޮތުގައި، ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމެވެ. މިކަން މިހެންވާ ދިމާވަނީ، ރާއްޖޭގައި ވެސް، އެމީހުންގެ އަމިއްލަ އެދުމުގެ ބޭނުމުގައި، މިފަދަ ކަންތައްތަކަށް ހިތްވަރުދޭ ބަޔަކު ރާއްޖޭގެ ސިޔާސީ އިސް ސަފުގައި ތިބީމައެވެ. ހެއްކަކީތޯއެވެ؟ ބޭރު ޓީވީތަކުގައި މިފަދަ ގޮވުންތައް އެފަދަ ސިޔާސީ ވެރިން ގޮވައި އެކަމުގެ އެދުން ފާޅުކޮށްފައިވާ ކަމެވެ. އެހެންވީމާ، އިންޑިޔާއިން އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގައި ކަންތައް ކުރުމަށް، އިހުނަށް ވުރެ ފަސޭހަވީއެވެ. އަނެއްކޮޅުން، އިހުގައި އޮތް ފަދަ ގޮތެއްގައި، އާންމުންގެ މެދުގައި، ގައުމީ ހޭލުންތެރިކަން ވެސް މިހާރު ކުޑަވެފައި އޮތީ ވެސް މެއެވެ. ގައުމަށް އިސްކަން ދެވުމުގެ ބަދަލުގައި ކުލަތަކާއި އަމިއްލަ މަސްލަހަތަށް އިސްކަން ދެވުމުގެ ސަބަބުންނެވެ.

ދެން ކަންތައްތައްވީ ކިހިނެއް ހެއްޔެވެ؟ އިންޑިޔާއިން ބޭނުންވާ ގޮތަށް ކަންތައްތައް ފަހިވާ ފަދަ އެއްބަސްވުންތައް ރާއްޖެއާ އެކު އެއްބަސްވާތަން ފެނުމެވެ. މީގެ ތެރޭގައި އަސްކަރީ އެއްބާރުލުމުގެ އެއްބަސްވުންތަކުގެ ވާހަކަތައް، 2000ގެ އަހަރުތަކުގައި އިވުނެވެ. މިއެއްބަސްވުންތަކުގެ އަސާސަކީ އިންޑިޔާގެ މަސްލަހަތުތަކަށް ރާއްޖެއިން އިހުތިރާމުކުރުމެވެ. ރާއްޖޭގެ މަސްލަހަތުގެ ވާހަކައެއް ނާދެއެވެ. އެކަމަކީ އިންޑިޔާ ބޭނުންވާ ގޮތަކަށް ރާއްޖެއިން ކަންތައްތައް ކުރުމުން، ހަމަޖެހިގެންދާނޭ ކަމެއް ކަމުގައި ބެލެވިފައި އޮތީއެވެ. އިންޑިޔާގެ މަސްލަހަތަށް ރާއްޖެއިން އިހުތިރާމު ކުރުން ނިޔާކުރީ، އިންޑިޔާއިން ކަނޑައަޅާ ގޮތަކަށް، އާދެ، ކަނޑައަޅާ ގޮތަކަށް، ރާއްޖޭގެ ޚާރިޖީ ސިޔާސު ބިނާވާންޖެހުމެވެ. އާދެ، އެގޮތަށް ބިނާވާން ޖެހުމެވެ. އެއީ ރާއްޖެއަށް ލިބިފައި އޮންނަ އިޚްތިޔާރަކަށް ނުވުމެވެ. މިގޮތުން، އިންޑިޔާއަށް އިސްކަންދޭން ރާއްޖެއަށް ޖެހުނެވެ. މީގެ މާނައަކީ އިންޑިޔާއިން ބޭނުން ކަމެއް ރާއްޖޭގައި ކުރެވޭ ގޮތް ވުމެވެ. މިސާލަކަށް، ބައެއް ބޭރު ނޫސްތަކުގައި ސުރުޚީ އަޅާލެވުނު ފަދައިން، ’މިލިޓަރީ ބޭހެކޭ ނުކިޔައި އިންޑިޔާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި‘ ހެދޭގޮތް ވިއެވެ.‘ މިތަނުގައި އިޝާރަތްކުރެވެނީ އައްޑޫގައްޔާއި ލ. އަތޮޅުގައި އަޅުމުންދާ ’ފުލުހުން ތަމްރީނުކުރާ އެކަޑަމީތަކަށެވެ‘. މީގެ އިތުރުން، ރާއްޖޭގައި އިންޑިޔާގެ ޖާސޫސީ މަރުކަޒުތައް ގާއިމުކޮށް އެ މަސައްކަތް ހިންގޭނޭ މަގުފަހިވެގެން ވެސް ދިޔައެވެ. އަދިވެސް އެހެން ކަމެވެ. އިންޑިޔާއާ ވާދަވެރި ނުވަތަ އިންޑިޔާއާ މައްސަލަތައް އޮންނަ ގައުމުތަކާ ރާއްޖެއާ ގުޅުން ބޭއްވޭނީ އިންޑިޔާ ރުހޭ ގޮތެއްގެ މައްޗަށް ބަލާފައެވެ. މިސާލަކަށް ޗައިނާއާއި ޕާކިސްތާނެވެ. ރާއްޖޭގެ މީސްމީހުންނަށް ޕާކިސްތާނުގެ ތެރޭގައި މިނިވަންކަމާއެކު، ދަތުރުކުރެވުން  ވެސް އޮންނަނީ އިންޑިޔާގެ ރުހުން ލިބިގެންނެވެ. މިފަދަ ރުހުން ނުލިބިގެން ބައެއް ދިވެހިން، ޕާކިސްތާނަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހިފައި އެބަ ހުއްޓެވެ. މީގެ އެހެން މިސާލެއް މީގެ ދުވަސް ކޮޅެއް ކުރިން ފެނުނެވެ. ދުނިޔޭގެ މުސްލިމު ގައުމުތަކުގެ ޖަމިއްޔާގައި، ކަޝްމީރުގައި އިންޑިޔާއިން ކުރަމުންގެންދާ ކަންތައްތައް ކުށްވެރިކުރުމުން، އިންޑިޔާގެ ދިފާއުގައި ރާއްޖެ ނިކުންނަން ޖެހުމެވެ.

މީގެ އިތުރުން، އަދިވެސް، އެހެން ކަންކަމެވެ. ރާއްޖޭގެ ވިޔަފާރި، އިންޑިޔާއިން ކޮންޓުރޯލު ކުރެވޭ ގޮތް ވެސް ވުމެވެ. ކާޑުގެ ބާވަތްތަކާއި ފިޔާ އަލުވި ފަދަ ތަކެއްޗާއި، އިމްރާނީ މަސައްކަތަށް ބޭނުންވާ ހިލަވެލި ފަދަ ތަކެއްޗަކީ ރާއްޖެއަށް އިންޑިޔާއިން އެކަނި އެތެރެކުރެވޭ އެއްޗެހި ކަމުގައި ހަމަޖެހުމެވެ. މިއެއްޗެހި ރާއްޖެއަށް އެތެރެކުރުމުގައި ކޯޓާތަކެއް ހަމަޖެހި، އެ ކޯޓާ ކަނޑައަޅައި، އެއަށް ބަދަލުގެނައުމަކީ އިންޑިޔާއަށް ލިބިފައި އޮންނަ ބާރެއް ކަމުގައި ވެސް ހަމަޖެހުމުންނެވެ. އަދި، ރާއްޖޭގެ ރިސޯޓުގެ އެކި އެކި މަސައްކަތްތަކުގެ ވަޒީފާތަކަށް، އިންޑިޔާ މީހުން ހޯދުމުގެ އިޝްތިހާރުތައް ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީއިން ކުރަމަންދާ ކަމުގެ ޚަބަރާއި މިފަދަ އިޝްތިހާރުތައް ވެސް ދައުރުވަމުން އެބަ ދެއެވެ. އެންމެ ހައިރާންވާ ކަމަކީ މިފަދަ އިޝްތިހާރު ތަކުގައި، ވަޒީފާތަކަށް ބޭނުންވަނީ ދިވެހިން ނޫންކަމުގައި ލިޔެވިފައި އޮންނަ ކަމެވެ. އާދެ، ބޭރު އެމްބަސީއަކުން، ރާއްޖޭގެ ވަޒީފާ ބާޒާރު ކޮންޓުރޯލު ކުރުމުގެ ބާރު ލިބިފައި އޮތުން ދައްކައިދެނީ، ރާއްޖޭގައި އެމީހުންގެ ވަކިތައް ހިއްޕާލާފައި އޮތްލެއް ވަރުގަދަކަމެވެ. ދިވެހިންގެ ބަޔަކު މިކަމަށް ހިތްވަރުދީ، އެހީވެދޭ ކަމެވެ. އަދި، މިފަދަ ކަންކަމުގެ ވާހަކަ ދެއްކުން ހުއްޓުވުމުގެ ގޮތުން، ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއިން ޚަރަދު ދީގެން، ދިވެހިންލައްވައި ނޫސްނޫސް ޝާއިކުރުމާއި އެކި ނޫސްތަކާއި ނޫސްވެރިން އިންޑިޔާގެ އެ އެމްބަސީއިން ’ގަންނަ‘ ވާހަކަތަކުގެ ޚަބަރުވެސް ފެތުރެމުން އެބަ ދެއެވެ.

މިފަދަ ގޮތެއްގައި އިންޑިޔާގެ މަސްލަހަތު ދިފާއުކޮށް، އިންޑިޔާއިން ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުން، ރާއްޖެއަށް އޮތީ ކޮން ކަމެއް ހެއްޔެވެ؟ އާދެ، އެއްކަލަ ސިންގާގެ ދަތްތައް މަތިން ހަނދާންކޮށްލައްވާށެވެ! ސިންގާ އޭގެ ޝިކާރައަށް ދަތްތައް ދައްކާ  ގޮތަށް، އިންޑިޔާގެ ދަތްތައް ދައްކާލައި، ހީލުމެވެ. އާދެ، ރާއްޖެއަށް އެހީއެއް ފޯރުކޮށްލަ ދިނުމެވެ.

ސިންގާގެ ދަތްތައް ދައްކާ ގޮތަށް އޮންނަ ކަމެކޭ ބުނަނީ ކީއްވެ ހެއްޔެވެ؟ އެއީ މިފަދަ އެހީތަކަކީ، ގިނަ ފަހަރަށް، ވަގުތުން އެކަން ހުއްޓާލެވޭ ގޮތަށް އޮންނަ އެހީތަކެކެވެ. އިންޑިޔާ ނުރުހިއްޖެ ހިނދެއްގައެވެ. މިސާލަކަށް އިންޑިއާއިން ރާއްޖެއަށް ދީފައި އޮންނަ ’ދަރަނީގެ ވާ ފަށެވެ.‘ މިއީ ލޯނުގެ މަތީ ވަކި އަދެދެއް ކަނޑައަޅައި، އެއަދަދު ހަމަވަންދެން، އިންޑިޔާ އެދޭ ގޮތެއްގެ މަތިން، އިންޑިޔާއިން ކަނޑައަޅާ ވަކި ކަހަލަ ބޮޑެތި މަޝްރޫއުތަކަށް ޚަރަދުކުރަން، ލިބެން އޮންނަ ލޯނެކެވެ. މި ލޯނަކީ ސީދާ ލިބިފައި އޮތް ލޯނެއް ނޫނެވެ. މި ދަރަނީގެ ވާފަށް، އިންޑިޔާ ނުރުހިއްޖެ ނަމަ، އިންޑިޔާ ބޭނުން ހިނދެއްގައި، ބުރިކޮށްލެވޭނެއެވެ. މީގެ ހެކި  2012 ގައި ރާއްޖެދެކެ އިންޑިޔާ ނުރުހުނު ވަގުތެއްގައި ފެނިގެންދިޔައެވެ. ރާއްޖެއިން އިންޑިޔާ ގަނެފައި އޮތް100 މިލިއަން ޑޮލަރުގެ ޓުރެޝަރީ ބޮންޑު ވަގުތުން ދައްކަން އެންގި އެންގުމުންނެވެ. ދެން، އެފައިސާ ދައްކައި ޚަލާސްކުރަން ދިވެހި ސަރުކާރަށް މަޖުބޫރުވެ، އެކަން ކުރިއެވެ. އާދެ، ސިންގާގެ އަނގަ ހުޅުވައި ދަތްތައް ދައްކާލައި އަނގަ ލައްޕާލައި ކާނުލައި ދިޔައީ ހަމަ ކިރިޔާއެވެ!

މި ނަންގަތް ލޯނުގެ އެހީގެ އިތުރުން ވެސް، ސިންގާގެ ދަތްތައް ދައްކާލާ ފަދަ ގޮތެއްގައި އިންޑިޔާއިން ރާއްޖެއަށް އެހީ ދެއެވެ. މީގެ ލާމަސީލު މިސާލަކީ، މޮހޮނަށް އޮޑި ދިން ފަދައިން، އިންޑިޔާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރެވެ. އެވާހަކަ އެންމެނަށް ވެސް އެނގޭނެތީ އެއާ މެދު އިތުރު އެއްޗެއް ބުނުމުގެ ބޭނުމެއް ނެތެވެ. އޮޑި މޮހޮނަށް މިލްކުކޮށްދެވުނު ކަމުގައި ވިޔަސް، އޮޑީގައި އަތްލުމުގެ ހުއްދަ، މޮހޮނަށް ނޯންނަފަދައިން، އެ ދެ ހެލިކޮޕްޓަރަކީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް އަތްލެވޭ އެއްޗެއް ނޫންކަން ފާހަގަކޮށްލާފައި ފުއްދާލަމެވެ.

އަދި މިފަދަ އެހީއެއް ދީފި ނަމަ، މިކަން އިންތިހާއަށް އިޝްތިހާރު ކުރެއެވެ. މިސާލަކަށް އެ ހެލިކޮޕްޓަރުން ދަތުރެއްކޮށްދީފި ނަމަ، މުޅި ފަލަކުގައި، އެތައް ދުވަހެއް ވަންދެން، އެވާހަކަ ދަތުރުކޮށްލަ ކޮށްލަ އޮވެއެވެ. އިންޑިޔާއިން ރާއްޖޭގައި ހިންގާ ނުވަތަ ’ގަނެލާފައިއިވާ‘ ނޫސްތައް މެދުވެރިކޮށެވެ. މިފަދަ، އެންމެ ފަހުގެ ދެ މިސާލަކީ، މި ކޮވިޑް ބަންދުގެ ތެރޭގައި ބަލި މީހުން އިންޑިޔާއަށް ގެންދިޔުމެވެ. ޝައްކެއްނެތް ގޮތުގައި ޝުކުރު ހައްގު އަމަލެކެވެ. ނަމަވެސް ނިޔަތް ގޯހެވެ. ސިންގާގެ ދަތްތައް ދައްކާލުން ކަހަލަ ކަމަކަށްވީމައެވެ. މީގެ އިތުރުން، ދާދި ފަހުން ބ. އަތޮޅު ތިން ރަށެއްގައި، ބޭރުގައި ޖިމެއް އަޅަން ތަކެތި ދިނުން ވެސް ހިމެނެއެވެ. އިސް ވަޒީރުން އެއްކޮށް، ނޫސްތަކާ ޓީ.ވީ.ތަކަށް ވެސް ދައުވަތުދީފައި، އެ ތަކެތީގެ އަގާ އެއްވަރުގެ ރަސްމިއްޔާތެއް ވެސް ބާއްވާފައި މިކަން އިއުލާނުކުރިއެވެ. އެހެން ގައުމުތަކުން ވެސް މިފަދަ އެހީތައް ދެއެވެ. ނަމަވެސް، މިވަރަކަށް އިޝްތިހާރެއް ނުކުރެއެވެ. އަދި، ބައެއް ގައުމުތަކުގެ އެހީ، އިންޑިޔާ ނުރުހިދާނެތީ، ރާއްޖެއިން ގަބޫލުކުރެވެން ވެސް ނޯންނަ ވާހަކަ އިވެއެވެ.

އާދެ، އިންޑިޔާއިން ރާއްޖެއަށްދޭ އެހީ އޮންނަނީ ސިންގާގެ ދަތްތައް ދައްކާ ފަދައިންނޭ ބުނަން ޖެހެނީ، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުންތައް އިންޑިޔާއިން ރާއްޖެއަށް ދީފައި އޮންނަ ލޯނުގެ ވާފަށާ އެއްގޮތަށް އޮންނާތީއެވެ. އިންޑިޔާއިން ރާއްޖެއަށް އެތެރެ ކުރާ މުދަލަށް ބަލާލީމާ މިކަން ވަރަށް ސާފުކޮށް ފެންނާނެއެވެ. ކުރިން ނަންގަނެވި ދިޔަ ފަދައިން، އެއީ ކާޑުގެ ބާވަތްތަކަށް ވިޔަސް، އަލުވި ފިޔާ ފަދަ މުދަލަށް ވިޔަސް އަދި ހިލަވެއްޔަށް ވިޔަސް ވެހެވެ. މި މުދަލަކީ ކޯޓާ ކަނޑައެޅިފައި އޮންނަ މުދާ މުދަލެވެ. އެ ކޯޓާ ކަނޑައަޅަނީ އިންޑިޔާއިންނެވެ. ކޮންމެ އަހަރު އެއްފަހަރު މިކަން ކުރެއެވެ. މި ކޯޓާއަށް އިސްލާހު ގެނެސް އުނިކޮށް ބަދަލުކުރުމުގެ ބާރު ވެސް އިންޑިޔާއަށް އޮވެއެވެ. ކޮންމެ ރޯދަ މަހަކު، ދަތިކޮށްލުން ވެސް އެއީ ހަމަ ކޮންމެ އަހަރަކު ވެސް ދިމާވާ ކަމެކެވެ. ކޯޓާ މަދުކޮށްލެވެނީއެވެ. ރާއްޖޭ މީހުންނަށް އިންޑިޔާއަށް ދާން ވިސާ ލިބުން ވެސް އޮންނަނީ މިފަދަ ގޮތަކަށެވެ. ރުހިފައިވާ ވަގުތުތަކުގައި ވިސާ ލިބުން ތަންކޮޅެއް ފަސޭހަ ވެއެވެ. ނުރުހިއްޖެ ނަމަ، ދަތިކޮށްލައެވެ. އާދެ، މިކަންކަން ވައްތަރުވަނީ ކުއްތާއެއްގެ ކަރުގައި އަޅައިފައި އޮންނަ ބޮޅެއްގައި އައްސާފައި އޮންނަ ވާފަށަކާއެވެ. ކުއްތާގެ ވެރިފަރާތުން ބޭނުންވާ ވަގުތަކު އެއަށް ދަމާލައި ކުއްތާ ކޮންޓުރޯލުކުރުމުގެ ބާރު ކުއްތާގެވެރި ފަރާތަށް ލިބިފައި އޮވެއެވެ. އާދެ، މި ނަންގަނެވުނު ކަންތަކައް ބަލައިލުމުން ބުނަން ޖެހެނީ އިންޑިޔާއިން، ރާއްޖެ ގެންގުޅެނީ އޭގެ ބާރުގެ ދަށުގައިވާ ކުއްތާއެއްގެ ގޮތުގައެވެ.

ދެން، ނަތީޖާއަކީތޯއެވެ؟ މަތީގައި ބަޔާންކުރެވި ދިޔަ ވާހަކަތަކުން ސާފުކޮށް އެނގެނީ އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން ބޭނުންވާކަމެވެ. އަދި އިންޑިޔާ ރުހޭ ފަދައިން، އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖެދާ ފަދަ ގޮތެއްގައި ރާއްޖެއިން ކަންތައްކުރާ ނަމަ، އެހީ ލިބިދާނެއެވެ. އާދެ، އެފަދަ ވަގުތުގަކުގައި އިންޑިޔާ ސިންގާގެ އަނގަ ހުޅުވާލައި ރާއްޖެއަށް އޭތީގެ ދަތްތައް ދައްކާލައެވެ. ސުވާލަކީ މި ދަތްތަކަކީ ހިނިތުންވެ، ހެޔޮއެދޭ ކަމުގެ ނިޝާނެއް ހެއްޔެވެ؟ ނޫން ނަމަ، ސިންގާ އޭގެ ޝިކާރަ އަތު ޖެހުމުން އެއަށް ދަތްތައް ދައްކާލާ ގޮތަށް، ނޫނީ ކުޑަކުދީންނާ ބެހޭ މީހަކު، އޭނާގެ ޝިކާރަ ގުރޫމުކުރުމުގެ ގޮތުން، މެޓާ ދޭ ފަދައިން ކުރާ ކަމެއް ހެއްޔެވެ؟ މަތީގައި ބަޔާންކުރެވި ދިޔަ ވާހަކަތަކާއި އަދިވެސް ކަމާ ބެހޭ އިތުރު މައުލޫމާތު ހޯދައި، އަމިއްލަ ވިސްނުން ބޭނުންކޮށްގެން މި ސުއާލުގެ ޖަވާބު ކޮންމެ މީހަކުވެސް އަމިއްލައަށް ހޯދުން މުހިއްމެވެ. އަދި، ރައްކާތެރިވާން ޖެހޭކަމަށް ފެނިއްޖެ ނަމަ، އިންޑިޔާގެ ސިންގާ، އޭގެ ދަތްތައް ދައްކާލާލުމުން، އޭތި ހެނީކަމަށް ހީކޮށް، އެއަށް ނުހެއްލި، އެ ސިންގާއާއި އަދި ރާއްޖޭގައި ހުރި އެ ސިންގާއާ ގުޅޭ މީހުންނާއި އަދި މުއައްސަސާތަކާ ވެސް، ވީހާ ވެސް، ދުރަށް ދިޔުން ބުއްދިވެރިއެވެ.!

 

 

 

 

 

 

Loading

2 Responses

  1. ބާރުގަދަ ކޮންމެ އެއްޗެއްވެސް އެއަށްވުރެން ބަލިކަށި ކޮންމެ އެއްޗެއް އަޅުވެތިކުރަން އުޅުމަކީ ތަބީއީ ކަމެކެވެ. ނަމަވެސް އަޅުވެތި ކުރުމުގެ ބާރަކީ އެތި ބިޔަވުމެއްނޫނެވެ. މިސާލަކަށް އަހަރެންނަށް ފެންނަ ހިސާބުން ޖަޕާނާއި ސިންގަޕޯރާއި ޔުނައިޓެޑް އެމިރޭޓްސް އަކީ ބިޔަބޮޑު ގައުމުތަކެއް ނޫނެވެ. އެމީހުންގެ ބާރަކީ އަމިއްލަ ފުދުންތެރިކަމެވެ. އެހެންވީމާ ބިޔަބޮޑެތި ގައުމުތަކުން ބޭނުންވާނީ ކުދިނަވަމެސް އެގައުމުތައް ރުއްސައިގެން ކަަންތައްކުރާށެވެ. ދަތްދިލުވާކަށް ނުވަތަ އޭތީގެ ގަދަފަދަކަން ދެއްކުމުގެ ވިސްނުމެއް ނުގެންގުޅޭނެއެވެ. އަޅުގަނޑުމެންގެތެރޭން މިފެންނަނީ މެއްސެއްވެސް އަނގަޔަށް ވަދޭތޯ ކޮލުދަތްވެސް ފެންނަވަރަށް ތަންމިނަށްް
    އަނގަހުޅުވައިގެން ހުންނަތަނެވެ. ގައުމަކާ ގައުމެކެވެ.

  2. ވަރަށް އިބްރަތްތެރި ވާހަކައެކެވެ. އެހެންނަމަވެސް ކުއްލިއަކަށް އިހަށްދުވަހަކު ފެނުނު ވީޑިއޯ އެއްގެ މަތިން ހަނދާން ވެއްޖެއެވެ. އެ ވީޑިއޯއިން ފެންނަނީ ވަލުތެރޭގައި އުޅުނު ކުޑަ ކުއްޖަކު ކާލަންވެގެން އެކުއްޖާއަތުލަން މިނިކާވަގު ދުވާމަންޒަރާއި ގެރި އައިނެއް އެކުއްޖާ ސަލާމަތްކުރަން ކުރި މަސައްކަތެވެ. މިނިކާވަގު ކުޑަކުއްޖާ ކާލާފައި ގެރިތަކާވެސް ދިމާކުރާނެއެވެ. ލިބިގަނެވޭ ފިލާވަޅަކީ ކިތަންމެ ނިކަމެއްޗަސް ގިނަބައެއްގެ އެހީތެރިކަން ލިބޭނަމަ ސަލާމަތުގެ އައްސޭރިއަކަށް ދެވިދާނެއެވެ. މިސާލަކަށް ސައިޒްގެގޮތުން ސިންގަޕޯރ، ޖަޕާން، ޔުނައިޓެޑް އެރެބް އެމިރޭޓްސް ވަރަށްކުޑައެވެ. އެކަމަކު އެއިންގައުމަކާދިމާލަށް ދަތްދިލުވާންކެރޭނެ މިނިކާވަގެއްނެތެވެ. ސަބަބަކީ ސަލާންޖަހަން ނާށިގަނޑު ހިފައިގެން ދާންނުޖެހޭވަރުގެ ފުދުންތެރިކަން ލިބިފައިއޮތުމެވެ. އެއިންގައުމަކަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު އެހެންގައުމުތަކަށްވެސް ކުރާނެތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް