އައިސޮލޭޝަންނަށް ނުގެންދެވި ގޭގޭގައި ކޮވިޑަށް ޕޮސިޓިވް ވެފައިވާ 200 ފަރާތެއް އެބަތިބި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވަނީ ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖެއިން ޕޮސިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިއަދު 153 އިއްޔެ 129 މީހަކު އެބައްޔަށް ވަނީ ޕޮސިޓިވް ވެފައެެވެ. ރާއްޖެއިން އެބައްޔަށް ޕޮސިޓިވް މީހުންގެ އަދަދު ވަނީ 4446 އަށް އަރާފައެވެ. އަދި ހަމަ އެހެންމެ ޕޮސިޓިވްވާ މީހުން އައިސޮލޭޝަން ފެސިލިޓީސް އަށް ގެންދަން ގިނަ ދުވަސް ވުމާއި ސާމްޕަލް ނެގުމުގައި ލަސްތަކެއް އުޅޭތީ އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.
މިބަލީގައި ރާއްޖެއިން މިހާތަނަށް 19 މީހަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހީންނާއި 5 ބިިދޭސީންނެވެ.