އަލިފުށީ ފަޅުގައި ރިސޯޓެއް ހަދަން އަންނަ މަހުތެރޭ ހުޅުވާލާނެ: މައުސޫމް

Loading

Facebook
Twitter
WhatsApp

 

ރ. އަލިފުށީ ފަޅު ހިއްކައިގެން ރިސޯޓު ހަދާނެ ބަޔަކު ހޯދަން އަންނަ މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުއްލާ މައުސޫމް ވިދާޅުވެއްޖެއެވެ.

އަލިފުށި ފަޅު ހިއްކައިގެން އެޅުމަށް ހަމަޖެހިފައިވާ ޓޫރިސްޓު ރިޒޯޓުގެ މަސައްކަތް ފެށޭނެ ތާރީހެއް ހޯދުމަށް

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ ލިޔުމުން ޖަވާބު ހޯއްދަވަން ސުވާލުކުރައްވާފައެވެ. އެއާ ގުޅިގެން މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އިއްވާފަ އެވެ.

މި ސުވާލުގެ ޖަވާބު ގައި މިނިސްޓަރު ވިދާޅުވީ އަލިފުށީ ފަޅުގައި ހިއްކާ 10 ހެކްޓަރުގެ ބިމާއި އެރަށާ އެއްފަޅެއްގައި އޮންނަ އެއްތިގިލީގައި ތަރައްގީކުރުމަށް ނިންމާފައިވާ ޓޫރިސްޓު ރިސޯޓުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ހުޅުވާލެވޭ ބީލަމުގައި އިއުލާނު ކުރެވިގެންދާނެ ކަމަށެވެ.

އެ ރަށުގައި ރިސޯޓު އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލް ގައްޔޫމް ވަނީ 2018 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ. އަދި އޭގެ ފަހުން އެރަށު ފަޅުގައި ރިސޯޓެއް ހެދުމުގެ މަޝްރޫއު 2019 ވަނައަހަރުގެ ޑިސެމްބަރު އިއުލާންކުރިއެވެ. ޓޫރިޒަމް މިނިސްޓްރީން އޭރު ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ބިޑް މަރުހަލާ ނިންމާ މަސައްކަތް ފެށޭވަރު ވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ފަށާފައި ނުވެއެވެ.

އަލިފުށީ ފަޅުގައި ރިސޯޓު އަޅަން އަންނަ މަހު ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު އެރަށުގައި އެއާޕޯޓެއް އެޅުމަށް މިމަހުގެ އެއްވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް