އަންހެނުންނަށް އިސް ވަޒީފާތައް ދިނުމަށް އެދި އަފުޣާނިސްތާނުގައި މުޒާހަރާކޮށްފި

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މިދިޔަ ހޮނިހިރު ދުވަހު އެތައް ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މުޒާހަރާގެ ބައިވެރިވެރިން ވަނީ ރިޔާސީ ގަޑުވަރު ކުރިމަތީގައި އެއްވެ ތިބެ ސަރުކާރު ހިންގުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށްވެސް ވަޒީފާ އަދާ ކުރެވެން ޖެހޭނެ ކަމަށްބުނެ އަޑު އުފުލާފައެވެ.

މުޒާހަރާގެ ބައިވެރިއެއް ކަމުގައިވާ އުމުރުން 26 އަހަރުގެ ރާޒިޔާ ބަރަކާޒީ، ބުނިގޮތުގައި މުޒާހަރާގެ ބައިވެރިން އެއްވެ އަޑުއުފުލުމުގެ ތެރޭގައި އެއްވެސް ވަރަކަށް ބާރުގެ ބެނުންކޮށްފައެއް ނުވެއެވެ. ނަމަވެސް ޠާލިބާނު ސިފައިން ވަނީ މުޒާހަރާގެ ބައިވެރިން ވަށާލައި މުޒާހަރާ ރޫޅާލުމުގެ ގޮތުން ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ބޭނުންކޮށްފައެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ތާލިބާނުން ވަނީ އަންހެނުން ސަރުކާރު ވަޒީފާތަކަށް ނިކުތުމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. މިގޮތުން ޠާލިބާން ޖަމާއަތުގެ ތަރުޖަމާން، ޒަބީހުﷲ މުޖާހިދު ވަނީ ސަރުކާރުގެ ވަޒީފާ ތަކުގައި މަސައްކަތް ކުރަމުން ގެންދާ އަންހެނުން ގޭގައި މަސައްކަތް ކުރުމަކީ އެ ކަނބަލުންނަށް މި ވަގުތަށް އެންމެ ރައްކާތެރި ގޮތް ކަމުގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު އޮފީސްތަކާއި އާންމު މަގުތަކަކީ އަންހެނުންނަށް މިވަގުތު އެހާ ރައްކާތެރި ތަންތަނެއް ނޫނެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ޠާލިބާނުންނާއި އަލަށް ގުޅުނު ބައެއް މެމްބަރުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން ތިބިކަން ފާހަގަކުރެއްވުމަށް ފަހުގައެވެ. ވަކިގޮތެއް އެންގުމާ ހަމަޔަށް އަންހެނުން ގޭގައި ވަޒީފާ އަދާކުރުމަށް ބުނެ އެމީހުންނަށް މަހުން މަހަށް ބަރާބަރަށް މުސާރަ ދެއްވާނެކަމަށް ޒަބީހުﷲ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

ނަމަވެސް ގިނަ ބަޔަކު ދަނީ 1996 ވަނަ އަހަރުގެ މާޒީ ހަނދާންކުރަމުންނެވެ. އެ އަހަރަކީ ޠާލިބާނުން އެންމެ ފުރަތަމަ ބާރުވެރިކަމަށް އައި އަހަރެވެ. އޭރުވެސް އެމީހުން ވަނީ ހަމަ މިފަދަ އެންގުމެއް އަންގާފައެވެ. ރައްކާތެރިކަން ކަށަވަރު ވަންދެން އަންހެނުން ސްކޫލަށާއި ވަޒީފާތަކަށް ދިޔުން އޭރުވެސް މަނާކުރިއެވެ. ނަމަވެސް އެ ރައްކާތެރިކަން އެމީހުން އޭރު ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެތައް ސަތޭކަ އަންހެނުންނެއް ތައުލީމް އުނގެނުމާއި ވަޒީފާ އަދާކުރުމުގެ ފުރުސަތުން މަހުރޫމުވެގެން ދިޔައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް