ތަރައްގީގެ ކޮންމެ މަޝްރޫޢަކުން ވެސް ކުރަނީ ވައްކަން….؟

165

ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ހިންގާ މަޝްރޫޢުތައް ހަވާލުކުރެވޭ ފަރާތަކީ ބޭރު ބަޔަކަށް ވިޔަސް އަދި އެތެރޭގެ ބަޔަކަށް ވިއަސް ކޮންމެ މަޝްރޫޢަކުން ވެސް ސަރުކާރުގެ ބޮޑުންނަށް ބައިއެޅިގެން ބޮޑެތި ވައްކަން ކުރަމުންދާ ވާހަކަ ސޯޝަލް މީޑިޔާގައި ވަރަށް ބާރަށް އެބަ ދެކެވެއެވެ. މިވާހަކަތައް ކުށްވެރިކޮށް ހުކުރު ދުވަހުގެ ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލައްވާފައެވެ.

ދައުލަތުގެ އެންމެހައި ބާރުތަކާ މަޖިލީހުގެ މެންބަރުން ގަތުމަށް ފައިސާ ހޯދުމަށް ދައުލަތުން ވައްކަން އެބަ ކުރެއެވެ. މިސަރުކާރުން އެކަން އެކުރަނީ ތަރައްގީގެ މަޝްރޫޢުތަކުން ވައްކަން ކޮށްގެންނެވެ.

ދައުލަތުގެފައިސާ ކާން އެއްވެސް ސަރުކާރަކުން ވެސް މަގުކޮށައި ދަތުރު ފަށާކަށް ނުޖެހެވެ. އިދިކޮޅަށާއި މަޖިލީހުގެ މެންބަރުންނަށް ބައިއަޅާކަށް ނުޖެހެވެ. އޭ.ސީ.ސީ.ވެސް އޮންނާނެއެވެ. އެހެން މުއައްސަސާތައް ވެސް ހުންނާނެއެވެ.

ސަރުކާރާއި އެހެން ދާއިރާތަކުގެ އިސް ބޭފުޅުން ވައްކަން ކުރައްވަނީ އެކަންކަން ބަލަންތިއްބަވާ ބޭފުޅުން ގަނެލައްވައިގެން ކަން މާޒީގެ ޢިބުރަތުން ވަރަށްސާފެވެ. ކޮންމެ ކަމެއްވެސް ބޮޑުން ކުރައްވަނީ ތަހުގީގީ އިދާރާތަކުގެ ނިވަލުގައި ފިއްލަވައި ތިއްބަވައިގެންނެވެ.

ގައުމުގެ ދަރަނި މިދަނީ އަތްނުފޯރާ މިންވަރަށް މައްޗަށެވެ. ކޮންމެ ބަޔަކު ވެސް ކަންކުރަން ވާނީ އެބަޔަކަށް ލިބޭ މިންވަރަކުންނެވެ. ދަރާވިކިގެނެއް ނޫނެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ދިވެހި ސަރުކާރުން އެއްފަހަރާ މިހާގިނަ މަޝްރޫޢުތަކެއް ހިންގާފައެއް ނުވެއެވެ. ކޮންމެ މަޝްރޫޢެއްވެސް ނިމިގެން ދަނީ އެކަށީގެންވާ ވަރަށް ވުރެ މާބޮޑު ޚަރަދު ދައުލަތުން ކޮށްގެން ކަމަށް ގިނަބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ތުހުމަތު ކުރާ ސަބަބުތަކެއް ވެސް ހުންނާނެއެވެ. މިސާލަކަށް ބީއޯކިޔޫ ހަދާލުމުން ތިން މިލިއަނުން ނިންމޭ މަސައްކަތަކަށް ފަސް މިލިއަން ޚަރަދު ކުރާނަމަ ތުހުމަތުގެ އިނގިލި ދިއްކުރާނެތާއެވެ!

ކޮންމެއަކަސް ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ގެނެވުނު އެމްޑީޕީ ކޯލިޝަން ސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގާކަމަށް ފެތުރެމުންދާ ވާހަކަތަކަށް ސަރުކާރު ޖާވާބު ދާރީ ކުރުވަން އެބަޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދީފައި ވަނީ ވަގުން ހިފާ ގައުމުން ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ހޯދުމަށެވެ. އެހެނަސް މިއިން އެއްކަމެއްވެސް ނުކުރެއެވެ. މެންބަރުންނަށް ބައި އަޅާކަމަށް ތުހުމަތު ކުރެވެނީވެސް މިހެންވެއެވެ.

ތަރައްގީގެ ކޮންމެ މަޝްރޫޢަކުން ވެސް ކުރަނީ ވައްކަމޭ ކިޔައި ރައްޔިތުންނަށް ޝަކުވާ ނުކުރެވޭނޭގޮތް ސަރުކާރުން ހަދަން އެބަޖެހެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ ޞާލިޙު ސަރުކާރެއް ކަމަށް ރައްޔިތުން ގަބޫލުކުރާނީ އޭރުންނެވެ.

 

1 ހިޔާލު

  1. ފަހަލަ ބުންޏަސް ތެދެއްވާނީ ހަމަ ތެދަކަށް. ސަބީތުވެފައިވާ ބޮޑު ވަގެއް ހުޅުމާލޭ ޕެންޓް ހައުސްގައި ބަހަށްޓައިފާ ރިހާކުރު ފުޅިނެގި ނިކަމެތި މީހާ ޖަލުގައި. ސޯލިޙު ރައީސް އާއި ޝޭޚު އިމްރާންނަށް ހަމަ ސާބަސްފުޅެވެ. ބޯހަލާކު. ކީކޭ ބާ ޝެއިޚު ޒިޔަދު އާއި ޑރ. އިޔާޒް ވިދާޅުވާނީ. ހަލާލު ގޮތް؟؟މިއީ؟؟
    ހަކުރު ދެންޏާ ބޮޑުބޭބެ ދޮގެއްތޯ؟؟

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ