މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީއާއިގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމްޑީޕީ އޮފީހުގައި ހިންގި މި މާރާމާރީގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު ( މަންދީ) އާއި އިތުރު މީހަކުވެސް ވަނީ ޒަހަމްވެފައެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މި މާރާމާރީ ހިންގި ދުވަހުގެ ރޭ މަންދީ ކުރި ޓްވީޓުގައި ބުނީ އޭނާއަށް އަނިޔާ ކުރި މީހާ ގެންގޮސް ގޮޅިއަކަށް ލާ އެތައް ދުވަހެއް ވަން ދެން ބޭއްވުމަށް ފަހު ޖަލު ގޮަޅިއަކަށް ހުކުމް ކުރަން ނޭދޭ ކަމަށެވެ. އަދި އެމީހާއަކީ ގޯސް މީހެއް ނޫން ކަމަށާއި އެއީ ފަރުވާ ބޭނުންވާ މީހެއް ކަމަށް ވެސް މަންދީ ބުނެފައިވެއެވެ.
މަންދީ މިހެން ބުނެފައިވާއިރު، އެމްޑީޕީން ރޭ ވަނީ އެ ހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެމްޑީޕީން ބުނީ އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ. އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ވެސް އެޕާޓީން ވަނީ ގޮވާލާފައެވެ.
އެމްޑީޕީ އޮފީހުގައި ހިންގީ އެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދިޔަ މުއައްޒަފެކެވެ. މި މާރާމާރީގައި މަންދީގެ ބޯ ފަޅައިގެން ދިއުމުގެ ސަބަބުން އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.
މި މައްސަލައާ ގުޅިގެން މި ހަމަލާތައްދިން ފިރިހެން މީހާ ބޮނާގޮތުން އޭނާ ހަމަލާ ދިނީ އެމްޑީޕީގެ އޮފީސްތެރޭގައި ޖެއްސުމާއި ފުރައްސާރަ ބޮޑުވެގެންނެވެ.