އަންހެނުންގެ ހައްގުތަކަށް އާ ފަތިހެއްގެ ފެށުމެއްބާ!

Loading

Facebook
Twitter
WhatsApp

ޠާލިބާނުން އަފްޣާނިސްތާނު ފަތަހަ ކުރުމަށްފަހު މި ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުޚީ ތަކަށް ބަލާލުމުން ސުރުޚީގައި މިބުނިފަދަ ސުވާލުތަކެއް އަޅުގަނޑުގެ ހިތުގައި އުފެދެން ފަށައިފިއެވެ.

އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އިންތަކާ މިންތަކާބެހޭ ގިނަ ލިއުންތަކެއް މިހާރު އެބަފެނެއެވެ. ބައެއް ލިއުންތަކުގައި ޖަވާބު އެނގިހުރެމެ ސުވާލު ކޮށްފައިވެސް އެބަހުރެއެވެ. އިންސާނީ މުޖުތަމާތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި އެއްބައިވަންތަކަން ނަގާލުމުގައި ނޫސްތަކުން އަދާކުރަމުންގެދާ ދައުރަކީ ވަރަށް ހާމަކަމާއެކު ފާޅުވަމުންދާ ހަގީގަތެކެވެ. ހަގީގަތާ އެއްގޮތަށް ޚަބަރުތަކާއި މައުލޫމާތު ގެނެސްދޭ ފަދައިން ދޮގު މައުލޫމާތު ގެނެސްދެނީކީވެސް މަދުންނެއް ނޫނެވެ. މަޝްހޫރު ޑިމޮކްރެސީގެ ބާރެއްކަމުގައިވެސް ނޫސްވެރިކަން ސިފަކޮށްފައި އެބަހުރެއެވެ. އެހެންވެދާނެތާއެވެ! ޑިމޮކްރެސީއަކީވެސް ތެދާއި އިންސާފުގެ މައްޗަށް ދޮގާއި ނާއިންސާފު މަސްހުނި ކޮށްގެން އުފައްދާފައިއޮތް ސިޔާސަތެއް ވިއްޔާއެވެ!

އަންހެނުންގެ ހަށިގަނޑުގެ ވަނާތަކާއި ބައްޓަމަށް ހިތްކިއުމާއި ހިތްހަމަޖެއްސުމަށްޓަކައި ބޭނުންކުރާހިތްވުމަކީ ހަމައެކަނި އަފްޣާނިސްތާނަކަށް ނުވަތަ އިސްލާމީ ގައުމުއަކަށްވީތީ އިނގިލި ދިއްކުރެވޭނެ ކަމެއް ނޫނެވެ. މުޅި ދުނިޔޭގެ ހުރިހާ ފިރިހެނުންގެވެސް ވިސްނުން އެކަމުގައި ތަފާތެކޭ ނުބުނެވޭނެއެވެ. ފިރިހެނުންގެ ޠަބީޢަތާ ގުޅިފައިހުރި ކަމެކޭ ބުނިއްޔާ މާރަނގަޅުވާނެއެވެ.

ހަގީގަތަށް ބުރަވެ ތިބެ ވާހަކަދައްކާނަމަ މިއަދުގެ އެންމެ ކުރިއަރާފައިވާ މުޖުތަމިއުތަކުގައި އަންހެނުންގެ ހައްގުތަކާމެދު ވާހަކަ ދައްކަން ފެށުނީވެސް 19 ވަނަ ގަރުނުގައެވެ. މިހާރު ބޭނުން ކުރެވޭ ކަލަންޑަރުގެ 600 އަހަރުކުރިން މުސްލިމް އަންހެނުންނަށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާއިރު އަހަރެމެން މި ތިބީ އިބްރާހިމިއްޔަ ދީނުގައޭ ބުނެ ވަކާލާތުކުރާ އެއްވެސް ބަޔަކަށް އެހައްގުތައް ލިބިދީފާނެކަން ހުވަފެނަކުންވެސް ފެނިފައެއް ނުވެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އެމީހުން އެބުނާ އިބްރާހިމިއްޔަ ދީނުގައިވެސް އޮތީ އަޅުގަނޑުމެން މި ގަބޫލުކުރާ އިބްރާހިމިއްޔަ ދީނުގައި އޮތް ގޮތެވެ. އިއްފަތްތެރިކަން ހުރިހާގޮތަކުން ރައްކާތެރިކުރުމާއި ހައްދު ޖެހުމާއި ގަޒްފު ކުރުމަކީ އެމީހުން އެބުނާ އިބްރާހިމިއްޔަ ދީނުގައިވެސް އޮތް ކަންތަކެކެވެ. އަދި އެކަންތައްތައް އެގޮތުގައި ތަންފީޒުކުރެވެމުން ދިޔަކަން ތާރީޚުން އެނގެން އޮވެއެވެ. ތަފާތަކީ މިހާރު އެގޮތް ގަބޫލު ކުރުމާއި ނުކުރުމެވެ.

އަފުޣާނިސްތާނުގެ މަދުރަސާއެއްގައި އަންހެނަކު އަންހެން ދަރިވަރަކަށް ކިޔަވައިދެނީ

އެންމެބޮޑަށް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އެމެރިކާގައި އަންހެނަކަށް ވަރިވުމުގެ އިޚްތިޔާރާއި އަމިއްލަ ނަމުގައި މިލްކިއްޔާތެއް ލިބިގަތުން ހުއްދަ ކުރެވުނީވެސް 1839 ވަނައަހަރުގައެވެ. އޭގެ ކުރިން 1800 ގެ ކުރީކޮޅު އަހަރުތަކުގައިވެސް އަންހެނުންނާމެދު ބަލަމުން އަދި އަމަލުކުރަމުން ގެންގޮސްފައި ވަނީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައެވެ.

ވަޒީފާއަދާކޮށްގެން ލިބޭ މުސާރަވެސް މިލްކުކޮށްގަތުމުގެ އިޚްތިޔާރެއް ނޯވެއެވެ. އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބުނީވެސް 1920 ވަނައަހަރުގައެވެ. ކަން މިހެން އޮތްއިރު ދެން މި ކިޔަނީ ކީކޭހެއްޔެވެ؟ އިބްރާހިމިއްޔަ ދީނަށް ތަބާވެގެންތިބިބައެކޭ އަންހެނުންގެ ޙައްގުތަކަށް ވަކާލާތުކުރާ ބައެކޭ ބުނެ އިޝްތިހާރު ކުރާއިރު މިހާތަނަށް އެއިން އެއްވެސް ގައުމެއްގެ ވެރިޔަކަށް އަންހެނަކު އިންތިޚާބު ކޮށްފާ އެބަހުރި ހެއްޔެވެ؟ ދެން އެހެންވީއިރު މިއަށް ކިޔާނީ ހަތްގުދު އޮތްމީހާ އެއްގުދު އޮތްމީހާއަށް ގުދޯގުދޯ ގޮވުން ނޫނީ ދެންކީކޭ ހެއްޔެވެ؟

އާބާދީގެ ބޮޑުބަޔަކީ މުސްލިމުންކަމުގައި ހިމެނޭ 45 ވަރަކަށް ގައުމުގައި އަންހެނުންގެ ހައްގުތައް ދީނުގައި ކަނޑައަޅުއްވާފައިވާ މިންވަރަށް ބަރާބަރަށް ލިބިދެވެއެކޭ ވެސް ނުބުނެވޭނެއެވެ. އަދި ބައެއް އިސްލާމީ މުޖުތަމާގައި އަންހެނުންނާމެދު އަމަލު ކުރެވެނީ މުޅިން ރަނގަޅަށް ކަމަކަށްވެސް ނުބުނެވޭނެއެވެ. އެހެނަސް އެއީ އިސްލާމްދީނުގައި އެކަން އޮތް ގޮތްކަމަށް ވިސްނައިދޭން ކުރަމުން އަންނަ މަސައްކަތްތަކަކީވެސް އިސްލާމްދީނާ އިދިކޮޅު ވިސްނުން އަށަގެންނެވުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގެ ބައެކެވެ.

ހުޅުވާލެވިފައިވާ ނަޒަރަކުން ބަލާނަމަ މުސްލިމް ގައުމުތަކުގައި އަންހެނުންނަށް ލިބިދޭންޖެހޭ ހައްގުތަކާއި އެ ހައްގުތައް ދެމެހެއްޓުމަށްޓަކައި ދީނީ ގޮތުން ބާރުއަޅާފައިވާ މިންވަރަށް މިއަދުވެސް އެކަމެއް ނުހިނގައެވެ. ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތަކީ އިސްލާމްދީނުގައި ކަންކުރަންވީގޮތުގެ ގައިޑްލައިނެވެ. އަމިއްލަ ވިސްނުމަށް ފައިދާހުރިގޮތްގޮތަށް ތަރުޖަމާ ކުރުމުގެ އިޚްތިޔާރު އެކަކަށްވެސް ލިބިގެންނުވެއެވެ.

މުޅިދުނިޔެއަށް އިންސާނީ ހައްގުތައް ކަށަވަރުކޮށް ޚާއްޞަކޮށް އަންހެނުންނަށް ކުރެވެމުންދާ ގެވެށި އަނިޔާތައް ހުއްޓުވުމަށް ހުރިހާ ފޯރަމެއްގައި ވަކާލާތުކުރަމުން ގެންދާ އެމެރިކާގެ ހާލަތު އޮތްގޮތް ދެނެގަތުން ހުއްޓެވެ.

ރަސްމީ އިދާރާތުގެ މައުލޫމާތުތަކަށް ބަލާއިރު އެމެރިކާގައި އެވްރެޖް ގޮތެއްގައި ކޮންމެ މިނިޓަކު ވިހި މީހުންނަށް ރޭޕްކުރުމާއި ޖިންސީ އަނިޔާއާއި ކުރިމަތި ލާންޖެހެއެވެ. އޭގެތެރޭން މަދުވެގެން ކޮންމެ ތިންމީހުންގެ ތެރޭން އެކަކީ އަންހެނެކެވެ. އަދި ކޮންމެ ހަތަރުމީހުންގެ ތެރޭން އެކަކީ ފިރިހެނެކެވެ. އަދި މަތީ މަދަރްސާތަކުން ކިޔަވާ ކުދިންގެތެރޭން ކޮންމެ ދިހަ ކުދިންގެ ތެރޭން އެއްކުއްޖަކާއެކު ބައިވެރިޔާގެ ފަރާތުން ގަދަބާރުން ޖިންސީ ގުޅުން ހިންގާކަމަށް ވެއެވެ. މިއީ ރަސްމީ ލިއެކިއުންތަކުން ހާމަވާ މިންވަރެވެ. ޔޫރަޕްގެ ޙާލަތުވެސް އޮތީ މިކަހަލަ ފެންވަރެއްގައެވެ. މިއަދު ދުނިޔޭގެ ބޮޑެތި ނޫސްތަކަށް ލިޔާ މީހުންނަށް ވެސް އޮތީ މި ހަގީގަތްތަކާ ކުރިމަތިލާން ޖެހިފައެވެ.

އަފުޣާނިސްތާނުގެ އަންހެނުން: ގައުމުގައި މުހިއްމު ދައުރެއް އަދާކުރަމުން އެބަދޭ

އަފްޣާނިސްތާނާއި ޠާލިބާނުންގެ ނަންގެނެވޭ ކޮންމެ ފަހަރަކު ތަސްބީހައެއްފަދައިން ހުޅަނގުގެ ގައުމުތަކުން ޚާއްޞަކޮށް އިސްލާމީގައުމުތަކުގެ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވަމުންދާ ގޮވެލިފަތީގެ ބަތާނަފަރާތުގައި ފޮރުވާފައިއޮތީ މި އިޝާރާތް ކުރި މިންވަރަށް އެމީހުންގެ އަންހެނުންގެ ހައްގުތަކާއި ޢިއްޒަތާއި ކަރާމާތް ވެއްޔާ މޮޑެފައިކަން ފާޅުވެ އެނގިއްޖެއެވެ. އަޅުގަނޑުމެންގެ އަވަށްޓެރި ބައެއް ގައުމުތަކުގައިވެސް ގެވެށި އަނިޔާއާއި ގަދަކަމުންޖިންސީ ގުޅުން ހިންގުމުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ނިސްބަތަކީ ބިރުން ފިތްކަނޑައިގެންހިނގައިދާހާ ގިނަ އަދަދެކެވެ. އަޅުގަނޑުމެންގެ އަމިއްލަވަޒަން ވެސް އޮތީ އަލުން ސަލާމަތުގެ އައްސޭރިކަށް ދެވިދާނެބާވައޭ ސުވާލުއުފެދޭ ހިސާބަށް ގެނބުރަށް ދަމައިގެންފައެވެ.

އަންހެނުންގެ ހައްގުތަކާއި އެބައިމީހުންގެ އިއްޒަތާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި އިސްލާމްދީނުގައި ހަރުދަނާ ޝަރުޢީ ހުކުމްތަކެއް އެބަހުއްޓެވެ. ޝަރީޢަތުން އެހުކުމްތައް މުގުރާ ފަރާތްތަކަށް އެ ކުރި ކުށެއްގެ ފެންވަރުގައި އަދަބުތައް ކަނޑައަޅާނެއެވެ. އަންހެނަކު ވިޔަސް ފިރިހެނަކުވިޔަސް އޭނާގެ މައްޗަށް ދީނުގެ ޝަރުޢު ގާއިމް ކުރެވޭނެއެވެ. މިއީ އެބައިމީހުންގެ ހައްގުތަކަށް އަރައިގަންނަނީ ކަމަށް ބުނާބަޔެއްގެ ބޮލަށް ބޭސްކުރުން ރަނގަޅުވާނެއެވެ.

އިސްލާމްދީނުގެ ޝަރުޢުތަކަށް މަލާމާތްކޮށް އިނގިލި ދިއްކުރާ މީހުންނަށް އިސްލާމްދީނުގައި އަންހެނުންގެ އިއްޒަތާއި ކަރާމާތް ރައްކާތެރި ކޮށްފައިވާ މިންވަރު އެއްވެސް ވަރަކަށް އަންދާޒާކޮށްލަންވެސް އެނގޭ ބާވައެވެ! އަންހެނަކަށް ޒިނޭގެ ތުހުމަތު އަޅުވައިފިމީހާ އެކަން ސާބިތުކޮށްދިނުމުގެ އުނދަގޫކަން ވިސްނާލުމުންވެސް ބިރުން ތުރުތުރު އަޅައިގަންނާނެއެވެ.

ސާބިތުކޮށް ނުދެވިއްޖެނަމަ ކުރިމަތިލާންޖެހެނީ ފުރާނަ ހިފުން ފިޔަވައި އިސްލާމީ ޝަރުޢުގެ އެންމެ ބޮޑުއަދަބާއެވެ. އަންހެނުންގެ އިއްޒަތާ ކަރާމަތަކީ ކުޅޭކުޅޭ އެއްޗެއްނޫންކަން ކަށަވަރުކޮށްދިނުމަށްޓަކައެވެ. އެހެންނަމަވެސް ތަހުޒީބުވެފައިއޮތް ހުޅަނގުގެ ގައުމުތަކުގައި އެންމެ ފުރަތަމަވެސް ދުލުކޮޅަށް އަންނާނީ ”ސަންއޮފްއަބިޗް“ މިހަކަހަލަ ބަހެކެވެ.

ވިސްނާލުން ހުއްޓެވެ. އިސްލާމްދީނުގައި އަންހެނުންނާ ބެހޭ ގޮތުން ހުރި ޝަރުޢީ ގާނޫނުތައް ހަރުކައްޓޭ މަޑުކައްޓޭ ކިޔަސް ފަރުވާލެއް ނެތެވެ. އެކަމަކު ޒާތީ ތަޢައްޞަބުން އެއްކިބާވެހުރެ މަޑުމައިތިރިކަމާއެކު އެ ގާނޫނުތަކާމެދު ވިސްނާމީހަކަށް އިބްރަތްތަކެއް ލިބޭނެއެވެ. އެ އަންހެންމީހާގެ އުފަންވުމަށް ވިސްނާލަބަލާށެވެ. ދަންނަބޭކަލުން ވިދާޅުވެފައިވާ ގޮތުގައި އޭނާ އުފައްދަވާފައިވަނީ އޭނާގެ ކިބައިން ހިތްހަމަޖެހުމާއި ލޯތްބާއި އަޅާލުން ފިރިމީހާއަށް ލިބިދިނުމަށްޓަކައެވެ.

ފިރިމީހާ އޮފީހުން ނިމިގެން ގެއަށް އައުމުން ފުނިފުންޏަށް ޝަކުވާތައް ބަންޑުން ކޮށްލާކަށް ނޫނެވެ. އިބްރާހިމިއްޔަ ދީނުގައޭ ބުނެ ވަކާލާތުކުރާއިރު ހަނދާންކުރަންޖެހޭނެއެވެ. އިސްމާޢީލްގެފާނަށް ޒިޔާރަތްކުރަން ވަޑައިގަތުމުން އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އިބްރާހީމްގެފާނަކީ ކާކުކަން ނުވެސް އެނގިހުރެ ޝަކުވާދެންނެވުމުން އަމުރުކުރައްވާފައި ވަޑައިގަތީ ގޭގެ އޮޅިގަނޑު ބަދަލުކުރަން އިސްމާޢީލްގެފާނަށް ދެންނެވުމަށް ނޫންތޯއެވެ. ޢާއިލީ ހަމަޖެހުމުން މެނުވީ މުޖުތަމާގެ ހަމަޖެހުމެއް ނޯންނާނެއެވެ. ޢާއިލާގެ ހަމަޖެހުން ފެށިގެން އަންނަނީ ދެމަފިރިއެއްގެ ފަރާތުންނެވެ. އެއަށްފަހު ދަރިންނެވެ.

މިކަމާ ބެހޭގޮތުން ފިރިންނަށް މާތް ނަބިއްޔާދެއްވާފައިވާ އިރުޝާދުގެ ބަސްފުޅެއްގައި ވެއެވެ. ”އަނބިދަރިންނާއެކު އިށީންދެ އިނދެ އެމީހުންގެ ވާހަކަތައް އަޑުއަހަން ވަގުތު ހޭދަކުރުމަކީ އިއުތިކާފަށް އިނުންފަދަ ކަމެކެވެ.“ މި ބަސްފުޅާމެދު ވިސްނައި ފިކުރުކުރުން ހުއްޓެވެ. އަދި އެބަސްފުޅާ އެއްގޮތަށް އަމަލު ކުރަމުން ގެންދާނަމަ އެއްވެސް މީހެއްގެ ހައްގަށް އުނިކަމެއް ނުލިބޭނެއެވެ. ދަރިންވެސް ބޮޑެތިވާނީ އެ ބަސްފުޅުން ދަރުސް ލިބިގެންނެވެ.

 

Loading

3 Responses

  1. ލިއުންތެރިޔާވެސް ހާމަކުރައްވާފައިވާ އެއް ހަގީގަތަކީ ވެސް ދީނުގެ ޝަރުޢުތައް އަމިއްލަ އަމިއްލައަށް ނުކުރެވޭނެ ކަން ކަމުގައި ބެލެވެއެވެ. އަފްޣާނިސްތާނަކަސް ޕާކިސްތާނަކަސް މިކަމުގައި ތަފާތެއް ނެތެވެ. މައްސަލައަށް ވިސްނާލާއިރު ފާހަގަކުރެވުނު އަނެއްކަމަކީ ހުޅަނގުގެ ގައުމުތަކުގައި ޖިންސީ ޝިކާރައަށްވާ ފިރިހެނުންގެ ނިސްބަތް ގިނަކަމެވެ. ކޮންމެ ހަތަރު މީހަކުން އެކަކު އަދި ކޮންމެމިނިޓަކު މަދުވެގެން ވިހިމީހުން…..އަމަށަކު ހިންޏެއްނޫން އަންނަނީީ…

  2. އެގެން ބޭނުން ބަޔަކަށް އެނގޭނީވެސް. އެހެނީ ހުޅަގުން ކިޔަވައިގެން އައިސް އެމީހުންގެ އެޖެންޑާ19 ހިންގާއިރު ދޮންމީހުންވަރެއް ނެތިގެން އުޅެންޖެހޭތީއެވެ. އެސޮރުމެންވެސް އެއީ ހަމަ ކެހިވެރި އިންސާނުންނެވެ. އަހަރެންގެ ގޭގައި އަހަރެން ބޭނުން ގޮތަކަށް ކަން ކުރުމުން އެމެރިކާގެ ލުޓޭރާއިންނަށް ކޮންކަމެއްހެއްޔެވެ. އެހެން މީހުންގެ ޙައްގުގެ ވާހަކަ ދައްކާއިރު ކިތަށްގައުމުގައި ކިތަށްމިލިޔަން މީހުން ޑިމޮކްރެސީގެ ގެނައުމަށް ޔައުނީ އެތަނުގެ މުއްސަދިކަން ފޭރިގަތުމަށް އެމެރިކާާއިއި ޔޫރަޕްގެ ގައުމުތަކުން މަރާފިހެއްޔެވެ. ކޮބޭތޯ އެ މެރިނިކަމެތީންގެ ޙައްގުތަށް. އަބަދުވެސް ގައުމަތައް ފުޑާލަނީ އެގައުމެއްގެ އެތެރެއިން ބޯސަކަރާތް ހަތްބޯރާސްއެއް ހޯދައިގެނެވެ. އެސޮރަށް ރަނގަޅަށް ކާންދީ ބޭރުދުނިޔެއަށް ގެންގޮސް ބޯންދީ އިއްޒަތްދިނީމާ އެސޮރު ދޮޅުރޯނާަވެގެން އެގައުމެއް ހަލާކުކޮށްލުމަށް މަގުފަހިކޮށްދެއެވެ. އޭގެ ރީތި ނަމޫނާއެއް ދިވެހިރާއްޖޭގެ އައިލެންޑް ޕްރެޒިޑންޓް ބޯސަކަރާތް. ނޫންތަ؟

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް