އިންޑިއާގައި ނުވަ އަހަރުގެ އަންހެންކުއްޖަކު ރޭޕުކޮށް މަރާލި މައްސަލައިގައި ދައުވާކޮށްފި

Loading

Facebook
Twitter
WhatsApp

ނުވަ އަހަރުގެ ތުއްތު އަންހެންކުއްޖަކު ރޭޕުކޮށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިޔާގެ ހަތަރު ފިރިހެނުންނަށް ދައުވާކޮށްފިއެވެ. މި ހަތަރު ފިރިހެނުންގެ ތެރޭގައި ފައްޅިއެއްގައި މަސައްކަތްކުރާ ފާދިރީއެއްވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނެރުނު ބަޔާނެއްގައި ވާގޮތުން ކުޑަކުއްޖަކު ރޭޕުކޮށް މަރާލިކަމުގެ ތުހުމަތުގައި، އަދި ހެކި ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މިދިޔަ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ހައްޔަރު ކުރި ފިރިހެނުންނަށް މިހާރުވަނީ ރަސްމީކޮށް ދައުވާކޮށްފައެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ މަރުގެ ހުކުމެއް އައުން އެކަށީގެންވާކަމުގައި އެ ބަޔާނުގައިވެއެވެ.

ދިއްލީގެ ސީނިޔާ ފުލުސް އޮފިސަރު އިންޖިތު ޕްރަތާބް ސިން، ސީއެންއެންއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މަރާލި އަންހެން ކުއްޖާއަކީ އިންޑިޔާގެ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަމުގައެވެ. ގުރޫޕަކުން ރޭޕްކޮށް މަރާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ މިދިޔަ އޮގަސްޓުމަހުގެ ފުރަތަމަ ދުވަހުއެވެ. އެކުއްޖާ ގެއިން ނިކުތީ އެސަރަހައްދުގެ ފައްޅިއަކަށް ފެންބަލައި ދިއުމަށެވެ. ކުއްޖާ ގެއިން ދިޔަތާ ދޮޅު ގަޑިއިރެއްހާއިރު ފަހުން ފައްޅީގައި މަސައްކަތްކުރާ ފާދިރީ ވަނީ އެކުއްޖާގެ މަންމައަށް ގުޅައި ފުރާނަނެތް މަސްގަނޑު ދައްކާފައި ކަމުގައި މަންމަގެ ފަރާތުން ނެގި ބަޔާނާ ހަވާލާދީ ސިން ވިދާޅުވިއެވެ.

ފުލުން ބައިވެރިނުކޮށް ކުއްޖާ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުއްޖާގެ މައިންބަފައިންނަށް ވިސްނައިދީ ފާދިރީއާއި ފައްޅީގައި މަސައްކަތްކުރާ އިތުރު ތިން މީހުންވަނީ މައިންބަފައިންގެ ހާޒިރުގައި އެކުއްޖާ ވަޅުލާފައެވެ. ނަމަވެސް އެއަވަށުގެ މީހުންނަށް އެޚަބަރު ލިބުމާއެކު 200 އެއްހާ މީހުން ނުކުމެ އިންސާފު ހޯދުމަށް އަޑު އުފުލާފައިވެއެވެ. ފުލުހުން ވަނީ މިކަމުގައި ތުހުމަތު ކުރެވޭ ހަތަރު ފިރިހެނުން ހައްޔަރުކޮށްފައެވެ.

ދިއްލީގައި ރޭޕާ ދެކޮޅަށް މުޒާހަރާ ކުރަނީ: ބޮޑުވަޒީރު މޯދީއަށް ފާޑުކިއުން އިތުރުވި

އެ އާއިލާ ދިރުއުޅެމުންދާ ސަރަހައްދަށް ޖަމާވެ އެތައްސަތޭކަ ބަޔަކު އިންސާފު ހޯދުމަށް އިހުތިޖާޖު ކުރުންތައް ކުރިއަށް ގެންގޮސްފައި ވާއިރު، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ރޭޕް ފަދަ ނުރައްކާތެރި ކަމަކުން ތުއްތު އަންހެންކުއްޖަކު ސަލާމަތް ނުކުރެވުނު ކަމަށް ބުނެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔާފައެވެ.

އިހުތިޖާޖުގެ ބައިވެރިއެއް ކަމަށްވާ 46 އަހަރުގެ އަނިލް ކުމާރު ބުނިގޮތުގައި ނިއު ދިއްލީއަކީ އެއްވެސް ޤާނޫނެއް އަދި ޤަވާއިދެއް އޮންނަ ތަނެއް ނޫނެވެ. ނުވަ އަހަރުގެ ތުއްތު ކުއްޖަކު އަނިޔާވެރި ގޮތަކަށް ރޭޕްކޮށް މަރާލާފައިވީއިރުވެސް އިސްވެރިން ތިބީ ނިދާފައި ކަމުގައި އޭނާ ބުންޏެވެ.

”އަހަރެމެން ބޭނުމީ ކުށްވެރިންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭން. މިކަމުގައި ސަރުކާރުން ނަމޫނާ ދައްކަން ޖެހޭ. އަންހެނުންގެ ސަލާމަތާ ރައްކާތެރިކަމަކީ އެހާ ލުއިކޮށް ނަގައިގެން ވާނެ ކަންކަމެއްނޫން.“ އަނިލް ބުންޏެވެ.

ރޭޕާ ދެކޮޅަށް މަސައްކަތްކުރާ އަދި އަންހެނުންގެ ޙައްޤުތަކާ ބެހޭ އެކްޓިވިސްޓު، ޔޮގިޓާ ބަޔާނާ ވިދާޅުވީ މިމައްސަލައިގައި ކުށްވެރިންނަށް ދައުވާކުރަން ނިންމި ނިންމުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. މިއީ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ސަރުކާރުގެ އެކި އިދާރާތަކަށް ޕްރެޝާ ކުރުމުގެ ނަތީޖާ ކަމުގައި ޔޮގިޓާ ފާހަގަ ކުރިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިދަފަ ކޮންމެ މައްސަލައެއްގެ ތަހުގީގުވެސް މިގޮތަށް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް