އެކުވެރިންނޭ! ދުންފަތުގެ ވަބާގައި ޖާނާ މާލު އަންދަމުން ދިޔުން ހުއްޓާލަން ނުވޭތޯ؟

Loading

Facebook
Twitter
WhatsApp

             ދުންފަތާއި ސިނގިރޭޓުގެ ބާވަތްތަކުގެ އަގު އެކިފަހަރުގެ މަތިން އުފުލެމުން އައިސް މިހާރު 100 ރުފިޔާއިން މައްޗަށް ސިނގިރޭޓު ފޮށްޓެއްގެ އަގު އުފުލިފައިވާ އިރު، މިކަމާއި މެދު އަޅުގަނޑުގެ އެކުވެރި އެންމެހާ ދިވެހި ލޮބުވެތި ޒުވާނުން ވިސްނާލަން ނުވޭތޯއެވެ.

ވިސްނާލާށެވެ! މިދައްކަނީ މަހެއްގެ މައްޗައް 3000 އާއި 4000 އާއި ދެމެދުގެ ރުފިޔާ އަތުން އަންދާ  އަޅިއަށް ހަދާ ވާހަކައެވެ. ލިބޭނެ ހަމަ އެއްވެސް ފައިދާއެއްނެތެވެ. ހުރިހާ ކޮޅަކުންވެސް ފެންނަން އޮތީ ގެއްލުމާއި ހަލާކެވެ. އަމިއްލަ އަތުން ތިޔަ ގެއްލުންދެވެނީ އަމިއްލަ ދަރިންނަށެވެ. އަމިއްލަ އާއިލާއަށެވެ. އަމިއްލަ ނަފްސަށެވެ. މިފަދަ ހަލާކެއްގެ ތެރެއަށް ހޭދަ ކުރާހާ ފައިސާއެއް، އަމިއްލަ އާއިލާއަށް ހޭދަ ކޮށްލިނަމަ ކިހާ ދަރުމައެއް ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ހެއްޔެވެ. އެ ފައިސާއިން ބެނުންޖެހިފައިވާ މީހަކަށް ﷲގެ މަގުގައި ހޭދަ ކޮށްލިނަމަ، އެ ނިކަމެތި މީހާގެ ދުޢާގެ ސަބަބުން ތިބާއަށް ކިހާ ދަރުމައެއް ލިބޭނެ ހެއްޔެވެ. އެކަމުގެ ހެޔޮ ޖަޒާ މަތިވެރިވެގެންދާނީ ކިހާ މިންވަރަކަށް ކަމެއް ތިބާއަށް އަންދާޒާވެސް ނުކުރެވޭނެއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ޙަރާމް ކަމެއް ކަމަށް އުއްމަތުގެ ގިނަ ޢިލްމުވެރިން ވަނީ އިޖްމާޢުވެފައެވެ. ސަބަބަކަށް ވަނީ ކީރިތި ޤުރުއާނުގައި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި، އިސްރާފްކުރުން ހަރާމް ކުރައްވާފައިވުމެވެ. ބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. ”ﷲގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ! އަދި އިޙުސާންތެރިވާށެވެ! ހަމަކަށަވަރުން އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑީގެންވެއެވެ.“ އާދޭސް ކޮށްފައި ބުނަމެވެ. މިވަބާއިން ދުރުވުމަށް އަވަސްވެގަންނާށެވެ!

މިތުރުންނޭ! ތިޔަ ގެއްލުންދެވެނީ ހަމައެކެނި ތިމާގެ އަމިއްލަ ނަފްސަކަށް ނޫނެވެ. ތިމާގެ އާއިލާއަށެވެ. ލޯބިވެރިޔާ އަށެވެ. ގާތް އެކުވެރިންނަށެވެ. އަމިއްލަ ދަރިންނާއި ކޮއްކޮމެންނަށެވެ. ތިމާ އެމީހުން ގާތުގައި އިނދެ އެވިހަ ދުންގަނޑު ދޫކޮށްލާއިރު، ހިތުގައި ކުލުނެއް ލޯތްބެއް ނެތީބާވައޭ ހިތައް އަރައެވެ. އެވިހަ މާއްދާތަކުން ތިމާގެ އަމިއްލަ އަތުން އެންމެ ލޯބިވާކަމަށް ބުނާ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަމުން ދާއިރު، ހިތަށް އެއްޗެއްވެސް ނާރަނީތޯއެވެ؟

މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ތިމާގެ އަމިއްލަ ދަރިފުޅަށް އަބަދުހެން ތިޔަ ދެއްކެނީ ކޮންފަދަ ނުބައި ނަމޫނާ އެއްހެއްޔެވެ. އެކުދިން އެންމެ ގާތުން ނަކަލު ކުރާނީ ތިބާގެ ޢަމަލު ތަކެވެ. މިހާ ހިސާބުން ތިމާ ބޭނުންވަނީ، އެދަރިފުޅުގެ އެތެރެހަށި ދުންފަތުގެ ވަބާގައި ޖެހިގެން ޅައުމުރުގައި ފުނޑު ފުނޑު ކޮށްލަންކަން، ޤަބޫލުކުރަން އަޅުގަނޑަށް މަޖުބޫރު ވެއްޖެއެވެ. ތިޔަ ހަލާކު ކޮށްލަނީ ތިމާގެ އަމިއްލަ ދަރިއެއް ނުވަތަ އަމިއްލަ ކޮއްކޮއެއްގެ ދިރިއުޅުމެވެ. ތިމާގެ އަމިއްލަ އަތުންނެވެ.  ތިޔަ ދެވެނީ ކިހާ ބޮޑު އަނިޔާއެއްތޯއެވެ؟ އަދިވެސް ވިސްނޭކަށް ނުވޭތޯއެވެ.

އެންމެ ހެޔޮއެދޭ މިތުރުންނޭ! މި ޙަޤީޤަތަށް ވިސްނާ ފިކުރު ކުރާށެވެ. ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅުޖެހޭއިރު، ތިއީ ކޮންފަދަ ބޮޑު އިސްރާފެއް ތޯއެވެ؟ ނޭނގިހުރެ ކިތައް މީހުންގެ ފުރާނަޔަށް ގެއްލުން ދެވިފައި ވާނޭތޯ ވިސްނާލިންތޯއެވެ؟ ބޭކާރު ގޮތުގައި އަންދާ އަޅިކަނޑާލި ފައިސާއިން ދިރިއުޅުމުގައި އެތައް ކަމެއް ހާސިލް ވީހެވެ. ތިހެން ނުހަދާށެވެ. މަންމައާއި ބައްޕަ އެތިބަ ރޮއެ އާދޭސް ކުރަނީއެވެ. ތިޔަ ނުބައި ޢަމަލު ހުއްޓާލާ ތޯއެވެ. އެދެމީހުން ހިތުގައި ޖައްސަން ހެޔޮ ނުވާނެއެވެ. އެ އާދޭހަށް އިޖާބަ ދޭށެވެ. ސުވަރުގެވަނީ ތިބާގެ މަންމަގެ ފައިތިލަ ދަށުގައެވެ.

ލިޔެލަން ކިތަންމެ ފަސޭހަޔަސް، މިވަބާއިން ދުރުވުމުގެ އުނދަގޫކަން ޚުދު އަޅުގަނޑަށްވެސް އެނގެއެވެ. އެ އުނދަގޫ ހަނގުރާމައިން އަޅުގަނޑުފަދަ އެތައް ޒުވާނުންނެއް ކާމިޔާބު ހޯދައިފިއެވެ. ތިޔަ އެކުވެރީންނަށް ވެސް ވާނެއެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. އިންޝާﷲ މާތްﷲ އެކަމަށް އަދާ ދުޢާކޮށް ގަދައަޅާ މަސައްކަތް ކޮށްފިނަމަ، ތެދުމަގު ނުދައްކަވާނެ އެއްވެސް އަޅެއް ނުވެއެވެ.

ނަފްސު އަނދާނުލާށެވެ!

ބުރަ މަސައްކަތުން ހޯދި ލާރި އަންދާނުލާށެވެ!

ލޯބިވާ އެންމެ ގާތް މީހުންނަށް ނޭގިހުރެ ގެއްލުން ދިނުން ހުއްޓާލާށެވެ!

މިކަން ހުއްޓާ ދުވަހަކީ މިއަދު ކަމުގައި ހަދާށެވެ!

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް