އަފުޣާނިސްތާނަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ: ޠާލިބާން

Loading

Facebook
Twitter
WhatsApp

”އަލްޙަމްދު ލިއްލާހި.“ އެމީހުން އުފަލުން ގޮވަމުން ދިޔައެވެ. ”އަލްޙަމްދު ލިއްލާހި.“

ޠާލިބާނުން އުފަލުން ވައިގެ ތެރެއަށް ބަޑިޖަހަމުން ދިޔައެވެ.

އަފުޣާނިސްތަނުގެ ބިމުގައި ތިބި އެމެރިކާގެ ސިފައިންގެ އެންމެން ފުރައިގެން ދިއުމުންނެވެ.

”އަފުޣާނިސްތާނަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ.“ ޠާލިބާނުންގެ ތަރުޖަމާނެއްކަމުގައިވާ ސުހައިލު ޝާހީން ވިދާޅުވިއެވެ. ”ގައުމުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން މުބާރަކްބާދު ދަންނަވަން.“ އަފުޣާނިސްތަނުގައި ތިބި އެމެރިކާގެ ސިފައިގެތެރެއިން އެންމެ ފަހު މީހާވެސް މިހާރު ވަނީ ފުރައިގެން ގޮސްފައެވެ.

”މިއީ އަޅުގަނޑުމެން އެންމެންނަށް ލިބުނު ފަތަޙައެއް.“ ޠާލިބަންގެ ތަރުޖަމާނެއްކަމުގައިވާ ޒަބީހުﷲ ވިދާޅުވިއެވެ. ”ޠާލިބާނުން ބޭނުން ވަނީ އެމެރިކާއާއެކު ވެސް ރަނގަޅު ގުޅުމެއް ބާއްވަން.“

ޠާލިބާނުން: އެމެރިކާ ބަލިކޮށް އަލުން ގައުމުގެ ވެރިކަން ހޯދި

ވިހި އަހަރު ދުވަސްވާނދެން އަފުޣާނިސްތަނުގެ މައްޗަށް އެމެރިކާ ސިފައިން އަތްގަދަކޮށްގެން، އަޅުވެތިކޮށްގެން ތިބި ތިބުން މިހާރު ވަނީ ނިމުމަކަށް ގެނެވިފައެވެ.

އަފުޣާނިސްތާނުން އެމެރިކާ ސިފައިން ބާލައި ނިމިއްޖެ ކަމަށް އެމެރިކާއިން ވެސް ވަނީ އިއުލާނުކޮށްފައެވެ. އަދި އެކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރ ޖެނެރަލް މެކަންޒީވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.

ވެރިރަށް ކާބުލްގެ އެއާރޕޯޓުގެ ކޮންޓްރޯލް ވެސް މިހާރު އޮތީ ޠާލިބާނުންގެ ބެލުމުގެ ދަށުގައެވެ. އެއާރޕޯޓު ސަރަހައްދުގެ އެތެރެއާއި ބޭރުގައި ވެސް ތިބީ ޠާލިބާނުންނެވެ. މިވަގުތު ވަނީ އުދުހޭ ބޯޓުތަކުގެ ދަތުރުތައް މެދުކެނޑިފައެވެ. ކަމާގުޅޭ ތަޖުރިބާކާރުން ނެތުމުގެ ސަބަބުން ތުރުކީއާއި ޤަޠަރުގެ އެހީގައި މީހުން ތަމްރީނުކޮށް އެއާޕޯޓުގެ ދަތުރުތައް ފެށުމަށް ޠާލިބާނުން ދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާގެ ސިފައިން އަފުޣާނިސްތާނުން ފައިބަން އޮތީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ވިޔަސް އޭގެ އެއްދުވަސް ކުރިން އެމީހުން ވަނީ އަފުޣާނިސްތާނުން ފައިބައިގެން ގޮސްފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެހެން ހެދުމުގެ ބޭނުމަކީ އިތުރު ނުރައްކަލެއް ކުރިމަތިވުމުގެ ކުރިން ސަލާމަތްވުމެވެ.

އެމެރިކާގެ ތާރީޚުގައި އެގައުމުން ކުރި އެންމެ ދިގު ހަނގުރާމައަކީ އަފުޣާނިސްތަނުގެ ޠާލިބުންނާ ދެކޮޅަށް ކުރި ހަނގުރާމައެވެ. އެއީ އެމެރިކާއަށް ކާމިޔާބެއް ނުލިބި ލަދުވެތި ގޮތަކަށް ބަލިވި ހަނގުރާމައެކެވެ.

އެމެރިކާގެ ސިފައިން އަފުޣާނިސްތާނުގައި: ފޭބީ ބަލިވެގެން

އެމެރިކާއަށް 11/9 ގައި ދިން ހަމަލާގެ ރޭވުންތެރިންނާއި ހައްދު ފަހަނަޅާފައި ތިބި ބަޔަކު އަފުޣާނިސްތާނުގައި އުޅޭ ކަމަށް ބުނެ އަފުޣާނިސްތާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ޠާލިބާނުންގެ ވެރިކަން ވައްޓާލެވުނަސް 20 އަހަރު ފަހުން އެމެރިކާ ސިފައިން އަފުޣާނިސްތާނުން ފޭބުމުގެ ކުރިން ޠާލިބާނުން ވަނީ އަފުޣާނިސްތާނުގެ ވެރިކަން އަލުން ހޯދާފައެވެ.

އަފުޣާނިސްތާނުގެ ހަނގުރާމައަށް އެމެރިކާއިން 2.5 ޓްރިލިއަން ޑޮލަރ ޚަރަދުކޮށްފައިވެއެވެ. އެމެރިކާގެ ސިފައިންގެ ތެރެއިން 2462 މީހުން މަރުވެފައިވެއެވެ. އަދި އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުގެ އަނިޔާވެރި ހަމަލާތަކުގައި ޠާލިބާނުންގެ ހަނގުރާމަވެރިންނާއި ކުށެއްނެތް އަފުޣާނިސްތާނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވެއެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދީން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ.

ހަނގުރާމައިގެ މައިދާނުގައި ކުޑަ ކުއްޖަކު: އެމެރިކާއިން އެތައް ބަޔަކު ޝަހީދުކޮށްލި

އެމެރިކާގެ ސިފައިންގެ އަތްދަށުން ގައުމު މިނިވަންކުރުމަށްފަހު ޠާލިބާނުން މިހާރު ތައްޔާރު ވަމުންދަނީ އަފުޣާނިސްތަނުގައި ވަރުގަދަ އިސްލާމީ ވެރިކަމެއް ގާއިމުކުރުމަށެވެ. އެކަމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކާއި އެ ގައުމުތަކުގެ ބައިވެރިން ބޮޑެތި ހުރަސް ތަކެއް ކުރިމަތި ކުރާނެއެވެ. އަދި އަފުޣާނިސްތާނުގެ ހިތްވަރުގަދަ މުސްލިމުން އިގުތިސާދީ ގޮތުންނާއި ފިކުރީ ގޮތުން އަޅުވެތި ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންދާނެއެވެ. ނަމަވެސް މިއަދު އަފުޣާނިސްތަނުގެ މުސްލިމު ރައްޔިތުން ދަނީ ގައުމަށް ފުރިހަމަ މިނިވަންކަން ލިބުމުގެ އުފާ ފާޅުކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް