ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ މައްސަލަ ތަހުގީގު ކުރަން ހުށަހެޅި މައްސަލާގައި ބަހުސްކުރަން މަޖިލީހުން ފާހެއް ނުކުރި

Loading

Facebook
Twitter
WhatsApp

ރައީސް ޔާމީނަށް ނުހައްގުން ހުކުމް ކުރުވުމަށް ފަނޑިޔާރުންނަށް ނުފޯޒުފޯރުވާ މައްސަލަ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގު ކުރުވުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުއްވި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރާގޮތަށް ފާހެއް ނުވިއެވެ.

އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް ފަސް އަހަރުގެ ޖަލުހުކުމެއް ކޮށްފައި ވަނީ ނުހައްގުން ކަމަށާއި އެއީ ފާސިގު ހެކި އުފައްދައިގެން ކޮށްފައިވާ ސިޔާސީ ހުކުމެއްކަމަށް ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތަކުރާރުކޮށް ބުނަމުންދަނިކޮށް، ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ތިބި ބައެއް ފަނޑިޔާރުންނަށް ރިޝްވަތުދީ ބިރުދައްކާފައިވާކަން އެނގޭ އޯޑިއޯ ތަކެއް ލީކުވެ ރައީސް ޔާމީނަށް ހުކުމްކުރި ފަނޑިޔާރަކަށް ލިބޭނެކަމަށް އަންގާފައިވާ މަގާމުގެ ކުރިއެރުން ލިބިފައިވާއިރު، އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރަކަށް ލިބޭނެކަމަށް ބުނެފައިވާ މަގާމުގެ ކުރިއެރުން ލިބިފައި ނުވާކަމުގެ ޝަކުވާއާއި އެ ފަނޑިޔާރު ރައީސް ޔާމީނުގެ ޝަރީއަތުގެ ބެންޗުގައި އިންނެވީ، ހުކުމުގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާ ހާލުގައިވެސް ސަރުކާރުން އަންގާފައިވާތީ ކަމަށް އެ އޯޑިއޯތަކުން ދޭހަވާކަމަށް ވާހިނދު ލީކުވެފައިވާ އޯޑިއޯތަކުން ރައީސް ޔާމީނަށް ނުހައްގުން ހުކުމް ކުރުމުގައި ރިޝްވަތު ދިނުމާއި ބިރުދެއްކުމާއި މަޖުބޫރުވުންތަކެއް ފަނޑިޔާރުންނަށް ކުރިމަތިވެފައިވާތީ ރައީސް ޔާމީނުގެ ޝަރީޢަތްކުރި ފަނޑިޔާރުންނަށް ރިޝްވަތުދީ ބިރުދައްކާފައިވާ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ސަރުކާރުގެ މުއައްސިސާތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މައްސަލަ މަޖިލީހުގައި ބަހުސުކުރުމަށް ފެނޭތޯ ބެލުމަށް ވޯޓަކަށް އެހުމުން އެ މައްސަލާގައި ބަހުސު ކުރަން ފެންނަކަމަށް ވޯޓު ދެއްވީ ހަތް މެންބަރުނެވެ. ނުފެންނަ ކަމަށް 20 މެމްބަރުން ވޯޓު ދެއްވިއެވެ. މަޖިލީހުގެ ޖުމުލަ 87 މެންބަރުންގެ ތެރެއިން ހާޒިރުވެ އިއްބެވީ 32 މެންބަރުންނެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައެއް ސާބިތުވާކަމަށް ބުނެ ނޮވެމްބަރު 28، 2019 ގައި ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ.

ޔާމީނުގެ މައްޗަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަތީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދު ޙުސެއިންއާއި ގާޒީ ޙުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަޙުމަދު ޝަކީލާއި ގާޒީ ޢަލީ އާދަމާއި ޑްރަގް ކޯޓުގައި މިހާރު ހުންނެވި ގާޒީ މުޙައްމަދު ސަމީރެވެ. އެ ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ލީކުވެފައިވާ އޯޑިތަކުގައި ވަނީ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރުގެ އަޑު ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އެ އޯޑިއޯތަކުގައި ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު ރައީސް ޔާމީނުގެ މައްޗަށް ކުރެވިފައިވާ ހުކުމުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން ދޭހަވެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ބުނަމުން ދަނީ ބޭޒާރުވެފައިވާ އޯޑިއޯތަކުން ޔާމީންގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމުގެ ހެއްކި ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެގެންދާކަމަށެވެ.

ރައީސް ޔާމީނަށް ނުހައްގުން ހުކުމް ކުރުވުމަށް ފަނޑިޔާރުންނަށް ނުފޯޒުފޯރުވާ މައްސަލަ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގު ކުރުވުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުއްވި މައްސަލައިގައި ބަހުސްކުރަން ނުފެންނަ ކަމަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެންބަރުން ވޯޓުދީ އެ މައްސަލަ މަޖިލީހުން ބޭރުކުރިއިރު، ރާއްޖޭގެ ފަރަކަށް އެރި ބޯޓެއްގެ މައްސަލަ، ކުއްލި މައްލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅައި އެމްޑީޕީ މެންބަރުންގެ ތާއިދާއެކު ހޯމަދުވަހު ވަނީ އެކަމާމެދު ވާހަކަދައްކައި ބަހުސްކޮށްފައެވެ.

 

Loading

One Response

  1. ވީމާ ހަމް ރަގަޅައްވެސް ދެއަތާއި ދެފައަ ބަޭނީތާ? އެ ނޫނާ ކީއްވެ ނުބެލެންވާ؟

Leave a Reply to އިބުރާހިމް މުފީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް