ކޮވިޑު ބޫސްޓަރ ވެކްސިން ޖަހަން އިޒްރޭލުން ނިންމައިފި

31

ބާރަ އަހަރުން މަތީގެ ކުދިންނަށާއި ބޮޑެތި މީހުންނަށް ކޮވިޑު ބޫސްޓަރ ވެކްސިން ޖަހަން އިޒްރޭލުން ނިންމައިފިއެވެ.

ގައުމުގެ ބޮޑު ވަޒީރު ވިދާޅުވިގޮތުގައި މީގެ މަހެއްހާ ދުވަސްކުރިން އިސް މީހުންގެ މެދުގައި ފެށި ވެކްސިން ކެމްޕެއިނުން ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކުރިމަލިވާ ބަލިތައް ވަނީ ވަރަށް ބޮޑަށް މަދުކުރެވިފައިކަމަށެވެ.

އިޒްރޭލުގެ ސިއްހަތާ ބެހޭ އިސް އޮފިޝަލުން މިދިޔަ އާދިއްތަ ދުވަހު މަޢުލޫމާތު ދިން ގޮތުގައި ޖަހާތާ ހަ މަސްދުވަހުގެ ތެރޭގައި ފާއިޒާ ބައޮންޓެކް ވެކްސިނުގެ އަސަރު ކުޑަވެގެން ދެއެވެ. އެހެން ކަމުން ބޫސްޓަރ ވެކްސިނެއް ޖެހުމަކީ މިވަގުތު ވަރަށް ބޭނުން ޖެހިފައިވާ ކަމެކެވެ.

އިޒްރޭލުގެ ސިއްހަތާ ބެހޭ ވުޒާރާގެ ޕަބްލިކް ހެލްތުގެ ހެޑް ޝަރޮން އަލްރޮއިޕްރެއިސް ވިދާޅުވި ގޮތުގައި ތާޒާކަން މަތީގައި ހުރި އިރު ދެވަނަ ޑޯޒުން ރައްކާތެރިކަން ލިބުނު ފަދައިން ތިންވަނަ ޑޯޒެއް ޖެހުމުންވެސް ރައްކާތެރިކަން ލިބިގެން ދާނެއެވެ.

ބޫސްޓަރ ވެކްސިން ގެ ވާހަކަ އިޢުލާނު ކުރި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވި ގޮތުގައި ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހުމުން

ރައްޔިތުންގެ ރައްކާތެރިކަން 10 ގުނައަށް އިތުރު ވެގެން ދާނެއެވެ.

ކޮވިޑް ވެކްސިނުގެ ތިން ވަނަ ޑޯޒެއް ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިންގެ ދެ ވަނަ ޑޯޒު ފުރިހަމަ ކުރިތާ މަދުވެގެން ފަސް މަސް ވެފައި ވާނަމަ ތިން ވަނަ ޑޯޒު ޖެހޭނެއެވެ.

އާބާދީގައި 9.3 މިލިޔަން މީހުން ހިމެނޭ އިޒްރޭލުގައި މިހާތަނަށް ދެ މިލިޔަން މީހުން ވަނީ ތިން ވަނަ ޑޯޒު ފުރިހަމަކޮށްފައެވެ.

ބޮޑު ވަޒީރު ނަފްތަލީ ބެންނެޓް ނެރުއްވި ބަޔާނެއްގައި ވާގޮތުން މިހާރުވެސް ދަނީ ބަލި އިތުރަށް ސީރިއަސްވުން މަދުވެ، ބޫސްޓަރ ވެކްސިނުގެ ނަތީޖާ ފެންނަމުންނެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހުރިހާ ރައްޔިތުން ވެސް ވެކްސިންގެ ތިން ވަނަ ޑޯޒު ފުރިހަމަ ކުރަން ޖެހޭނެއެވެ.

ދުނިޔޭގެ އާބާދީން ބޮޑު ބަޔަކަށް ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކުރުން މުހިންމު ކަމަށް ބުނެ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ތިން ވަނަ ޑޯޒު ޖެހުމަށް ދެކޮޅު ހެދި ނަމަވެސް އިޒްރޭލާއި އިތުރު އެހެން ޤައުމުތަކުން ވެސް ދަނީ ބޫސްޓަރ ވެކްސިން ޖަހަމުންނެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ