އާސެނަލް ތިން މެޗުން ތިން ބަލިވެ ލީގުގެ އެންމެ ފުލުގައި

Loading

Facebook
Twitter
WhatsApp

ސެންޓަރ ފޯވާޑެއް ނުލިބިގެން މުޅިދުނިޔޭގައި ދާ އަޅަމުންދާ މެންޗެސްޓަރ ސިޓީއާއި އާސެނަލް މިއަދު ހަވީރު ބައްދަލުކުރި މެޗުގެ 12 މިނިޓުއިރު ހޭދަވެގެން ދިޔަ އިރު ސިޓީން އޮތީ ދެ ލަނޑު ޖަހާފައެވެ.

ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނިޓުގައި ޖެހީ ގުންޑޮގާންއެވެ. އޭގެ ހަ މިނިޓު ފަހުން ފެރާން ލަނޑެއް ޖަހައި ސިޓީއަށް އައު ހިތްވަރެއް ހޯދައިދިނެވެ. އެ ދެ ލަނޑުވެސް ސިޓީން ޖެހީ އާސެނަލްގެ ދިފާއީ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ.

މެޗުގެ 36 ވަނަ މިނިޓުގައި ފެނިގެން ދިޔައީ އާސެނަލްގެ ރިހޭ ފައިމައްޗަށް ފޮއިވެއްޓުނު ތަނެވެ. މެދުތެރެއަށް ކުޅެމުންދިޔަ ޒަކާ ކުރި ނުރައްކާތެރި މޮޔަ ޓެކުލެއްގެ ސަބަބުން ރެފްރީ އޭނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވައިލިއެވެ. ޓީމުގެ މުހިންމު ކުޅުން ތެރިއެއްކަމުގައިވާ ޒަކާ ކުރި ނުރައްކާތެރި ޓެކްލްއަކަށް ރަތްކާޑު ދެއްކުމުން އާސަނަލް މޮޅުވެދާނެކަމުގެ ހުރިހާ އުއްމީދެއް ފެނަށް ވެގެން ދިޔައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ސިޓީން ނަތީޖާ ހަރުދަނާ ކުރިއެވެ. އެ ލަނޑު ޖެހީ ޖޭސަސް އެވެ.

އާސެނަލްގެ ދިފާއީ ކުޅުންތެރީން ތަކުރާރުކޮށް ގޯސް ހަދަމުން ދިޔަ އިރު މެދުތެރެވެސް އޮތީ ފޫގޮސްފައެވެ. އެހެންވެ ކުރިއަށް ކުޅުނު ކުޅުންތެރީންނަށް ހަމަލާއެއް އުފެއްދޭގޮތެއް ނުވިއެވެ.

ފަހުހާފުގައި އާސެނަލްއަށް އޮތީ ގޯލް ދިފާއު ކުރުމެވެ. މުޅި ޓީމު ފަހަތަށް ފައިބައިގެން ދިފާއީ ކުޅުމެއް ކުޅުނުކަމަށްވިޔަސް ސިޓީން އިތުރު ދެ ލަނޑުޖަހައި ނަތީޖާ 5-0އަށް ބަދަލުކުރިއެވެ. އެ ދެ ލަނޑު ޖެހީ ރޮޑްރީއާއި ފެރާންއެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފޯޑާ ކުޅެ 3-0 އިން އަދި ދެވަނަ މެޗުގައި ޗެލްސީ އަތުން 2-0 ލަނޑުން ބަލިވެފައިވާ އާސެނަލް ތިންވަނަ މެޗުން 5-0އިން ސިޓީ އަތުން ބަލިވުމުން 20 ޓީމު ވާދަކުރާ ލީގުގައި މިހާރު އޮތީ އެންމެ ފުލުގައެވެ. މިއީ ޓީމަކުން ފެންނާނެ އެންމެ ދަށް ނަތީޖާއެވެ. ބައިކޮޅަށް 10 ލަނޑު ވަން އިރު އެންމެ ލަނޑެއްވެސް ނުޖެހެއެވެ. މި ދަށް ނަތީޖާގެ ސަބަބުން އެންމެ ބޮޑު ވޭނަކާއި ނުރައްކަލެއް ކުރިމަތިވެފައި ވަނީ ކޯޗު މިކާލް އާރޓެޓާއާއި ކޮޗިން ސްޓާފުންނަށެވެ.

އައު ކުޅުންތެރިން ހޯދައި ބޮޑު ޚަރަދުކޮށްގެން ލީގަށް ތައްޔާރުވި އާސެނަލްއިން ފެންނަމުންދަނީ އުއްމީދެއް ނެތް ވަނދު ކުޅުމެކެވެ. ނަތީޖާއެއް ނުފެނެއެވެ.

އާރޓެޓާގެ ބަދަލުގައި އެންމެ ފަހުން އިޓަލީގެ އިންޓަރ މިލާނަށް ޗެމްޕިއަންކަން ހޯދައިދިން ކޯޗު ކޮންޓޭ އާސެނަލްއަށް ގެންނަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ކުލަބު ފެތި އަޑިޔަށް ދާތަން ބަލަން ކުލަބުގެ ވެރިންނާއި ތަރުހީބުދޭ މީހުން ބޭނުމެއް ނުވާނެއެވެ.

އާސަނަލް ހަމައަކަށް އަޅުވަން ކޯޗު އާރޓެޓާއަށް ވަގުތު ދިނުމަށް ސިޓީގެ ކޯޗު ގާޑިއޮލާ ވަނީ ގޮވާލާފައެވެ. އެއީ ހައިރާން ވާންޖެހޭ ކަމެއްވެސް ނޫނެވެ. އެހެނީ އާރޓެޓާ ވަނީ ގާޑިއޮލާގެ އެސިސްޓެންޓެއްގެ ގޮތުން މަސައްކަތްކޮށް ސިޓީއަށް ކާމިޔާބީތަކެއް ހޯދައިދީފައެވެ. ނަމަވެސް މިއީ އާސެނަލްގެ ވެރިން ކުލަބު ސަލާމަތްކުރަން އަޅަންވީ ފިޔަވަޅުތަކާމެދު ފުންކޮށް ވިސްނާނެ ވަގުތެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް