ތަގުދީރުގެ ނިޔާ: މިހާރު “ޑެލިވެރީ ބޯއި”އެއް، ކުރީން މިނިސްޓަރެއް

746

ސަޢީދު އަޙްމަދު ޝާހު ސަޢާދާތަކީ ކުރީގައި އަފްޣާނިސްތާނުގެ ކޮމިއުނިކޭޝަންސް މިނިސްޓަރގެ މަގާމު އަދާކުރެއްވެވި ބޭފުޅެކެވެ. ނަމަވެސް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ޖަރުމަނުވިލާތަށް ހިޖުރަ ކުރައްވައި އެ ގައުމުގައި ދިރިއުޅުއްވަން ފަށްޓަވާފައެވެ.

ސަޢީދު މިނިސްޓަރކަން ކުރެއްވީ ރައީސް އަޝްރަފް ޣަނީގެ ދައުރުގައެވެ.

ސަޢީދު ވަނީ މުޅި ދުނިޔެއަށް މަޝްހޫރު އޮކްސްފޯޑު ޔުނިވަސިޓީން ދެ މާސްޓާސް ޑިގްރީ ހޯއްދަވާފައެވެ. އެއީ ކޮމިއުނިކޭޝަންސްގެ ދާއިރާއިންނާއި އެލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިންނެވެ.

އަފްޣާނިސްތާނުގައި މިހާރު ހިނގަމުންދާ ކަންކަމުގެ ވާހަކައިގެ ތެރެއިން ގިނަ ބަޔަކަށް ސަޢީދުގެ ހަޔާތްޕުޅުގެ ވާހަކަ ވަނީ ފާހަގަ ކުރެވިފައެވެ. ކުރީގައި މިނިސްޓަރެއްގެ މަގާމު ފަދަ ގަދަރުވެރި މަގާމެއް އަދާކުރެއްވުމަށް ފަހު އޭނާ ޖަރުމަނުވިލާތަށް ހިޖުރަ ކުރެއްވީ ގައުމުގެ ސިޔާސީ ހަލަބޮލިކަމުން ދުރަށް ވަޑައިގަތުމަށެވެ.

ޖަރުމަނުގައި އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ ބައިސްކަލުގައި ޑެލިވަރީ ކުރެއްވުމުގެ މަސައްކަތްޕުޅެވެ.

ކުރީގެ މިނިސްޓަރ ސަޢީދު އެންމެ ފުރަތަމަ މިފަދަ މަގާމަކާ ހަވާލުވެވަޑައިގެން އުޅުއްވާ ޚަބަރު ލިބުމާ އެކު ގިނަ ބަޔެއްގެ ފާޑުކިޔުންތަކުގެ އަމާޒަކަށް އޭނާ ވެގެންދިޔައެވެ.

މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވުމަށްފަހު މިހާރު “ޑެލިވަރީ ބޯއި”އެއް

ދެ އަހަރު ދުވަސްވާނދެން ރައީސް އަޝްރަފް ޣަނީގެ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވުމަށްފަހު ބައިސްކަލުގައި ގޭގެއަށާއި ތަންތަނަށް ތަކެތި ގެންދެވުމުގެ މަސައްކަތް ކުރެއްވިއަސް އޭނާ އެކަމާ ކަންބޮޑުވެވަޑައިގެން ހިތާމަފާޅުކުރައްވާފައެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީވެސް ހަމަ ރަނގަޅު ވަޒީފާއެކެވެ. ލާރިގަނޑެއް ވަގަށް ނަންގަވައިގެން އެތައް ބަޔެއްގެ ހައްގުތަކަށް ޚިޔާނާތްތެރިވަޑައިގެން ފިލަވައިގެން ގައުމު ދޫކޮށްލައްވާފައި އުޅުއްވުމަށްވުރެ މިގޮތް ހާސްބައި ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢީދު ޖަރުމަނުވިލާތުގައި ދިރިއުޅުއްވަން ގަސްތުކުރެއްވީ އެ ގައުމަކީ ކުރިމަގެއް އޮތް ގައުމެއް ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާތީއެވެ. މޮޅަށް ކިޔަވާ ވިދާޅުވެގެން ހުންނެވި ސަޢީދަކީ “ޑެލިވެރީ ބޯއި” އެއްގެ މަގާމަށްވުރެ މާ މަތީ މަގާމުތައް އަދާކުރެވޭނެ ގާބިލު ބޭފުޅެއްކަމާމެދު ޝައްކެއްވެސް ނެތެވެ. ނަމަވެސް އައު ގައުމެއްގައި ބޮޑު ވަޒީފާއެއްގެ ފުރުސަތުން އޭނާ މަހުރޫމުވެވަޑައިގެންފައި ވަނީ އޭނާއަށް އެ ގައުމުގެ ބަސް އެނގިވަޑައިނުގަންނަވާތީކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެހެންވެ އޭނާ މިހާރު ގެންދަވަނީ ޖަރުމަނު ބަސް ދަސްކުރައްވަމުންނެވެ.

ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ނިކުތުމުވަޑައިގަތުމުގެ ކުރިން ހަތަރު ގަޑިއިރު ޖަރުމަނު ބަސް ދަސްކުރެއްވުމަށް އޭނާ ވަގުތު ހޭދަކުރައްވައެވެ. މިހާރު އަދާކުރައްވަމުންގެންދަވާ ވަޒީފާއާ މެދުވެސް އޭނާ ހުންނެވީ ހިތްޕުޅުހަމަޖެހިވަޑައިގެންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ވެސް ތަޖުރިބާއެކެވެ.

 

2 ހިޔާލުތައް

  1. އަހަރެމެންނަމަ ލަދުން އަވަދިވެދާނެއެވެ. އަދި ހެދުނުހާދޮގެއް ގައުމަށްޓަކައި ދީނަށްޓަކައި އަދި ރައްޔަތުންނަށްޓަކަ އޭ ކިޔައިގެން ހަދައި ރައިސްއަކަށް ހުންނަމީހަކާ ގުޅިގެން މިނިސްޓަރުކަން ނުގެއްލޭނެ ހުރިހާގޮތަކަށް ނަށާނެއެވެ. މިސާލަކަށް މަޙުލޫފު، އިމްރާނުފަދަ މީހުން. މިއީ އިއްޒަތުންނަފުސު އެކިޔާ އެއްޗަކީ. ގަދަ ހަމަ ވަރަށްގަދަ. ސާބަސްފުޅެވެ. ތިއޭ ދުނިޔޭގެ ނަމޫނާ ބޭފުޅުންނަކީ. ގިނައީ ޗޯރުންނެވެ. ޖެހުނުތަނަކުން އަންބޮޑިބޮޑުކޮށް ގައުމުގެ ނިކަމެތި ރައްޔަތުން ފެލައިގެން އުޅޭބައިގަނޑެވެ. ތިއީވާ ގައުމުދެކެ ލޯބިވާ މިނިސްޓަރެވެ.

  2. އިސްލާމް ގައުމެއްގެ ރައީސްކަން ވިދިވިދިގެން 2 ދައުރު ފުރިހަމަކުރަމުންދިޔަ ބޭފުޅާކާ ކުރެވުނު އިންޓަރވިއުއެއް އަޅުގަނޑު ދުށީމެވެ. ސުވާލު ދެންނެވުނެވެ. މަނިކުފާނަށް ކަނޑައަޅުއްވާފައިވާ މުސާރައެއް ދިރިއުޅުއްވުމުގެ އެލަވެންސެއް ނުނަންގަވަމުއެވެ. މަނިކުފާނަށް ކަނޑައަޅުއްވާފައިވާ ގަނޑުވަރު ބޭނުންކުރައްވަނީ ހަމައެކަނި ޚާއްސަކުރެވޭ ރަސްމިއްޔާތަށެވެ. މަނިކުފާނުގެ ސެކިއިރިޓީގައި ތިއްބަވަނީ ހަމައެކަނި ދެ ބޭފުޅެކެވެ. އޮފީހަށް ވަޑައިގަންނަވަނީ އަމިއްލަ ކާރެއްގައެވެ. މިބާވަތުގެ އެތައް ސުވާލެކެވެ. ޖަވާބުގައި ވިދާޅުވިއެވެ. އަޅުގަނޑުގެ މުސާރައާއި އެލަވެންސް ނުނަގަނީ އަޅުގނަޑު ވަޒީފާއަދާކުރަމުންގެންދާ ގޮތާމެދު ހިތްހަމަނުޖެހޭ ރައްޔިތަކު ހުރެދާނެތީ ގިޔާމަތްދުވަހުން އެކަމަށް ދޭނެ ޖަވާބެއް ނެންގޭތީ ބިރުންނެވެ. ދިރިއުޅުމަށް އަޅުގަނޑުގެ ޢާއިލީގެ ފުދެއެވެ. މިހާތަނަށް އެއްވެސް ފަރާތެއްގެ ނުރައްކަލެއް ދިމާނުވެއެވެ. ސެކިއުރިޓީ އިތުރުކުރުމުގެ ބޭނުމެއް ނެތެވެ. ބައްޕަގެ ކާރު ބޭނުންކުރާނެ އެހެން މީހަކު ނެތުމުން އެކާރު ބޭނުންކުރަނީއެވެ. ޢާއިލާގެ ޚަރަދުތައް ހަމަޖައްސަވަނީ ރަސްމީގަޑިތަކަށްފަހު މަދަރުސާތަކުގައި ކިޔަވާދިނުމުން ލިބޭ އުޖޫރައިންނެވެ. މި ބޭފުޅާ އަދިވެސް ދުނިޔޭގައި އެބަހުންނެވިއެވެ. ޢާއިލާގެ ޚަރަދު ބަލަހައްޓަވަނީ މަދަރުސާތަކުގައި ކިޔަވާދީގެންނެވެ. ދެ ދައުރުގައި ރައީސް ކަންކުރެއްވުމުންލިބޭ އެއްޗެއް ސަރުކާރަށެވެ. އަޅުގަނޑުމެން މިފަދަބޭފުޅުންގެ ކިބައިން ދަސްކުރަންޖެހޭ އުނގެނުންތައް ބައިވަރެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ