ބަރުލަމާނީ ހުންގަނޑު!

Loading

Facebook
Twitter
WhatsApp

ލިޔަންފެށުމުގެކުރިން އުސްތާޒަކު ދަސްކޮށްދެއްވި ބަސްކޮޅެއް މިތާގައި ހަނދާން ކޮށްލާނަމެވެ.

ޚަލީފާ ޢަލީގެފާނު ވިދާޅުވި ބަސްފުޅެއްގައި އޮންނަކަމަށް އަޅުގަނޑުގެ އުސްތާޒު ވިދާޅުވެ ދެއްވިއެވެ. ”މިދުނިޔޭގައި އިންސާނާއަށް އޮތީ ދެ ދުވަހެކެވެ. އެއްދުވަސް ތިބާއަށް ޓަކައެވެ. އެދުވަހު ބޮޑާވެ ކިބުރުވެރިވެ ނުގަންނަހުށިކަމެވެ. އަނެއްދުވަސް ތިބާއާއި އިދިކޮޅަށެވެ. އެދުވަހު ކެތްތެރިކަން އިސްކުރާހުށިކަމެވެ“. ކިހާ ޢިބުރަތްތެރި ނަސޭޙަތުގެ ބަސްފުޅެއްތޯއެވެ.

ދުވަސްތަކަށްފަހު އަނެއްކާވެސް ބަރުލަމާނީ ނިޒާމުގެ ސަރުކާރެއް އުފަށްދައި ބަރުލަމާނީ، ތިންބާރު އެކުވެފައިވާ ސިސްޓަމަކުން ދިވެހި ދައުލަތް ހިންގަން ބޭނުންވާ ބަޔަކު އެކަމަށް ފައިނަގައިގެން މަސައްކަތްކުރަމުން ގެންދާކަން ނޫސްތަކުގެ ފަލަ ސުރުޚިއަށް އަރައިފިއެވެ. ދިވެހި ރައްޔިތުން ގޮތެއްނިންމާފައި އޮތްކަމަކާދޭތެރޭ ބޮޑުންގެ ބަޔަކު ޚިޔާލު ތަފާތުވާ ކޮންމެފަހަރަކު އެގޮތަކަށް ދީއްލާލުމަށް މަގުފަހިކުރަންޖެހޭތޯ ގިނަބަޔަކު ސުވާލުކުރެއެވެ؟

ހަގީގަތަށް ބުރަވެ ހުރެ ދަންނަވާނަމަ އެ ކުރަންއުޅޭ ކަމެއްގެ ހަގީގަތާއި މިހާރު ސަރުކާރު ހިންގަމުން ގެންދާގޮތާއި ދެން އަލުން ގެންނަން އުޅޭ ގޮތުގައި ހުރި ތަފާތަކީ ކޮބައިކަން އާންމު ރައްޔިތުންނަކަށް ނޭގެއެވެ. އަދި އަންގައިދޭކަށްވެސް ދެފަރާތުންވެސް މާގިނަ މަސައްކަތްތަކެއް ނުކުރެއެވެ. އެހެންކަމުން ދެންނެވެނީ އެންމެފުރަތަމަ ރައްޔިތުން އަރިހަށްގޮސް މިކަންކަން ވަރަށް ސާފުކޮށް ރައްޔިތުންނަށް އޮޅުންފިލުވާދޭން އެބަޖެހެއެވެ. ފުރަތަމަވެސް ތާއީދު ހޯދަން ޗައްކަރު ޖައްސަން ފަށަންވީއަކީ ނޫންނެވެ. ބަރުލަމާނީގައި ހުރި މޮޅުގޮތާއި ފައިދާ ތައް ރައްޔިތުންގެ އަރިހަށްގޮސް ކިޔާދީ އޮޅުން ފިލުވާދިނުމަށް ޚަރަދުތަކެއް ހިނގިނަމަވެސް އެގޮތުގައި ކުރިއަށްދިއުން ރަނގަޅެވެ.

ބަރުލަމާނީ ގެންނަން މަސައްކަތް ކުރަނީވެސް ލިއްލާހިއަށް ޓަކައެއް ނޫންކަން ޔަގީނެވެ. ފަހުން ހޯދަން ބޭނުންވާ ބޮޑު ފައިދާގަނޑެއްގެ އެޖެންޑާގެ ދަށުންކަން އެންމެނަށްވެސް އެނގެއެވެ. ދީނަށްޓަކާއި ގައުމަށްޓަކައި ރައްޔަތުންނަށްޓަކައި އެޖެންޑާ19 ގެ ވަޢުދުގެ ދަށުން ކުރާވެރިކަންވެސް ފެނިއްޖެއެވެ. އަބަދުވެސް ކަންހިނގަމުންދަގޮތް މިވަނީ ތަޖުރިބާކުރެވިފައެވެ.

ބަރުލަމާނީ ބާރުވެރިކަމުގައި ސަރުކާރު ހިންގާނަމަ މެދުވެރިވެދާނެ ފައިދާއާއި ގެއްލުމާއި ބެހޭގޮތުން ކަމުގެ ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ ދެތިން ބަހެއް ހިއްސާކޮށްލަން ގަސްދުކުރަމެވެ. ބަރުލަމާނީއަށް ތާއީދުކޮށް ފޯމުގައި ސޮއިކޮށްލުމުގެ ކުރިން ވިސްނާލުމަށްޓަކައެވެ.

އަބަދުވެސް ކޮންމެ ކަމެއްގައި ވެސް އިލްމުވެރިންގެ ބަސް އޮތްގޮތް ބަލައި ވިސްނުން އެއީ އެންމެ ބުއްދިވެރި ގޮތެވެ. މިހާރަކަށް އައިސް ވަރަށްގިނަ މަޝްހޫރު ސިޔާސީ އިލްމުވެރިން ދެކޭ ގޮތުގައި ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ސަބަބެއްކަމަށް ފާހަގަ ކުރައްވާފައިވަނީ ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަކަމެވެ.

ބަރުލަމާނީ ތަޖުރިބާ ކޮށްފައިވާ ޢިލްމުވެރިން ބުނާގޮތުގައި އެ ނިޒާމުގައި ގާނޫނު ތައް ހެދުމާއި ތަންފީޒުކުރުން އެއްބައެއްގެ އަތްމަތީގައި އޮތުމުން ބާރުތައް ވަކިވެފައި އޮތްކަމަކަށް ނުބެލޭނެއެވެ. ނަތީޖާއަކަށް ވެގެންދާތަން ފެންނަނީ ސަރުކާރު ހިންގުމުގައި ގާނޫހަދާ މަޖިލީސްތަކުގެ މެމްބަރުންގެ ނުފޫޒު ރިޔާސީ ނިޒާމަށްވުރެ އިންތިހާއަށް ގަދަކުރުމާއި އެމެމްބަރުންގެ ޖާހިލުކަން ހައްދުން ނެއްޓިގެން ދާތަން ފެނުމެވެ.

ޖާހިލުކަން ހައްދުން ނެއްޓިގެންދާ ކަމަށްމިބުނެވެނީ އެމީހުންނަކީ ރައްޔިތުންގެ މަސްލަޙަތު ރައްކާތެރިކޮށް ކަށަވަރު ކުރުމަށް އިންތިޚާބު ކޮށްފައިވާ ބައެއްކަން ހަނދާންނެތި މުޅިރައްޔިތުންނަކީ އެ މެމްބަރުން ބޭނުންވާގޮތަކަށް އާނބަސް ބުނަންޖެހޭ ބައެއްކަމަށް ވިސްނަންފަށާ ހިސާބަށް ކަންތައް ދާތީއެވެ. އެ މެމްބަރުން ބޭނުންވާކޮންމެ ކަމެއްގައި އަދި ކޮންމެ ހިނދެއްގައި ސިޔާސީ ނުފޫޒު ނަހަމަގޮތުގައިވެސް ބޭނުންކުރަން ފަސްނުޖެހޭކަން ދައްކުވާދީފައިވާތީއެވެ. އެމީހުންގެ ޙަރަކާތްތަކާމެދު އިސްލާޙަށްވިޔަސް ފާޑުކިއުމުގެ ފުރުސަތު ރައްޔަތުންނަށް ލިބިނުދޭތީއެވެ.

ބަރުލަމާނީގެ ހަމަ އެންމެރަނގަޅު އެއް ސިފައެއްކަމަށް ފާހަގަ ކުރެވިފައިވަނީ ސަރުކާރުހިންގަން ފަސޭހަވުމެވެ. މަޖިލީހުގައި ސަރުކާރުގެ އަޣްލަބިއްޔަތު އޮތުމުން މަޖިލީހުގައި މުޅި ކެބިނެޓް ޝާމިލު ކުރެވިފައިވުމުން ސަރުކާރުން ހަދަންބޭނުންވާ ގާނޫނުތަކާއި ގެންނަން ބޭނުންވާ އިސްލާޙުތަކަށް ފާޑުކިޔައި ހުރަސް އެޅިދާނެ ވެއްޓެއް ނެތުމުގެ ސަބަބުން ފަސޭހަކަމާއެކު ބޭނުންކަމެއް މަޖިލިސްތެރެއިން ނިންމާ ސިއްކަ ޖަހާލެވޭތީއެވެ.

ކިޔާއުޅެނީ ދައުލަތަކީ ރައްޔިތުންނާއި އެގައުމުގައި ވާހައެއްޗެއްކަމަށެވެ. ފުރަތަމަ ރައްޔަތުންނެވެ. މިކިޔާ ބަރު-ލަމާނީގައި އެހެންނަމަވެސް ރައްޔިތުންގެ ނަމުގައި ކަނޑައަޅާފައި ހުންނަ އެންމެ އިސްމަގާމަކީ މާބޮޑު ބާރެއް ތަމްސީލުކުރެވޭ މަގާމެއް ނޫނެވެ. އެއީ ހަމައެކަނި ނަމެކެވެ. އަދި އެމަގާމަށް މީހަކު އިސްކުރުމުގައި ރައްޔިތުންގެ ދައުރެއްވެސް ނޯވެއެވެ. ހުރިހާ ބާރުތަކެއް ތަމްސީލުކުރަނީ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅެކެވެ. އެބޭފުޅާގެ އިހްސާންތެރިކަން ރައްދުކުރަނީ ރައްޔިތުންނަކަށް ނޫނެވެ. އެ ބޭފުޅާ އިންތިޚާބުކުރި މެމްބަރުންނާއި ނިސްބަތްކުރެވޭ ސިޔާސީ ޕާރޓީތަކަށެވެ. ސަބަބަކީ އެ މެމްބަރުންގެ ތާއީދު ގެއްލިއްޖެނަމަ އޭނާގެ މަގާމާއި ބާރު ގެއްލިގެންދާތީއެވެ.

ދެންވެސް ތަކުރާތުކޮށްލަން ޖެހޭ އެންމެބޮޑު ކަމަކީ ސަރުކާރު ހިންގުމުގައި ތިއްބަވާ ވަޒީރުންނަކީ މަޖިލީހުގެ ވެސް މެމްބަރުންކަމެވެ. މިކަމުން އުފެދޭ ފުށޫ އެރުންތައްވެސް އެހާ ގިނައެވެ. ކަންތައްކުރަންވީގޮތުގެ މަގުޗާޓު ކަނޑައަޅާ މީހާގެ އިޚްތިޔާރަށް ކަންތައްތައް ހިންގުމުގެ ހުރިހާކަމެއްވެސް ދޫކުރެވިފައިއޮތުމެވެ. އެއީ ކަންތައްކުރުމަށް އޮތް އެންމެރަނގަޅުގޮތް ކަމަށް ނުވުން ގާތެއެވެ. ކެއްސަމުން ލޯގަނޑު އުކާނުލެވޭނެއޭ ބުނާ ބީދައިންނެވެ.

އަދި ފަސޭހަކަމާއެކު ސަރުކާރު ވައްޓާލުމުގެ މަގުތައް ފަހިވެފާއޮތުމުން ބަރުލަމާނީ އަކީ ރައްޔިތުންނަށް ޚަރަދުބޮޑު އަދި އިންތިޚާބުގެ ތަކްލީފްތަކާ ގިނަގިނައިން ކުރިމަތިލާން ޖައްސުވާ ނިޒާމެކެވެ. މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލޭ ކޮންމެފަހަރަކު އަލުން އިންތިޚާބަކަށް ދާންޖެހުން ނުވަތަ އިދިކޮޅު މެމްބަރުންގެ ފައިބުޑަޢްވެއްޓި ބޮޑުވަޒީރުގެ ގޮނޑި ސަލާމަތްކުރުމަށް ސަލާންޖަހަން ޖެހޭތީއެވެ.

މި މަޢުލޫމާތުގެ އަލީގައި ދިވެހިރާއްޖޭގެ މިއަދުގެ ޙާލަތުގައި ބަރުލަމާނީ ގެނައުމުން ވެދާނެ ގޮތަކާމެދު ވިސްނާ ފިކުރުކޮށްލަމާ ހިނގާށެވެ. ބަރުލަމާނީ އޮތް ގިނަގައުމުތަކުގެ ޙާލަތަކީ މިއަދު އެންމެނަށްވެސް އެނގޭ ޙަގީގަތެކެވެ. އެގޮތުން މެލޭސިއާ، ޕާކިސްތާނު، އިންޑިއާ، ސްރީލަންކާ، ބަނގްލަދޭޝް، އިންގިރޭސިވިލާތްގެ ބަރުލަމާނީ މުސީބާތް މިވަނީ ފެނި ތަޖުރިބާކުރެވިފައެވެ.

އަބަދުވެސް ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުކުރެވެނީ ވަރަށް ހަނި ގޮތަކަށެވެ. މިސާލަކަށް އިންތިޚާބީ ދާއިރާއެއްގައި ތިބީ ގިނަވެގެން ވިއްސަކަށް ހާސްމީހުން ކަމަށްވެފައި އަށްޑިހައިން ސައްތަ މީހުން ވޯޓުލުމުގައި ބައިވެރިވެއްޖެނަމަ ސޯޅަހާސްމީހުން ވޯޓުދޭނެއެވެ. އެ ވޯޓުގައި ދިހަވަރަކަށް މީހުން ކުރިމަތިލައިގެން ހޮވޭ މީހަކަށް އެންމެ ގިނަ އިންވެސް ތިންހާހެއްހާ ވޯޓު ކާމިޔާބު ކުރެވިދާނެއެވެ. އެއީވެސް ދިވެހިރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑެތި ދިމަދިމާލެވެ.

މާނައަކީ އޭނާއަށް އެލިބުނީ އެ ދާއިރާގެ ރައްޔިތުންގެ ނިސްބަތުން ފަނަރައިން ސައްތައެވެ. ކޮންމެ ސަތޭކައަކުން ފަނަރަމީހުންގެ ރުހުމާއެކު މުޅިދާއިރާގެ ރައްޔިތުންގެ ނަމުގައި ވަކާލަތުކޮށް އެންމެ ފަހުބަސްބުނުމަށް ހުއްދަލިބޭ މެމްބަރު ރައްޔިތުންނަށް އިޚްލާސްތެރި ވާންޖެހޭނެ މިންވަރު ނިކަން ވިސްނާލަމާތޯއެވެ؟. އަދި އަމުދުން އެ މެމްބަރަކީ ގައުމުގެ ވަލިއްޔުލް އަމްރު (ބޮޑުވަޒީރު) ކަމަށް ވެއްޖެނަމަ ދިވެހިރައްޔިތުންގެ ހާހަކުން ހަމައެކަނި އެންމެ މީހަކުގެ ރުހުމާއެކު އޭނާއަށް އެމަގާމު ހައްގުވާނެތޯ އަމިއްލަ ނަފްސަށް ކޮންމެ ރައްޔިތަކު ވެސް ސުވާލު ކޮށްލައި ހަމަބުއްދީގައިހުރެ ވިސްނާލަން ޖެހެއެވެ.

އަދި ކިއެއްތަ! އެހެނީ އެމަގާމަށް ފައިނަގާމީހާގެ ބުއްދި ހަމައެކަނި ހުންނާނީ އޭނާ ވެރިކަމުގެ ދަހިވެތިކަމުން ކޮންމެގޮތަކުންނަމަވެސް ބޮޑުވަޒީރުކަން ހޯދުމެވެ. މިހެންވުމުން މި ބަރުލަމާނީ ބެރު މިޖަހަނީ ކޮންބައެއް ކަމާއި އެފަދަމީހުން މީގެކުރިން ވެފައިވާ ވަޢުދުތަކަށް ޙުރުމަތްތެރި ވެފައިވަނީ ކިހާވަރަކަށްތޯ ބަލައި ޖަހަމުން ގެންދާ ބަރުލަމާނީ ބެރާދޭތެރެ ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރަން ޖެހޭނެއެވެ.

މިހާރުވެސް އެޖެންޑާ19ގެ ވަޢުދުތަކާއި އެކު ގަނޑުކޮށްމަޖިލިސް ލިބިފައިވާ ވެރިކަމުގެ ޙާލާތުވެސް ދެނެތިބެ ރަނގަޅު ގޮތެއްނިންމަން ޖެހޭނީ ގައުމުގެ ވެރިން، އާދެ! ރައްޔަތުންނެވެ.

 

Loading

One Response

  1. އިންތިޚާބީ މަގާމުތަކަށް އައްޔަންކުރެވޭ ގިނަމީހުންނަކީ ކިބުރުވެރި ސިފަތަކެއް ލިބިފައިވާ އަދި އަމިއްލަ އެދުމަށްޓަކައި ވަކާލާތުކުރާ ބައެކެވެ. އަޅުގަނޑުމެންގެތެރޭންވެސް މީގެ ދިރިހުރި މިސާލުތައް ދަނީ ހާމަ ވަމުންނެވެ. މިސާލެއް ނަގާނަމަ މާލޭގައި އެއްގަމު އުޅަނދުފަހަރު ޕާރކްކުރުމުގެ މައްސަލައަކީ ދިގުދެމިގެންދާ ބޮޑު މައްސަލައެކެވެ. އެހެންނަމަވެސް މިހާރު ނޫސްތަކުން ފެންނަނީ މަޖްލިސްގެ މެމްބަރުންނަށް އެބޭފުޅުންގެ ގެކޮޅުކައިރިން ޕާރކިން ހޯއްދެވުމަށް މަސައްކަތްކުރައްވާ ޚަބަރުތަކެވެ. އަމިއްލައަށް ގަވައިދު ހަދައިގެން އަމިއްލަ ބޭނުންތައް ފުއްދޭނެ މަގު ތަނަވަސް ކުރަނީއެވެ. އެހެންނާފަހެ، އެބޭފުޅުންނަށް ޑްރައިވަރުންވެސް ގެންގުޅެވިދާނެއެވެ. އިންތިޚާބު ކޮށްދިން ރައްޔިތުންގެ ޙައްގުގައި ކަމެއް ކުރުމުގެ ވިސްނުން އެބޭފުޅުންނަށް އަންނާނީ ކޮންދުވަހަމުން ބާވައެވެ. އެދުރުބޭކަލުންގެ ބަސްފުޅެއް ވެސް މިތާގައި ހާމަކޮށްލާނަމެވެ. ޙަޒްރަތު ޢަލީގެ ފާނުގެ އަރިހުގައި ސުވާލު ދެންނެވުނެވެ. “ އިންސާނާ ނުބައިމީހެއްކަމަށް ބަލަންޖެހޭ ހިސާބެއް ވިދާޅުވެ ދެއްވާށެވެ. ޖަވާބުގައި ވިދާޅުވިއެވެ. އެހެން އިންސާނުންނަށްވުރެން އޭނާއަކީ މާ މޮޅުމީހެއްކަމަށް ދެކެންފަށާ ހިސާބުންނެވެ “
    ު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް