ބައެއް މިސްކިތްތަކުގެ ފާޚާނާތައް ބޭނުމެއް ނުކުރެވޭ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ސަރުކާރުން ވަށްކޮށް އަޅާފައިވާ ފުރަތަމަ ހުކުރުމިސްކިތުގެ ހަ ފާޚާނާގެ ތެރެއިން ބޭނުން ކުރެވެނީ އެންމެ ފާޚާނާއެކެވެ. އޭގެ ތެރެއިން ދެ ފާޚާނާ ހުންނަނީ މުދިމުގެ ބޭނުންތަކަށެވެ. ދެންހުރި ހަތަރު ފާޚާނާގެ ތެރެއިން އެއްފާޚާނާ ބޭނުންކުރާތާ އެތަކެއް ދުވަސް ވެއްޖެއެވެ. ސުވާލަކީ މިސްކިތްތަކާ ހަވާލުވެގެން އުޅޭ މުއައްސަސާއިން މިކަންކަން ނުބައްލަވަނީ ބަޖެޓް ނެތިގެންތޯއެވެ؟ ނޫނީ އެއީ މާބޮޑުކަމަކަށް ނުވަނީތޯއެވެ؟

ބަންގި ގޮވުމުން އެކިދިމާއިން މިސްކިތަށް މީހުން އަންނައިރު ވަރަށް ގިނަ މީހުން ތިބެނީ ކުޑަކަމުދާން ޖެހިފައެވެ. ފާޚާނާއަށް ވަންނަން ޖެހިފައެވެ. މިހާރު ބައިބޯވަމުން އަންނަ ހުޅުމާލޭ ޚާއްޞަކޮށް މިދެންނެވި މިސްކިތުގެ ފާޚާނާއަށް ވަންނަން ހަދާފައިވާ ކިޔޫ ދިގުކަމުން އެ މިސްކިތަށް ޢާންމުކޮށް ނަމާދުކުރަން އަންނަ މީހަކާ ސުވާލު ކޮށްލީމެވެ.

އޭނާ ބުނިގޮތުގައި ބޭނުންކުރާ ހަތަރު ފާޚާނާގެ ތެރެއިން ތިން ފާޚާނާގެ ތަށިން ނަޖިސް އަރާތީ އެ ފާޚާނާތައް ބަންދުކޮށްފައި ހުންނަތާ ދުވަސްތަކެއް ވެފައިވާކަމުގެއެވެ.

އަނެއް ސުވާލަކީ މިސްކިތު މުދިމަށް ދެ ފާޚާނާ ޚާއްޞަ ކުރެވިފައި އެވަނީ މިސްކިތްތަކާ ބެހޭ ޤަވާޢިދު ގެދަށުން ތޯއެވެ؟ އެހެންނޫންނަމަ އެހާ ގިނަ މީހުން ކުޑަކަމުދާން ގޮސް ދިގު ކިޔޫއެއްގައި ތިބޭއިރު ރަނގަޅަށް ހުރި ފާޚާނާތައް ބަންދުކޮށްގެން އުޅެނީ ކާކު ވައްދަންތޯއެވެ؟

މައްސަލަ އުޅެނީ މިދެންނެވި މިސްކިތުގައި އެކަންޏެއްނޫނެވެ. ކިތަންމެ މިސްކިތެއްގެ ފާޚާނާގައި މައްސަލަ އެބައުޅެއެވެ. މައްސަލައެއް އުޅޭކަން އެނގޭނީ ބަލާނެ ބަޔަކު ތިބެގެންތާއެވެ! ނޫންނަމަ މުޒާހަރާކޮށް ފަލަ ސުރީޚީތައް ފެންނަން ފެށުމުންތާއެވެ!

މީގެއިތުރުން ”ހަކުރު“ ވިއްކާ މީހުން ރޭގަނޑު ދަންވަރު އެ މިސްކިތުގެ މަތީ ބުރީގައި ހަކުރުބަންދުކުރަން ތިބޭކަމަށްވެސް ވެއެވެ. މިސްކިތް ބަލަހައްޓާ މީހުންނާއި މުދިމުންނަށް މަހުންމަހަށް ސަރުކާރުން މުސާރަ ދެމުންދާއިރު މިސްކިތްތައް ބަލަހައްޓާތޯ މޮނިޓަރ ކުރާނެ ބަޔަކު ވެސް ނުތިބެނީތޯ އަހާލާހިތް ވެއެވެ.

މިސްކިތަކީ މި ބިންމަތީގައި ވާ އެންމެ ޙުރުމަތްތެރި ބިނާ އެވެ. އެހެނަސް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއިން މިސްކިތްތަކަށް މާބޮޑު އަހަންމިއްޔަތެއް ދޭ ތަނެއް ނުފެނެއެވެ. ކޮންމެ މިސްކިތެއްގައި ކެމެރާއެއް ހަރުކޮށް މިސްކިތްތަކުގައި ހިންގާ ޖަރީމާތައް ބަލައި ހުއްޓުވުމަކީ ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ. ކުށްކުރާ ކޮންމެ މީހެއްގެ ފޫކޮޅުގައި ޕޮލިހަކު އެލުވާފައި ނުބޭއްވޭނެއެވެ. ޒަމާން ތަރައްގީވެ ކުރިއަރާފައި ވާއިރު، ޓެކޮނޯލޮޖީގެ ވާސިޠާއިން ކުށްކުރުން ހުއްޓުވެން ޖެހޭނެއެވެ.

މިސްކިތެއްގައި ރީތިކޮށް ބަންގިގޮވާ ކުޑަކުއްޖަކު ލައްވާ ބަންގި ގޮވައިފިނަމަ އެވާހަކަ ފަލަ ސުރުޚީއަށް އަރާއިރު، މިސްކިތު ފާޚާނާއަށް ކިޔޫ ތަރުތީބުން ވަދެވޭ ވާހަކަޔާއި އިމާމް ނަމާދު ނިންމާފައި މިސްކިތުގެ ހާލު ބެލުމެއްނެތި ގެއަށް ދާތީ، އެވާހަކަ ސުރުޚީއަށް އަރުވާނެ ބަޔަކު ނެތަތީ ހިތާމަ ކުރަމެވެ. އަނެއް ކޮޅުން މިސްކިތަށް އަރާ ބައެއް މީހުން ޖައްސާ ވައްތަރުން އެހެން މީހުނަށް އުނދަގޫ ބޮޑުވެ ޚުޝޫޢަތްތެރިކަން ގެއްލޭ ހިސާބަށް ދާތީ ވެސް ގިނަބަޔަކު ކަންބޮޑުވެއެވެ.

 

Loading

One Response

  1. ކޮއްކޯއެވެ.ތިޔައީ ޙާލު ހުރި ގޮތެވެ.ދެން ބަލާށެވެ.ރީތިކޮށް މިސްކިތް ޑިޒައިންކޮށް ހަދާފަ ހުންނައިރު ވާރެއާއި އަވިން ސަލާމަތް ކޮށް ފައިވާނާއި ބޫޓު ބެހެއްޓޭނެ ތަނެއް ގިނަ މިސްކިތް ތަކުގަ ނުހުންނާނެއެވެ.މިޒަމާނުގަ ރީތިކޮށް މިސްކިތް ހަދާފަ މިސްކިތަށްނުދާން ބުނާ ކަހަލައެވެ. ތެދކެވެ.ބައެއް ތަންތަނުގަ ބޭރުގަ ފައިވާން ބަހައްޓާ ހަރެއް ބަހައްޓައެވެ.ރަނގަޅަށް ވާރޭ ވެހިއްޖެނަމަ ބޫޓާއި ފައިވާން ތެމޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް