ޠާލިބާނުންނަށް ބިރުން އަފުޣާނިސްތާނުގެ އެތައްހާސް ބަޔަކު ގައުމުން ބޭރަށް

Loading

Facebook
Twitter
WhatsApp

ޠާލިބާންގެ ބާރުގެ ދަށަށް އަފުޣާނިސްތާން ދިޔަފަހުން 13 ހާހަށްވުރެ ގިނަ މީހުން ގައުމުދޫކޮށް ހިޖުރަކޮށްފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ އަފުޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންގެ އަދަދު އޮޅުން ފިލުވުމަށް މަސައްކަތް ކުރަމުންދާކަމަށާއި ހައެއްކަހާސް ސިފައިން އަފުޣާނިސްތާނުގައި ތިބޭނޭކަމަށެވެ.

ގައުމުން ބޭރަށްދާން ބޭނުންވާ މީހުން ގެންދަން އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު އެކަމާބެހޭ ގޮތުން ޠާލިބާނުންގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކަމުން ދާކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ. އަދި ކާބުލްގެ ވައިގެ ބަނދަރަށް ޓެރަރިސްޓު ހަމަލާއެއް ދީފާނެކަމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވިގޮތުގައި ގައުމުދޫކޮށް ހިޖުރަކުރަން ބޭނުންވާ މީހުން ގައުމުން ބޭރަށް ގެންދިއުމުގެ އިންތިޒާމުތައް އެމެރިކާއިން އިންތިޒާމު ކޮށްދޭނޭކަމަށެވެ. އަދި އަފުޣާނިސްތާނުގެ ހާލަތާ ގުޅޭ ގޮތުން އަންނަ ހަފުތާގައި ޖީސެވެންގެ ގައުމުތަކުގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވި ގޮތުގައި އަފުޣާނިސްތާނުގައި ތިބި 204 ނޫސްވެރިޔަކުވެސް ވަނީ ގައުމުން ބޭރަށް ގެންގޮސްފައެވެ.

އެމެރިކާއިން ޠާލިބާނުންނާ ދެކޮޅަށް 20 އަހަރުދުވަސް ވާނދެން ކުރި ހަނގުރާމައިގައި ޠާލިބާނުންނާ ދެކޮޅަށް އެމެރިކާއާއި ނޭޓޯސިފައިންނަށް އެހީތެރިވި އަފުޣާނިސްތާނު މީހުންނާއި އެގައުމުގައި ތިބި ލާދީނީ މީހުން ބޭނުންވަނީ ޠާލިބާނުންގެ އަތްދަށުނުވެ ގައުމުން ފިލައިގެން ދިއުމަށެވެ. ނަމަވެސް ޠާލިބާނުން ބުނެފައި ވަނީ ގައުމުދޫކޮށް ދިއުމަކީ އެމީހުންނަށާއި ގައުމަށް ގެއްލުން ހުރިކަމެއްކަމަށްވާތީ އެމީހުން ހިޖުރަނުކޮށް ގައުމުގައި މަޑުކުރުމަށެވެ. އެމީހުންގެ މަސްލަހަތަށް ގެއްލުމެއް ނުދޭނޭކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް